ކޯވިޑް-19 އަށް ރާއްޖޭގައި ޕޮސިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ކުރިން ބޭނުން ކުރި ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީ މަރާމާތުކޮށް އަލުން ބޭނުން ކުރަން ތައްޔާރުވެއްޖެ އެވެ.
ފަރުކޮޅުފުށީގައި އެންމެ ފުރަތަމަ ފަރުވާ ދިނީ ވައިރަހަށް ޕޮސިޓިވްވި މީހުންނާއި މި ބަލި އެންމެ ބޮޑަށް ފެތުރޭ ގައުމުތަކުން އައިސްތިބި މީހުން އައިސޮލޭޓް ކުރާށެވެ. އެތަން ހުސްކުރަން ޖެހުނީ މަދިރީގެ އުނދަގޫ ބޮޑުވެ، ހޫނުވުމާއި މަރާމާތުތަކެއް ކުރަން ހުރުމުން އެކަމުގެ ޝަކުވާ އެތަނުގައި އައިސޮލޭޓްކޮށްފައި ތިބި މީހުން ސޯޝަލް މީޑިއާގައި ކުރަން ފެށުމުންނެވެ.
މިއަދު ވަނީ އެތަނުގެ މަރާމާތުގެ މަސައްކަތް ނިންމާ ނޫސްވެރިންނަށް ތަން ދައްކާލާފައި އެވެ.
ކުރިން30 އެނދު ހުރި މި ފެސިލިޓީގެ ޖާގަ ވަނީ50 އެނދަށް އިތުރުކޮށްފައި އެވެ. އަދި އެނދުތައް ބަހައްޓާފައި ވަނީ ހަތަރު ވޯޑަކަށް ބަހާލައިގެންނެވެ. މީގެ އިތުރުން އައިސީޔޫގެ ގޮތުގައި ބޭނުން ކުރަން ދެ އެނދާއި ވެންޓިލޭޓަރެއް އެތަނުގައި އެބަ ހުއްޓެވެ.
އަލުން ބޭނުން ކުރަން ފެށުމުންވެސް އެތަނުގައި ފަރުވާދޭނީ ބައްޔަށް ޕޮސިޓިވްވާ މީހުންގެ ތެރެއިން ހާލަތު ރަނގަޅު މީހުންނަށެވެ. އެއީ ހާލު ސީރިއަސް ވެއްޖެ ނަމަ ވަގުތުން ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިއުމަށް ފަސޭހަވާނެތީ އެވެ. ޓްރިޓޮޕް ހޮސްޕިޓަލަކީވެސް ސީރިއަސް ވާ މީހުންނަށް ފަރުވާ ދިނުމަށް ތައްޔާރީ ހާލަތުގައި ހުރި ހޮސްޕިޓަލެކެވެ.
ތަން އަލުން ހުޅުވި އިރު ކޮންމެ ވޯޑެއްގައި އަންހެނުންނަށް އަދި ފިރިހެނުންނަށް ހާއްސަ ފާހާނާއެއް ހުރެ އެވެ. އަދި މަދިރި އުފެދޭކަމަށް ބެލެވޭ ސްވިމިން ޕޫލްގެ ފެންގަނޑު ހުސްކޮށް ކްލޮރިން އަޅައި ވަނީ ސާފުކޮށްފައި އެވެ.
ފަރުކޮޅުފުށި މަރާމާތު ކުރަން ވެގެން އެތަނުގައި ތިބި ޕޮސިޓިވް ބަލި މީހުން ގެންގޮސްފައިވަނީ އއ ވެލިދޫ އައިލެންޑް ރިސޯޓުގައި ހަދާފައިވާ އައިސޮލޭޝަން ފެސިލިޓީއަށެވެ އެކަމަކު އެމީހުން ފަރުކޮޅުފުއްޓަށް ގެންނާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
ކޯވިޑް-19 އަށް ރާއްޖެއިން19 މީހަކު ޕޮސިޓީވްވެފައިވެ އެވެ. އޭގެ ތެރެއިް މިހާރު ފަރުވާދެމުންދަނީ ހަތަރު ދިވެހިންނަށް އެކަންޏެވެ.
13 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އަނެއް ދެމީހުންނަކީ ރާއްޖެއިން ފުރިފަހުން ޕޮސިޓިވްކަން އެނގުނު އިޓަލީގެ ދެ ޓޫރިސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް