އަލީބާބާގެ ފައުންޑަރު ޖެކް މާ އާއި ޗައިނާގެ އެކި ކުންފުނިތަކުން ކޯވިޑް-19އާ ގުޅިގެން ރާއްޖެ އަށް ފޯރުކޮށްދޭ އެހީތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާން ލިޖޯން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ތަކެތި ހިފައިގެން އަންނަ ފްލައިޓު ދަތުރަށް ފަށާފައިވާ ކަމަށެވެ. ޗައިނާ ސަފީރު ވިދާޅުވީ އެ ތަކެތި ގެނައުން ލަސްވަނީ ވައިގެ ދަތުރުފަތުރުގައި ދިމާވަމުންދާ ދަތިތަކާއި ހެދި ކަމަށެވެ.
މީގެ ތެރެއިން ޖެކް މާ ހަދިޔާ ކުރައްވާ ތަކެތީގެ ތެރޭގައި ހިމެނެނީ މާސްކާއި ޓެސްޓު ކިޓާއި ހަޒްމަޓް ސޫޓާއި ވެންޓިލޭޓަރާއި ތާމޯމީޓަރެވެ. ސަފީރު ވިދާޅުވީ މި ތަކެތި ހަދިޔާ ކުރާކަން ޖެކް މާ އިއުލާނު ކުރެއްވުމާއި އެކު ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީންވެސް މިތަކެތި އަވަހަށް ރާއްޖެއަށް ގެނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޖެކް މާގެ އިތުރުން ޗައިނާ ސަރުކާރާއި އިތުރު ހަ ކުންފުންޏަކުން ހަދިޔާ ކުރާ ތަކެތި ގެންނަނާނެ އެވެ. އެ ތަކެތީގެ ތަފްސީލެއް ސަފީރު ނުދެއްވަ އެވެ.
https://twitter.com/AmbassadorZhang/status/1256448203144040448
ރާއްޖެ އާއި އެކު އިތުރު ގައުމުތަަކަށް ކޯވިޑް-19 އާއި ގުޅިގެން އެހީ ދޭން ނިންމާފައިވާ ކަން ޖެކް މާ އިއުލާނު ކުރެއްވީ މިދިޔަ މާޗް މަހުގެ21 ވަނަ ދުވަހު އެވެ. ކޯވިޑް-19 އާއި ގުޅިގެން ޗައިނާ ސަރުކާރުން ވަނީ އެހީގެ ބައެއް ތަކެތި މިހާރުވެސް ފޮނުވައިދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް