ހުކުރުދުވަހުގެ ޚާއްޞަ އަދަބުތަކުގެތެރޭގައި ހިމެނޭ ބައެއް އަދަބުތައް

ހުކުރުވިލޭރެ އާއި ހުކުރުވިލޭރޭގެ ފަތިސްވަގުތުގެ މާތްކަން: ކީރިތިރަސޫލާގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އާދަމުގެ ދަރިޔާގެ ޢަމަލުތައް މާތްﷲގެ ޙަޟްރަތަށް އުފުއްލެވޭ ވަގުތުތަކުގެ ތެރޭގައި ހުކުރުވިލޭރޭ ހިމ...

02 Apr 2021 | 04:51

ހުކުރުވިލޭރެ އާއި ހުކުރުވިލޭރޭގެ ފަތިސްވަގުތުގެ މާތްކަން: ކީރިތިރަސޫލާގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އާދަމުގެ ދަރިޔާގެ ޢަމަލުތައް މާތްﷲގެ ޙަޟްރަތަށް އުފުއްލެވޭ ވަގުތުތަކުގެ ތެރޭގައި ހުކުރުވިލޭރޭ ހިމެނެއެވެ. ބުޚާރީގެ ތާރީޚު ގައްޔާއި، މުސްނަދު އަޙްމަދުގައި ރިވާވެގެންވާ ޙަދީޘެއް ބުނާގޮތުގައި؛ އާދަމުގެ ދަރިންގެ ޢަމަލުތައް ﷲގެ ޙަޟްރަތަށް ބުރާސްފަތި ދުވަހު ހަވީރުގެ ވަގުތުގައްޔާއި ހުކުރުވިލޭރޭ ހުށަހެޅޭނެއެވެ. ރަޙިމުގެ ގުޅުން ކަނޑާފައިވާ މީހެއްގެ ޢަމަލުތައް، ﷲ ޤަބޫލު ނުކުރައްވާނެތެވެ.”

* އެންމެ މާތް ނަމާދުތަކުގެ ތެރޭގައި ހުކުރުވިލޭރޭ ޖަމާޢާތުގައި ކުރާ ފަތިސް ނަމާދު ހިމެނުން: ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ “مَا مِنَ الصَّلَوَاتِ صَلاةٌ أَفْضَلُ مِنْ صَلاةِ الْفَجْرِ يَوْمَ الْجُمُعَةِ فِي الْجَمَاعَةِ ، وَمَا أَحْسَبُ مَنْ شَهِدَهَا مِنْكُمْ إِلا مَغْفُورًا لَهُ (4) – ހުކުރުވިލޭރޭ ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަށް ވުރެ މާތްކަން ބޮޑު ނަމާދެއް ނެތެވެ. ތިޔަބައިމީހުންގެ ތެރެއިން އެނަމާދުގައި ބައިވެރިވި ކޮންމެ މީހަކަށް ފާފަފުއްސަވާދެއްވުން ނޫން ކަމެއް އޮތްކަމަކަށް ދެކެވަޑައެއްނުގަންނަވަމެވެ.”

ހުކުރުދުވަސް ޗުއްޓީ ދުވަހަކަށްވާތީ ހުކުރުވިލޭރޭ މަޖަލާއި ނާޗަރަންގީގައި ހޭދަކުރާމީހާ އަށް ފަތިސްނަމާދަށް ތެދުވެވޭނެބާވައެވެ؟

* ހުކުރުނަމާދާ ގުޅިފައިވާ ޞިއްޙީ އަދި އިޖްތިމާޢީ އަދަބުތައް: އޭގެ ތެރޭގައި ހުކުރުނަމާދަށްޓަކައި ހިނައިގަތުމާއި، ސާފުތާހިރުވުމާއި، ރީތި ފޭރާންލައި ނަލަހެނދުމާއި، ހުވަދުލުން ހިމެނެއެވެ. ކީރިތިރަސޫލާ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ ” إِذَا كَانَ يَوْمُ الْجُمُعَةِ اغْتَسَلَ الرَّجُلُ وَغَسَلَ رَأْسَهُ ، ثُمَّ تَطَيَّبَ مِنْ أَطْيَبِ طِيبِهِ ، وَلَبِسَ مِنْ صَالِحِ ثِيَابِهِ ، ثُمَّ خَرَجَ إِلَى الصَّلاَةِ وَلَمْ يُفَرِّقْ بَيْنَ اثْنَيْنِ ، ثُمَّ اسْتَمَعَ إِلَى الإِمَامِ غُفِرَ لَهُ مَا بَيْنَ الْجُمُعَةِ إِلَى الْجُمُعَةِ وَزِيَادَةُ ثَلاَثَةِ أَيَّامٍ (5) – ހުކުރުދުވަހު ހިނައިގަނެ، ބޯދުވެ އެމީހެއްގެ އަތުގައި ހުރި އެންމެ ވަސްމީރު ހުވަނދަކުން ހުވަނދުލައި (ނުވަތަ ސެންޓަކުން ސެންޓްލައި) އެންމެ ރަނގަޅު ހެދުމެއްލައިގެން ހުކުރަށް ގޮސް، ދެމީހެއްގެ ދެމެދަށް ވަދެ އެދެމީހުން ފޭނުކޮށް ޚުޠުބާ އަޑުއަހައި، ނަމާދުކުރި މީހާއަށް، އެ ހުކުރާ އަނެއް ހުކުރާ ދެމެދުގައި ކުރެވޭ ފާފަތައް ފުއްސަވާދެއްވާނެތެވެ. އަދި އިތުރަށް ތިން ދުވަހުގެ ފާފަތައް ވެސްމެއެވެ.” މި ބަސްފުޅުން އެނގެނީ އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެއްކަމެވެ. އަދި އިޖްތިމާޢި ކަންތައްތަކުގައި ބައިވެރިވާ އިރު އެތެރެފުށާއި ބޭރުފުށް ޒީނަތްތެރި ކުރަންޖެހޭނެކަމެވެ. ބައްދަލުވުމުގައި ބައިވެރިވާ މީހަކަށް ތިމާގެ ސަބަބުން އުދަނގުލެއް ފޯރަފާނެކަމެއް ކޮށްގެންނުވާނެކަމެވެ.

* ކީރިތިޤުރްއާން ކިޔެވުން: ހުކުރުދުވަހު ކިޔަވަން އަންގަވާފައިވާ ސޫރަތްތަކުގެ ތެރޭގައި هود، الكهف، يس، الدخان ސޫރަތް ހިމެނެއެވެ. މި ސޫރަތްތައް ކިޔަވަން ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – އަންގަވައިފައި ވެއެވެ. މި ސޫރަތްތައް ޚާއްޞަކުރައްވާފައި މިވަނީ މި ސޫރަތްތަކުގައި އައިސްފައިވާ ތަފާތު ކަންތައްތަކާ މެދު ވިސްނާ ފިކްރުކޮށް އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް ރަނގަޅުކުރުމަށްޓަކައެވެ. އަޅުގަނޑުމެންގެ ވެށި އިސްލާމީ މާ ޙައުލަކަށް ހެއްދެވުމަށްޓަކައެވެ. މި ސޫރަތްތަކަކީ މައްކީ ސޫރަތްތަކެކެވެ. މައްކީ ސޫރަތްތަކުގައި ޢަޤީދާ އަށް ވަރަށް އިސްކަންދެއްވާފައި ވެއެވެ. އަދި މައްކީ ސޫރަތްތަކުގައި ކުރީގެ ޤައުމުތަކުގެ މީހުންގެ ވާހަކަ ބަޔާންކުރައްވާފައި ވެއެވެ. އެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރުމަށްޓަކައެވެ. ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ “اقرءوا سورة هود يوم الجمعة” ތިޔަބައިމީހުން ހުކުރުދުވަހު ހޫދު ސޫރަތް ކިޔަވާށެވެ. އެހެން ބަސްފުޅެއްގައިވަނީ: «من قرأ سورة الكهف يوم الجمعة أضاء له من النور ما بين الجمعتين – ހުކުރުވިލޭރޭ ކަހްފު ސޫރަތް ކިޔެވި މީހާއަށް ދެ ހުކުރު ދެމެދުގައި އަލިކަންދެއްވާނެ ނޫރެއް ލައްވަވާނެއެވެ. “އަޘަރުގައި އައިސްފައިވެއެވެ.” ހުކުރުވިލޭރޭ ޔާސީން ސޫރަތް ކިޔެވި މީހާގެ ފާފަފުއްސަވާދެއްވާނެތެވެ. “ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ” مَنْ قَرَأَ “حم” الدُّخَانَ فِي لَيْلَةِ جُمُعَةٍ، أَوْ يَوْمَ جُمُعَةٍ بنى اللَّهُ لَهُ بَيْتًا فِي الْجَنَّةِ– “ހުކުރުވިލޭރޭ ނުވަތަ ހުކުރުދުވަހު ދުޚާނު ސޫރަތް ކިޔެވި މީހާއަށް މާތްﷲ ، ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ.”

* ރަސޫލުﷲގެފާނު ގެ މައްޗަށް ޞަލާވާތްކިޔެވުން ގިނަކުރުން: ހުކުރުދުވަހާއި ހުކުރުވިލޭރޭ ރަސޫލުﷲގެފާނު މައްޗަށް ޞަލަވާތްކިޔެވުން އިތުރުކުރުމަށް، އެކަލޭގެފާނު އިރްޝާދުދެއްވާފައި ވެއެވެ. ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ “ހުކުރުދުވަހު ތިމަން ކަލޭގެފާނުގެ މައްޗަށް ތިޔަބައިމީހުން ޞަލަވާތް ކިޔެވުން އިތުރުކުރާށެވެ. ފަހެ، ހަމަކަށަވަރުން އެއީ މަލާއިކަތްބޭކަލުން ހެކިވެވަޑައިގަންނަވާނެ ދުވަހެކެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާ އަވަދިވާއިރަށް އެ ޞަލަވާތެއް، ތިމަންކަލޭގެފާނުގެ މައްޗަށް ހުށަހަޅުއްވާދެއްވާނެތެވެ. ދެންނެވުނެވެ. ސުވަރުގެ ވަޑައިގަތުމަށް ފަހުގައި ވެސް ތޯއެވެ. ޙަދީޘްކުރެއްވިއެވެ. ސުވަރުގެވަޑައިގެންނެވުމަށް ފަހުގައި ވެސްމެއެވެ. ފަހެ، ހަމަކަށަވަރުން ނަބީބޭކަލުންގެ ހަށިކޮޅުތައް ކެއުމަކީ މާތްﷲ ބިމަށް ޙަރާންކުރައްވާފައިވާ ކަމެކެވެ. ފަހެ، ﷲގެ ނަބީންނަކީ ދިރިދެމިގެންވާ ރިޒްޤުދެއްވަވާ ބަޔެކެވެ.”

އެހެން ޙަދީޘެއްގައިވެއެވެ. “ތިޔަބައިމީހުން ހުކުރުވިލޭރެ އާއި ހުކުރުދުވަހު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ފަހެ. އެކަންކުރިމީހާ އަށް ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނުގެ ހެކިބަސްފުޅާއި ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭނެތެވެ.” ރަސޫލުﷲގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މާތްﷲ ކީރިތިޤުރްއާނުގައި އެކަމަށް އަމުރުކުރައްވާފައިވާތީއެވެ. މުސްލިމުންގެ ޢީދުދުވަސްކަމުގައިވާ ހުކުރުދުވަހު އެކަލޭގެފާނުގެ މަތިން ހަނދުމަކުރުމަކީ މި މުނާސަބަތާ އެންމެ ގުޅޭ އެއް ކަންތައްކަން ކަށަވަރެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި އެކަލޭގެފާނަށް އޮތް ލޯބީގެ މިންވަރު ހާމަކޮށްދޭނެ ކަމެއް ވެސްމެއެވެ. ހަރުބަހެއް ބުނާގޮތުގައި “ލޯބިވާ މީހެއްގެ ވާހަކަ ގިނަގނައިން ދެއްކޭނެއެވެ.” ކީރިތިރަސޫލާގެ އަރިހުގައި ހުކުރުދުވަހަށާއި ހުކުރުވިލޭރެއަށް ލިބިފައިވާ މަޤާމުގެ މަތިވެރިކަމުން އެކަލޭގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ހުކުރުދުވަހަށް “އަލްޔައުމުލް އަޒްހަރު” އަދި ހުކުރުވިލޭރެއަށް “އައްލައިލަތުއް ޒަހްރާ” ގެ ނަން ދެއްވާފައި ވެއެވެ.

* ހުކުރުނަމާދަށް އަވަހަށް ދިޔުން: ހުކުރުނަމާދަށް އަވަހަށް މިސްކިތަށްދިޔުމަކީ ކީރިތިރަސޫލާ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – އެކަމަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ﷲގެ ޙަޟްރަތާ ބޮޑަށް ކުއްތަންވެވޭނެތީއެވެ. މިކަމުގެ ސަބަބުން ޛިކްރުކުރުމާއި ﷲގެ މަތިން ހަނދުމަކުރުން އިތުރުވާނެތީ ވެސްމެއެވެ. އަޙްމަދު ރިވާކުރައްވާ ގޮތުގައި “ހުކުރު ދުވަހު ޝައިޠާނުން ބިންމަތީ ފެތުރިގަންނާނެތެވެ. މުސްލިމުން ބާޒާރުން ބޭރަށް ނުކުތުން ލަސްކުރުވުމަށް މަސައްކަތްކުރާނެތެވެ. އަދި މަލައިކަތް ބޭކަލުން މިސްކިތްތަކުގެ ދޮރުމަތީގައި ތިއްބަވައި ހުކުރަށް އަންނަ މީހުންގެ ނަންތައް ލިއުއްވާނެތެވެ. އިމާމަ މިސްކިތަށް ވަދެ މިން ބަރަށް އަރައްޖައުމަށް ދާންދެން އެބޭކަލުން މިސްކިތަށް އަންނަ މީހުންގެ ނަންތައް ތަރުތީބުން ލިއުއްވާނެތެވެ.” އަނެއް ޙަދީޘްފުޅެއް ބުނާ ގޮތުގައި އިމާމު މިންބަރަށް އެރުމުން އެދުވަހު ހުކުރު ނަމާދަށް އައި މީހުންގެ ނަންތައް ލިއުއްވާ، ފަތްތައް ލައްޕަވާލައްވާނެތެވެ. ހުކުރުނަމާދަށް އަވަހަށް އަންނަ މީހުންނަށް ހުރި ސަވާބު ބަޔާންކޮށްދެއްވަމުން ރަސޫލުﷲގެފާނު ޙަދީޘްކުރައްވަވާފައިވާ ހަދީސެއްގެ މާނާގައި ވަނީ މިފަދައިންނެވެ. “ހުކުރުނަމާދަށް ހިނައިގަނެގެން، ފުރަތަމަ ގަޑީގައި މިސްކިތަށް ދިޔަމީހާ ޖަމަލެއް ޤުރްބާންކުރި ފަދައެވެ. ދެވަނަ ގަޑީގައި ދިޔަމީހާ ގެރިއެއް ޤުރްބާންކުރި ފަދައެވެ. ތިންވަނަގަޑީގައި ދިޔަމީހާ ދަޅުފެޅި ބަކަރިއެއް ޤުރްބާންކުރިފަދައެވެ. ހަތަރު ވަނަ ގަޑީގައި ދިޔަމީހާ ކުކުޅެއް ޤުރްބާންކުރިފަދައެވެ. ފަސްވަނަގަޑީގައި ދިޔަމީހާ ކުކުޅުބިހެއް ޤުރްބާންކުރި ފަދައެވެ. ފަހެ އިމާމާ ނުކުމެ މިންބަރަށް އެރުމުން މަލާއިކަތްބޭކަލުން ފަތްތައް ލައްޕަވާލައްވައި ޚުޠުބާ އަޑު އެއްސެވުމަށް އިށީނދެވަޑައިގަންނަވާނެތެވެ.”

* ހުކުރުނަމާދަށްޓަކައި މިސްކިތަށް އަރައި ސަފުތައް ފޭއަޅުވާލައި ނުދިޔުން: މިސްކިތަށް އަރަނީ ﷲގެ މަތިން ހަދުމަކުރުމަށާއި ޛިކްރުކުރުމަށާއި ނަމާދު ކުރުމަށްޓަކައެވެ. މިސްކިތަކީ މި ބިންމަތީގައި ހުރި ﷲގެ ގަނޑުވަރުތަކެވެ. މިސްކިތަށް ދާ މީހުންނަކީ މި ގަނޑުވަރުތައް އާރާސްތުކުރާ މީހުންނެވެ. އަދި އެބައިމީހުންނަކީ ﷲ އަށް ޒިޔާރަތްކުރާ ބަޔެކެވެ. އެހެންކަމުން ﷲ އެމީހުންގެ ޤަދަރު އުފުއްލަވަތެވެ. މިސްކިތަށް އަރައި އެތާނގެ އެތެރޭގައި މީހުންނަށް އުދަނގޫވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ސަފުތައް ގިރާކުރަމުން، މީހުން ކޮއްޕަމުން ދިޔުމަކީ ގޯނާކުރުމެކެވެ. މިއީ ﷲ ރުހިވޮޑިގަންނަވާނެ ކަމެއް ނޫނެވެ. ކުރީ ސަފު ބޭނުންވާ މީހާ މިސްކިތަށް އަވަހަށް ދާންޖެހޭނެއެވެ. ފަހުން އަރާ މީހަކު ކުރިއަށް ގޮސް ދެ މީހަކު ދެމެދުން ތަންކޮޅެއް ހަދާލައިގެން ތަންހޯދުމަކީ އިސްލާމްދީނުގެ ރިވެތި އަދަބާއި ސުލޫކާ ޚިލާފުކަމެކެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ “مَنْ تَخَطَّى رِقَابَ النَّاسِ يَوْمَ الْجُمُعَةِ اتَّخَذَ جِسْرًا إِلَى جَهَنَّمَ – ހުކުރުދުވަހު މިސްކިތަށް އަރައި، މީސްތަކުންގެ ކޮނޑުތައް މަތިން ގިރާކޮށް ދާ މީހުން ނަރަކައަށް ފާލަމެއް އަޅައިފިއެވެ.” އެއްދުވަހަކު ރަސޫލުﷲގެފާނު ޚުޠުބާދެއްވަން ހުންނަވަނިކޮށް މީހަކު އަރައި ، މީސްތަކުން ކޮއްޕަމުން، ކޮޑުތައް މަތިން ގިރާކުރަމުން ދަނިކޮށް ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ.” ތިބާ އިށީންނާށެވެ. ހަމަކަށަވަރުން ތިބާ ގޯނާކޮށްފީމުއެވެ. ތިބާ ތިޔައީ ލަހުންނެވެ.”

* ޚުޠުބާ އަޑުއެހުން: ޚުޠުބާއަކީ މީސްތަކުންނާ އެ ހަފުތާގައި ކުރިމަތިވި މަސްއަލަތައް ޙައްލުކުރާނެ ގޮތް ބަޔާން ކޮށްދިނުމަށާއި، މީސްތަކުންނަށް ދީނީ ކަންތައްތައް އޮޅުންފިލުވައިދިނުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޝަރްޢުކުރައްވާފައިވާ ބަޔާނެކެވެ. މި ޚުޠުބާއިން ފައިދާ ލިބިގަންނަން ޖެހޭނެއެވެ. ޚުޠުބާގެ އަޑު ނާހައި، މި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. އެހެންކަމުން ޚުޠުބާ އަޑުއެހުމަކީ ހުކުރުނަމާދުގެ މުހިއްމު ބައެކެވެ. މިހެންވެ، ކީރިތި ރަސޫލާ ޙިދީޘްކުރައްވަނީ “ހުކުރު ޚުޠުބާ ދެވެމުންދާ އިރު ތިބާގެ ގާތުގައި އިން މީހާއާ ދިމާއަށް ހަނުހިމޭނުންލައިގެން އިންނާށޭ ބުނެފިނަމަ ތިބާ ބޭކާރު ވާހަކަ ދައްކައިފިއެވެ. “މި ބަސްފުޅުން އެނގެނީ ޚުޠުބާ އަޑުއެހުމުގެ ސަވާބުން އޭނާ މަޙްރޫމުވެއްޖެކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް