ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުކުރު މިސްކިތް ހިމާޔަތް ކޮށް، އެ ތަން މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ. 1.5 މިލިއަން ޑޮލަރު ނުވަތަ 23 މިލިއަން ރުފިޔާގެ ހިލޭ އެހީއާއެކު ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތު ކުރުމުގެ މަސައްކަ...

02 Apr 2021 | 10:58

ހުކުރު މިސްކިތް ހިމާޔަތް ކޮށް، އެ ތަން މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

1.5 މިލިއަން ޑޮލަރު ނުވަތަ 23 މިލިއަން ރުފިޔާގެ ހިލޭ އެހީއާއެކު ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އިންޑިއާއިން ހުށަހެޅީ، އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ، 2019 ވަނަ އަހަރުގެ ޖޫން މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

މި މަސައްކަތަށް ހުސްވި މާރިޗު މަހުގައި އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އޭ.އެސް.އައި)ގެ ޓީމެއް ވަނީ ރާއްޖެ އައިސްފައެވެ. އަދި މިސްކިތް ހިމާޔަތް ކުރުމަށާއި މަރާމާތުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ޑޮކިއުމެންޓޭޝަން ވަނީ ފަށާފައެވެ.

މި މަޝްރޫއަށް ބޭނުންވާ މަސައްކަތްތެރިންނާއި، ސާމާނު އަދި ލަކުޑި ހޯދުމަށް މި ހަފްތާގެ ތެރޭގައި ޓެންޑާރ އަށް ހުޅުވާލާއިރު، ޓެންޑާގައި ރާއްޖޭގެ އަދި އިންޑިއާ ކުންފުނިތަކަށް ބައިވެރި ވެވޭނެއެވެ.

ހުކުރު މިސްކިތް މަރާމާތު ކުރުމުގެ ތެރޭގައި، ސްޓްރަކްޗަރަލް ކޮންސާވޭޝަން މަސައްކަތާއި، ކެމިކަލް ޕްރިޒަވޭޝަން މަސައްކަތް ހިމެނޭނެއެވެ. މީގެ ތެރޭގައި މިސްކިތުގެ ވަޑާންގަނޑާއި، ބީމްތަކާއި، ފުރާޅުތަކާއި، ޕްލާސްޓާ ވޯކް، ޑްރެއިންޖް، ސައިނެޖް މަރާމާތުކުރުމާއި، ވަޑާންގަނޑާއި ލިޔެލާޖެހިފައިވާ ސަރަހައްދުތަކުގައި ކަތުރުފަނީގެ ސަބަބުންނާއި އެހެނިހެން ކަންކަމުގެ ސަބަބުން ލިބިފައިވާ ގެއްލުން ދެނެގަނެ އެތަންތަނުގެ އާބާތުރަ ފިލުވުން ހިމެނެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، ރޯދަ މަހުގެ އަޅުކަމަށް ހުރަސް ނޭޅޭނޭހެންނާއި، ވިއްސާރަ ދުވަސްވަރު އެކަށީގެންވާ މިންވަރަށް ސަމާލުވެގެންނެވެ. އަދި މަސައްކަތް ޖުމްލަ ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

ހުކުރު މިސްކިތަކީ ދިވެހިރާއްޖޭގައި ހުރި އެންމެ އާސާރީ އަދި އެންމެ އެންމެ ރީތި އެއް މިސްކިތެވެ. މި މިސްކިތް ބިނާކުރެވިފައިވަނީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ ރަސްކަމުގައި 1658 ވަނަ އަހަރުގައެވެ. އޭރު މިސްކިތް އިމާރާތް ކުރުމަށް ބޭނުން ކުރީ ހިރިގަލެވެ.

މި މިސްކިތް 2008ވަނަ އަހަރު ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި، ހިމެނުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް