ގާފަރު ސްކޫލްގައި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވަނީ!

ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގައި އަމަލު ކުރަން އެޗްޕީއޭ އާއި އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިނަށް ކ. ގާފަރު ސްކޫލްގައި އަމަލު ކުރަމުން ނުދާކަން އާންމުން ފާހަގަ ކުރަން ފަށައި...

02 Apr 2021 | 04:31

ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގައި އަމަލު ކުރަން އެޗްޕީއޭ އާއި އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިނަށް ކ. ގާފަރު ސްކޫލްގައި އަމަލު ކުރަމުން ނުދާކަން އާންމުން ފާހަގަ ކުރަން ފަށައިފި އެވެ.

އެޗްޕީއޭ ގައިޑްލައިން ބުނާގޮތުގައި ސްކޫލް މާހައުލުގައި ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިންތިޒާމް ހަމަޖައްސާފައި ހުންނަން ވާނީ އިޖްތިމާއީ ގައިދުރު ކަމާއި އެކު އުޅެވޭ އަދި ކިޔަވަން ތިބެވޭ ގޮތަށެވެ. ސްކޫލް ތެރޭގައި ދަރިވަރުން އުޅެން ޖެހޭނީ މާސްކު އަޅައިގެންނެވެ.

ގާފަރު ސްކޫލްގައި މިގޮތަށް އަމަލު ކުރަމުން ނުދާކަން އާންމުން ފާހަގަ ކުރަން ފެށީ އެ ސްކޫލްގެ ޓްވިޓާ އެކައުންޓުން ކޮށްފައި ހުންނަ ޓުވީޓުތަކުގައި ހިމަނާފައިވާ ފޮޓޯތަކުންނެވެ. ސްކޫލްގައި ހިންގާ ހުރިހާ ހާއްސަ ހަރަކާތްތަކާއި ބެހޭ ފޮޓޯ އާއި މައުލޫމާތު ވަރަށް ތާޒާކަމާއި އެކު އެ ސްކޫލުން ޓުވިޓާގައި ދަނީ ހިއްސާ ކުރަމުންނެވެ.

ސްކޫލުން އާންމުކޮށްފައިވާ ބައެއް ފޮޓޯތަކުގައި ކުދިން އިށީނދެ ތިބެނީ ޖެހިޖެހިގެން ޑެސްކުތައް ބަހައްޓައިގެން އިޖްތިމައީ ގައިދުރުކަން ނުބަހައްޓައެވެ. އަދި ހުރިހާ ކުދިންހެން ކްލާސްރޫމްގައި ތިބެނީ މާސްކު ނާޅައެވެ.

https://twitter.com/GaafaruSchool/status/1377559282338590720

https://twitter.com/GaafaruSchool/status/1372571594753593346

އެކަމަކު އެ ސްކޫލުން ކޮށްފައިވާ ޓުވީޓުތަކުން ފާހަގަ ކުރެވޭ ކަންކަމުގެ ތެެރޭގައި މާސްކު ނާޅާ ކްލާސްރޫމްގައި ތިބެނީ އާންމުކޮށް މަތީ ގްރޭޑްތަކުގެ ދަރިވަރުންނެވެ.

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަދި އެއްޗެއް ނުބުނެ އެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވަނީ ކޯވިޑާއި ގުޅިގެން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް އެންމެ ރަނގަޅަށް އަމަލު ކުރަނީ ސްކޫލްތަކުގައި ކަމަށެވެ. އަދި މިހާތަނަށް ސްކޫލް މާހައުލުން ކޯވިޑް ފެތުރިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް