ބޭނުން ޖެހިފަވާ މުދަލެއް އަގުބޮޑުވުމުން ބާޒާރަށް ނެރެ ވިއްކާނީ ފާފަވެރިން

އިޙްތިކާރު ކޮށްގެން ފައިދާ ހޯދުމަކީ އިސްލާމް ދީނުގައި ހުއްދަ ކުރާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވ...

02 Apr 2021 | 08:20

އިޙްތިކާރު ކޮށްގެން ފައިދާ ހޯދުމަކީ އިސްލާމް ދީނުގައި ހުއްދަ ކުރާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވަނީ މައިގަނޑުގޮތެއްގައި ވިޔަފާރީގައި މަކަރާއި އޮޅުވާލުމުގެ އިތުރުން މިނެކިރުމުގައި މަކަރު ހެދުމާއި ގުޅޭގޮތުންނެވެ.

ހުތުބާގައި ބުނީ އިޙްތިކާރު ކުރުމަކީ މީސްތަކުންނަށް ބޭނުން ޖެހިފައިވާ މުދަލެއް ބާޒާރަށް ނުނެރެ ހިފެހެއްޓުމަށް ފަހު، އެ މުދަލުގެ އަގުބޮޑުވުމުން ބާޒާރަށް ނެރެ ބޮޑު އަގުގައި ވިއްކުންކަމަށެވެ. މިފަދަ މުއާމަލާތްތަކުގައި ގަނެ ވިއްކުމުގެ ޝަރުތު ފުރިހަމަވިޔަސް އިޙްތިކާރު ކުރުމަކީ މާތް ނަބިއްޔާގެ ސުންނަތުން މަނާ ކުރައްވާފައިވާ މުއާމަލާތެއް ކަން ކަށަވަރުވާ ކަމަށެވެ.

ބޭނުން ޖެހިފައިވާ މުދަލެއް އަގުބޮޑުކޮށް ވިއްކުމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ތެރޭގައި ތަކެތީގެ އަގު ބޮޑުކުރުމަކީ ފަގީރުން އިތުރަށް ފަގީރުވާނެކަމެއް ކަމަށެވެ. ހުތުބާގައި ބުނީ ވިޔަފާރިކުރުމުގެ ބޭނުމުގައި ގެންނަ ބައެއް ބާވަތްތަކުގެ މުދަލުގައި ވަރަށް ބޮޑަށް އޮޅުވާލުމާއި މަކަރު ހަދަމުން އަންނަކަމުގެ ޝަކުވާތައް އިވެމުން އަންނަ ކަމަށެވެ.

މުދަލާއި ތަނަވަސްކަން ހޯދުން އިސްލާމްދީން މަނާނުކުރާ ކަމަށާއި އެގޮތުން ވިޔަފާރި ހުއްދަކޮށް ރިބާ ހަރާމްކުރެއްވި ކަމަށް ބުނެފަ ވެ އެވެ. މަކަރުހަދައި، އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށާއި ވިޔަފާރީގައި، މަކަރާއި ހީލަތުން އޮޅުވާލައިގެން، ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނަގަމުންދާއިރު އެކަމާ މެދު ކުޑަކޮށް ވެސް ވިސްނާލަންތޯ ސުވާލު ކުރި އެވެ.

މާތް ﷲ ޙަރާމް ކުރައްވާފައިވާ އުޞޫލުތައް އިޚްތިޔާރުކޮށްގެން ހޯދާ ފައިސާ ހޭދަކުރަމުން ގެންދަނީ، ތިމާގެ އަމިއްލަ ނަފްސަށާއި، ތިމާ ލޯބިވާ އަނބިދަރިންނާއި، މައިންބަފައިންނާއި، ގާތްތިމާގެ މީހުންނަށް ނޫންތޯ ސުވާލުކޮށް ހުތުބާގައި ބުނީ އެ މީހުންނަށް ވެސް އެ ކާންދެވެނީ އަލިފާން ކަމަށެވެ.

ހުތުބާގައި ބުނީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ބުރޭންޑު ތަކުގެ ކާބޯތަކެއްޗާއި، ހިފާގެންގުޅޭ ސާމާނާއި، އިލެކްޓްރޯނިކް ސާމާނާއި، ލޯޝަނާއި، ދޮންނަ ކުނޑީގެ ގޮތުގައި ބޭނުންކުރާ ބައެއް ބާވަތްތަކާއި، މިނޫނަސް ވަރަށް ގިނަ ބާވަތްތަކުގެ މުދާ ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާއިރު ބައެއް ވިޔަފާރި ވެރިން އެމުދާ ވިއްކުމުގައި، މަކަރު ހަދައި، އޮޅުވާލުމުގެ ނިޔަތުގައި، އެއަށްވުރެ އަގުހެޔޮކޮށް ތައްޔާރުކޮށްފައިވާ ފެންވަރު ދަށް، އަދި އެއެއްޗެއް ބޭނުންކުރާ މީހަކަށް އެތައް ގެއްލުން ތަކެއް ލިބޭ މުދާ، ދުނިޔޭގައި މަޝްހޫރު، ކޮލިޓީ ރަނގަޅު ބުރޭންޑުތަކުގެ ނަމުގައި އުފައްދައިގެން އެތެރެކޮށް، ވިއްކަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް