އަހަރެމެން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި އިލާހު އަހަރެމެންނަށް ވަރަށް ގިނަ ގުނަ ވެގެންވާ ނިޢުމަތްތަކެއް ދެއްވިއެވެ. އެއީ އަހަރެމެން އެ ނިޢުމަތްތަށް ގުނާ ޢަދަދު ކުރަން އުޅެފިނަމަ ޢަދަދު ނުކުރެވޭނޭހާ ގިނަ ނިޢުމަތް ތަކެކެވެ. އެހެން ކަމުން އަހަރެމެންގެ މައްޗަށް ވާޖިބު ވެގެން ވަނީ މިނިޢުމަތް ތަކުގެ މައްޗަށް މި ނިޢުމަތްތައް ދެއްވި އިލާހަށް ޝުކުރުކުރުން ޙައްޤު ގޮތުގައި ޝުކުރު ކުރުމެވެ. ސަބަބަކީ އެނިޢުމަތްތަކަކީ އެއާމެދުގައި ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނޭ ނިޢުމަތްތަކެކެވެ.
އޭ އަޚާއެވެ. ތިބާގެ ނަފުސާމެދު ކުޑަކޮށް ނަމަވެސް ފިކުރުކޮށްލަބަލާށެވެ. ވިސްނުމުގެ ނަޒަރަކުންނެވެ. ތިބާއަށް ލިބިފައިނުވަނީ ފަހެ ކޮން ނިޢުމަތެއް ތޯއެވެ.؟
ފެނުމުގެ ނިޢުމަތެވެ. އަޑުއެހުމުގެ ނިޢުމަތެވެ. ބަސްބުނުމުގެ ނިޢުމަތެވެ. އިޙުސާސް ކުރެވުމުގެ ނިޢުމަތެވެ. ހިނގާބިނގާވެ އުޅެވުމުގެ ނިޢުމަތެވެ. ނޭވާލުމުގެ ނިޢުމަތެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ތިބާއަށް މާތްﷲ ދެއްވާފައިވާ ނިޢުމަތްތައް ގުނާ އަދަު ނުކުރެވެއެވެ. މީގެން އެއްވެސް ނިޢުމަތެއް ފިލާ ގޮސްފިނަމަ ތިބާ ތަހަންމަލްކުރަންޖެހޭނެ ދަތި ހާލާއި މެދު ވިސްނާލާށެވެ. އޭރުން އެ ނިޢުމަތުގެ އަގު ތިބާއަށް ވަޒަންކުރެވޭނެއެވެ.
އޭ އަޙާއެވެ. އެންކައުވަންތަ މާތް މާތްﷲ ތިބާގެ ހަށިގަނޑުގައި ލައްވާފައިވާ ކޮންމެ ޙިއްޞަކީވެސް އެ ނިޢުމަތެއްގެ ސަބަބުން ތިބާއަށް އެތަކެއް ލާބައަކާއި މަންފާއެއް ލިއްބައިދޭ އެއްޗެއް ކަމުގައި ނޫނީ ނުވާނެކަން ކަށަވަރެވެ. ތިބާގެ ހަށިގަނޑުގައިވާ ގުނަވަންތަކުގެ ތެރެއިން އެންމެ ގުނަވަނެއް ހިނދުކޮޅަކަށް މަޑުޖެހުނުނަމަވެސް ތިބާއަށް ވާނެ ގޮތް އިޙްޞާސްކުރެވޭތޯއެވެ. އުޅެންޖެހޭނެ ޙާލު ތަޞައްވުރުކުރެވޭތޯއެވެ. ތަހަންމަލުކުރާނެ ވޭން އެނގޭތޯއެވެ.
އިންސާނާގެ ހަށިގަނޑުގައި މާތްﷲ ލައްވާ ކޮންމެ ގުނަވަނަކީވެސް ބޮޑުވެގެންވާ ނިޢުމަތެކެވެ. ތިބާވިސްނާލަބަށެވެ. މާތްﷲ އިންސާނާ ހައްދަވާ ފުރިހަމަކުރައްވާފައިވަނީ ފުރިހަމަ ނިޒާމެއްގެ ތެރެއިންނެވެ. އެހެންކަމުން އެ ނިޢުމަތް ދެއްވިކަމަށްޓަކައި ޝުކުރުވެރިވާންޖެހެއެވެ.
މާތް ﷲ އިންސާނުންނަށް ދިރިހުރުމަށް ދެއްވާފައިވާ އެންމެ އަގު ބޮޑު އެއް ނިޢުމަތަކީ ނޭވާ ލުމުގެ ނިޢުމަތެވެ. ތިބާގެ ހަށިގަނޑުގައި މާތްﷲ ލައްވާފައިވާ މި ބޮޑު ނިޢުމަތްތަކާމެދު ތިބާ ވިސްނާލަބަލާށެވެ. މި ނިޢުމަތުން މަޙްރޫމުވުމުން ވާނީ ކިހިނެތްތޯއެވެ. ތިބާ ކުޑަ އިރުކޮޅަކަށް ނޭވާ ހުއްޓުނު ނަމަވެސް މި ދުނިޔެއާ ތިބާ އަލްވަދާއުކިޔަން ޖެހޭނެއެވެ. ކުރެވޭނެ ހަމައެއްވެސް ކަމެއް ނޯންނާނެއެވެ. އެހެން ކަމުން މި ނިޢުމަތުގެ މުހިންމުކަމާއި އެ އަގުބޮޑު ނިޢުމަތާއި މެދު ވިސްނާލަބަލާށެވެ.
އިލާހީ ކުޅަދުންވަންތަ ކަމުން އަހަރަމެން ހައްދަވާފައިވަނީ ހުރިހައި ގުނަވަނެއްގެ ހަރަކާތްތައް އަމިއްލައަށް ހިފަހައްޓައި ލެވުނަސް، ނޭވާ އަމިއްލައަށް ހިތުހުރި ގޮތަކަށް ހިފަހައްޓާ ނުލެވޭ ގޮތަށެވެ. އެކަމަކު މި މުހިންމު ގުނަވަނާއި އޭގެ ވަޒީފާއާ މެދު އަހަރަމެން ވިސްނުން ތެރިކަމާއެކު އެއްފަހަރުވެސް ވިސްނާލިން ހެއްޔެވެ؟
ﷲގެ ތަނަވަސް ރަހުމަތްފުޅުން މައިމީހާ، އޭނާގެ ތުއްތު ދަރިފުޅަށް ރަހުމްކު ރާ ވަރަށްވުރެ މާ ބޮޑަށް ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާތެރިވެ ވޮޑިގަންނަވައެވެ. އަދި މި ދުނިޔޭގައި ﷲގެ ރަހުމަތްފުޅު ވަނީ އެންމެހައި އަޅުތަކުންގެ މައްޗަށް އާންމުވެ، ޝާމިލުވެގެންނެވެ.
ﷲ ތަޢާލާގެ ރަހުމަތްފުޅު ނުވާނަމަ މިދުނިޔެ މަތީގައި އެއްވެސް އިންސާނަކަށް ނޭވާ ވެސް ނުލެވޭނެއެވެ. އަދި އެކަލާނގެ ތަނަވަސް ރަހުމަތްފުޅާ ނުލައި އެއްވެސް މީހަކަށް ބޯނޭ ފެންފޮދެއް ވެސް ނުލިބޭނެއެވެ.
ނިޢުމަތް ތަކަށް ޝުކުރުވެރިވުމަކީ އެނިޢުމަތް ދެއްވިފަރާތް ހަނދުމަކޮށް އެއިލާހަށް ޘަނާ ކިޔައި އެނިޢުމަތުގެ ބޭނުން އެއިލާހު ރުހިވޮޑިގެންވާ ގޮތުގައި ހިފުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވިއެވެ.
اعْمَلُوا آلَ دَاوُودَ شُكْرًا وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ. (السبأ 13)
މާނަ: "އޭ ދާއޫދުގެފާނުގެ އާލުންނޭވެ! އެއިލާހަށް ޝުކުރުވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) ޢަމަލު ކުރާށެވެ! އަދި ތިމަން ﷲ ގެ އަޅުތަކުންގެ ތެރެއިން ޝުކުރުވެރިވާ އަޅުން ވަރަށްމަދެވެ."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް