މުޅި ދުނިޔެ ބަލިމަޑުކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކޯވިޑް-19 އާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް މަކުނޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ މައާފަށް އެދިވަޑައިގެންފި އެވެ.
ކޯވިޑް-19 ދުނިޔޭގައި ހަލުވިކަމާއި ފެތުރެން ފެށުމުން އަވަސް ފިޔަވަޅުތަކެއް ރާއްޖެއިން އަޅަން ޖެހޭ ކަމަށް ގޮވާލާ މަޖިލީހުގައި އިދިކޮޅު މެންބަރުން ވާހަކަ ދައްކަވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވި ޖަލްސާއެއްގައި ވަނީ ދުނިޔޭގައި އުޅޭ ބައްޔެއް ކަމަށްވާނަމަ ރާއްޖެ އަންނާނެ ކަމަށް ވިދާޅުވެ އެ ބައްޔަށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ޕެނަޑޯލް ދީގެން ރަނގަޅު ކުރެވޭނެ ކަމަށް ވިދާޅުވެފައި އެވެ. ނަޝީދުގެ ވާހަކަތަކަށް ތާއީދު ކުރައްވާ އެ ދުވަހުގެ ޖަލްސާގައި މެންބަރު ރާއީގެ އިތުރުން އެމްޑީޕީގެ ގިނަ މެންބަރުން ވާހަކަ ދެއްކެވި އެވެ.
އެދުވަހު ދެއްކި ވާހަކަތަކާއި ހިތާމަ ކުރައްވާ ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދުވަހު އެގޮތަށް ވާހަކަ ދެއްކެވީ އޭރު ކޯވިޑް އާއި ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި ކަމަށެވެ. އަދި އެކަމަށް ދިވެހި ރައްޔިތުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދިވަޑައިގެންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.
https://twitter.com/Mraee12/status/1256328580692193280
އެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ ނުރައްކާތެރި ކޯވިޑާއި ގުޅިގެން ދުނިޔެ ނިމުނީކަމަށް ބަލައި ދިރިއުޅުން ބަދަލު ކުރަން ޖެހޭ ހިސާބަށް ދާންޖެހޭ ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ. އޭނާ އެ ދުވަހު ވިދާޅުވީ މިއީ އާދައިގެ ރޯގާއެއް ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން އުޅެނީ މީޑިއާއިން ކޯވިޑާއި ގުޅޭގޮތުން ފަތުރަމުންދާ ހަބަރުތަކާއި ހެދި ކަމަށެވެ.
އެދުވަހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވަނީ ކޯވިޑް އަކީ ނުރައްކާތެރި ބައްޔެއް ކަމަށް ބަލައި މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައި އެވެ.
މިހާތަނަށް ދުނިޔެއިން ތިން މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު ދެ ލައްކައަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައި އެވެ. މިހާތަނަށް ރާއްޖެއިން491 މީހަކަށް ބަލި ޖެހިފައިވާއިރު އެކަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް