ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ބޭނުންކުރާ ކޮންމެ ވޯޓު ކަރުދާހެއްގައި ޚާއްސަ ތައްގަނޑެއް ޖަހާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، ކޮންމެ ވޯޓު ކަރުދާހެއްގައި ޚާއްސަ ތައްގަނޑެއް ޖަހާނެ ކަމަށެވެ. ފުއާދު ވިދާޅުވީ، މިއީ މީގެ ކުރިން އިލެކްޝަނުން ބޭނުންކުރާ ތައްގަނޑެއް ނޫން ކަމަށާއި، މިއީ ޚާއްސަކޮށް އިންތިޚާބަށް ބޭނުންކުރާ ތައްގަނޑެއް ކަމަށެވެ.
މީގެ އިތުރުން ވެސް ސެކިއުރިޓީ ފީޗަރސްތައް ވޯޓު ކަރުދާހުގައި ހިމަނާފައި ވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އެހެންނަމެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
އޭނާ ވިދާޅުވީ، ވޯޓު ގުނުމުގައި ސައްޚަ ވޯޓު ކަރުދާހެއްތޯ ޔަގީން ކުރުމަށް ފުރަތަވެސް ބަލާނީ ކަރުދާހުގައި ޖަހާފައިވާ ޚާއްސަ ތައްގަނޑަށް ކަމަށެވެ.
ވޯޓު ކަރުދާސްތައް ޗާޕްކޮށް ނިމި، މިހާރު ކުރިއަށްދަނީ ރަށްރަށަށް ފޮނުވާ ވޯޓު ކަރުދާސްތައް ޕެކްކުރުމުގެ މަސައްކަތްކަންް ފާހަގަ ކުރައްވަމުން ފުއާދު ވިދާޅުވީ، ހުރިހާ ކަރުދާހެއްވެސް ޗާޕްކުރީ ރާއްޖޭގައި ކަމަށެވެ. އަދި ވޯޓު ކަރުދާހުގައި ހުންނަން ނުޖެހޭ އިތުރު އެއްވެސް ކުރެހުމެއް ލިޔުމެއް ނުހުންނާނެ ކަމުގެ ޔަގީންކަން ފުއާދު ދެއްވިއެވެ.
ކޮމިޝަނުން ޖާދޫގެ ގަލަމެއް ބާއްވާ ކަމަށް ކުރީގެ އިންތިޚާބުތަކުގައި ދެކެވުނު ވާހަކަތަކަށް އިޝާރަތް ކުރައްވާ ފުއާދު ވިދާޅުވީ، މިފަހަރު ކޮންމެ މީހަކަށްވެސް އަމިއްލަ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ.
ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުންކުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް އީސީން ވަނީ ބުނެފައެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް