ކޮކާ ކޯލާ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ދިރިއުޅޭ ތަނެއްގައި ތިބި އެންމެން ބައްޔަށް ޕޮސިޓިވް ވިޔަސް އެމީހުންގެ ގައިން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެޗްޕީއޭއިން އިއްޔެ އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮކާލޯކާ ކުންފުނީގެ އެއްތަނެއްގައި ދިރިއުޅޭ72 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވެ އެވެ. އެ އެންމެންނަކީ ބިދޭސީންނެވެ.
އެތަނުގައި ތިބި އެންމެން ޓެސްޓު ކުރީ އޭގެ ތެރެއިން އެކަކަށް އެހެން މީހެއްގެ ފަރާތުން ބަލި ޖެހިފައިވާތީ އެވެ. އެމިހާ އަކީ ކުރިން ޕޮސިޓިވްވި މީހަކާ ގުޅުން ހުރި މީހެއްކަން އެނގުނު ދުވަހުން ފެށިގެން އެތަން ހުރީ މޮނިޓަރިންގެ ހާލަތަށް ގެނެސް މީހުން ވަދެ ނުކުމެ އުޅުން މަނާކޮށްފައި އެވެ.
އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ އެތަނުގައި ތިބި އެންމެން ބައްޔަށް ޕޮސިޓިވް ވިޔަސް އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެނެ އެވެ. އޭގެ މާނައަކީ އެމީހުންނަށް ބަލި ޖެހުނުތާ އަދިވާނީ ދެ ދުވަސްވަރު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
އެހެން ކަމުން ބަލި ޖެހުނު ފަހުން އޭގެން އެކަކުވެސް ބޭރަށް ނުކުމެފައި ނުވާތީ އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. ބިދޭސީން ދިރިއުޅެން ހަމަޖައްސާފައި ހުންނަ ތޮއްޖެހިފައިވާ މާހައުލާއި، ފާހާނާ ކުރުން ހަމަޖެހިފައި އޮންނަ ގޮތްތައް ފަދަ ކަންކަމަކީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ މީހުންނަށް ބަލި ޖެހެން ޖެހުނު ސަބަބަށް ވެދާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މިހާތަނަށް މާލެއިން ޕޮސިޓިވްވެފައިވާ ބޮޑެތި ކްލަސްޓާތަކަކީ އެމީހުންގެ ފަރާތުން ގިނަ ބަޔަކު ބައްޔަށް ޕޮސިޓިވްވެފައިވާ ކްލަސްޓާ ތަކެވެ. އޭގެ ތެރޭގައި ބާޒާރު ކްލަސްޓާ އާއި ބީއެޗްއެމް ކްލަސްޓާ ހިމެނެ އެވެ.
މިހާތަނަށް އެންމެ ގިނަ މީހުން އެއްތަނަކުން ޕޮސިޓިވްވެފައިވަނީ ހުޅުމާލޭގައި ކޯވިޑަށް ފަރުވާ ދިނުމަށް ހަދާ ފެސިލިޓީ ކޮވިޑް ވިލެޖުގައި އެވެ. އެތަނުން95 މީހަކު ވަނީ ބައްޔަށް ޕޮސިޓިވްވެފައި އެވެ. އޭގެ ތެރޭގައި ސިފައިންވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް