ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ފުވައްމުލަކު ސިޓީގެ ނައިބު ތުއްތު މަގު ކޮންމެ ދުވަހެއްގެ ހަވިރު4:00 ން ރޭގަނޑު12:00 އަށް ބަންދު ކުރުމަށް އެ ސިޓީގެ ކައުންސިލުން ނިންމައިފި އެވެ.
މިގޮތަށް ނިންމީ ކޮންމެ ދުވަހަކު އެ މަގުގައި ގިނަ އަދަދެއްގެ ބަޔަކު ފިނިބުރު ޖެހުމާއި ގިނަ ބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރު ކުރާތީ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެ ކައުންސިލުން ވަކި ގޮތެއް އަންގަންދެން އެ މަގު ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ވަގުތުގައި އެ މަގު ބޭނުން ކުރެވޭނީ ފުލުހުން ހުއްދަ ދޭ ފަރާތްތަކަށް އެކަނި ކަމަށް އިއުލާނުގައިވެ އެވެ.
މީގެ އިތުރުން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުތުން މަނާކޮށްފައިވާއިރު ބޭރަށް ނުކުންނަން ޖެހިއްޖެ ނަމަ ނުކުމެ އުޅެވޭނީ ގިނަވެގެން އެއްކޮށް ތިން މީހުންނަށް ކަމަށް ވަނީ ނިންމާފައި އެވެ. މި ނިންމުމާއި ހިލާފުވާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
ފުވައްމުލަކު ސިޓީން މިހާތަނަށް ކޯވިޑަށް ޝައްކު ކުރެވޭ ތިން މީހެއްގެ ސާމްޕަލް ނަގާފައިވެ އެވެ. އޭގެ ތެރެއިން ދެމީހެއްގެ ސާމްޕަލް ނެގެޓިވްވެފައިވާއިރު އަނެއް ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް