ޓްރީޓޮޕް ހޮސްޕިޓަލްގެ ހިދުމަތްތައް ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ފަރުވާދޭ ސެންޓަރަށް

ކޯވިޑަށް ޕޮސިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދިނުމަށް ފަހު އެ ހޮސްޕިޓަލުގެ ހިދުމަތްތައް ދޭ ތަނެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ފަރުވާދޭ ސެންޓަރު ހުންނަ އިމ...

01 May 2020 | 21:45

ކޯވިޑަށް ޕޮސިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދިނުމަށް ފަހު އެ ހޮސްޕިޓަލުގެ ހިދުމަތްތައް ދޭ ތަނެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ފަރުވާދޭ ސެންޓަރު ހުންނަ އިމާރާތް ހަމަޖައްސައިފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ތިން މަސްދުވަހަށް ސަރުކާރަށް ދިނުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރާއި އެ ހޮސްޕިޓަލާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރިލް މަހުގެ26 ވަނަ ދުވަހު އެވެ. އެ ހޮސްޕިޓަލް ރަސްމީކޮށް ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުން ކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިރޭ11:30 އިން ފެށިގެން އެ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގެ ހިދުމަތް މެދުކަނޑާލާނެ ކަމަށެވެ. އަދި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ އެންމެން މިރޭގެ ނިޔަލަށް އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާގެ ކަންކަން ކުރިޔަށް ގެންދަން ފެށޭނެ ކަމަށެވެ.

ޓްރީ ޓޮޕުން ބުނީ މާދަމާއިން ފެށިގެން އެ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގެ ހިދުމަތާއި ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ވަގުތީ ގޮތުން ދޭނީ ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ބަލިތަކާއި ބެހޭ ހާއްސަ ސެންޓަރު ހުންނަ އިމާރާތުންނެވެ. އެ ހޮސްޕިޓަލުން ބުނީ ޓްރީ ޓޮޕްގެ ހިދުމަތްތަކަށް އެ އިމާރާތް ހަމަޖައްސައިދީ ސަރުކާރުން ކަމަށެވެ. އަދި މިހާރުވެސް ދެމުންދާ ގޮތަށް މެދުކެނޑުމެއް ނެތި ޓެލެމެޑިސިންގެ ހިދުމަތްވެސް ދެމުން ދެމުންދާނެ ކަމަށް ބުނެފައިވެ އެވެ.

އެ ހޮސްޕިޓަލްގެ އެމަޖެންސީ ކްލިނިކްގެ ހިދުމަތް ހޯދުމަށް3351610 އަށް ގުޅުމުން ހިދުމަތް ލިބޭނެ ކަމަށް ބުނެ އެވެ. އަދި އެމްބިއުލާންސްގެ ހިދުމަތް1610 އަށް ގުޅުމުން ލިބޭނެ ކަމަށް ބުނެ އެވެ.

މާދަމާއިން ފެށިގެން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދޭނީ އައިޖީއެމްއެޗުން ބަދަލު ކުރެވޭ ކޯވިޑްގެ ބަލި މީހުންނަށް އެކަންޏެވެ. ސަރުކާރާއި އެ ކުންފުންޏާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލްގެ މުވައްޒަފުންނާއި ވަސީލަތްތައް ސަރުކާރުން ބޭނުން ކުރާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ބަލި ޖެހޭ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ މީހުންނަށެވެ. މިހާރު ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ11 ވަނަ ފަންގިފިލާ (ޑީއެޗް11) ގައި އެވެ.

އެތަނުގައި ހުރީ10 އެނދެވެ. އާންމުންގެ މެދުގައި ކޯވިޑް-19 ފެތުރެން ފެށުމާއި އެކު ހާލު ގޯސްވެ ޑިއެޗް11 އަށް ބަދަލު ކުރަން ޖެހޭ މީހުން ދަނީ އިތުރުވަމުންނެވެ. މިހާރުވެސް ޑިއެޗް11 ގެ އައިސީޔޫގައި ހަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް