ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 ޖެހިފައިވާ ގިނަ މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހުން ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފި އެވެ.
މިހާތަނަށް ރާއްޖެއިން491 މީހަކަށް ބަލި ޖެހިފައިވެ އެވެ. އޭގެ ތެރެއިން ބަލީގެ އަލާމާތް ފެންނަނީ32 ޕަސެންޓު މީހުންގެ ގައިންނެވެ. އަނެއް68 ޕަސެންޓު މީހުން ބައްޔަށް ޕޮސިޓިވްވިޔަސް އެއްވެސް އަލާމާތެއް ނުފެނެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ އިއްޔެ އެކަނިވެސް މާލޭގެ އެއްތަނަކުން72 މީހަކު ޕޮސިޓިވްވި ކަމަށެވެ. އެކަމަކު އޭގެން އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ މިފަދަ އާ ބަލިތައް އާންމުކޮށް ކޮންޓްރޯލްވާނީ އާބާދީގެ ބޮޑުބަޔަކަށް ޖެހިފައި ކަމަށެވެ. އެގޮތަށް ބަލާއިރު ރާއްޖެއިން ޕޮސިޓިވްވާ މީހުންގެ ގައިން ބަލީގެ އަލާމާތް ނުފެނި ބަލި ޖެހުމަށްފަހު އަމިއްލަ ޒާތުގައި ރަނގަޅުވެގެން ދިއުމަކީ ރަނގަޅަކަށް ވެދާނެ ކަމަށެވެ.
ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ބަލި ޖެހުމަށް ފަހު އަމިއްލައަށް ރަނގަޅުވަނީ ދިފާއީ ނިޒާމު ވަރުގަދަ މީހުންގެ އެވެ. އޭނާ ވިދާޅުވީ ބަލިޖެހޭ އާބާދީގެ ބޮޑުބައެއްގެ ދިފާއީ ނިޒާމު ވަރުގަދަވެގެން ނޫނީ މިފަދަ ބައްޔަކުން އަރައިގަތުން އުނދަގޫ ވާނެ ކަމަށެވެ.
އެކަމަކު މި ރަނގަޅުގެ އަނެއް ފަރާތްވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އަލާމާތްތައް ނުފެނި ބަލި ފެތުރުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ބަލި ޖެހޭ މީހުން ހޯދަން އުނދަގޫ ވާނެ ކަމެކެވެ. މިހާރު އެއްވެސް އަލާމާތެއް ނެތި ޕޮސިޓީވްވެފައިވާ ގިނަ މީހުންނަކީ ޕޮސިޓިވް ކޭސްތަކާއި ގުޅިގެން ސީދާ ގުޅުން ހުރި މީހުންގެ ގޮތުގައި ފާހަގަވެގެން ޓެސްޓު ކުރާ މީހުންނެވެ.
ޑރ އަފްޒަލް ވިދާޅުވީ އަލާމާތެއް ނެތި ބަލި ޖެހިފައިވާ މީހުން ދެނެގަނެވޭނީ އަންމުންގެ މެދުގައި ބަލިފެތުރެމުންދާ މިންވަރު ދެނެގަތުމަށް ކުރަމުންދާ ސާވޭގެ ތެރެއިން ކަމަށެވެ. މި ސާވޭ މިހާރު މާލޭގައި ވަނީ ފަށާފައި މިހާތަނަށް މިގޮތަށް ޓެސްޓު ކުރި މީހުންގެ ތެރެއިން ޕޮސިޓިވް ވެފައިވަނީ އެކަކެވެ.
މި ސާވޭ އަތޮޅު ތެރޭގައިވެސް ހިންގާނެ އެވެ. އެގޮތުން ޕޮސިޓިވް ކޭސްތަކާއި ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުން ގިނަ ރަށްރަށުގައި ބަލި ފެތުރޭތޯ ބަލަން ޓެސްޓު ހެދުމުގައި އިސްކަން ދޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
މާލޭގައި ހަލުވިކަމާއި އެކު ވައިރަސް ފެތުރެމުންދާއިރު އަތޮޅުތެރެއިންވެސް ދަނީ ވައިރަސް އަށް މީހުން ޕޮސިޓިވްވަމުންނެވެ. މިހާތަނަށް އަތޮޅު ތެރެއިން ވައިރަސް ފެނިފައިވަނީ، ހއ. އުލިގަމް، ތަކަންދޫ، ށ. ނަރުދޫ، މިލަންދޫ އަދި ނ. މަނަދޫ އާއި ކ. ތުލުސްދޫ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް