ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މިއަދު ފުރަތަމަ ފަހަރަށް ކާފިއު ހިންގި ވަގުތުގައި92 މީހަކު ހުއްޓުވާ ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރާއްޖޭގައި ކާފިއު ހިންގަން ފެށި ފުރަތަމަ ދުވަހެވެ. ކާފިއު ހިންގަން ނިންމާފައިވަނީ މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހަކު5:00 ން ރޭގަނޑު8:00 އަށެވެ.
ފުލުހުން ބުނީ މިއަދު ކާފިއު ހިންގި ވަގުތުގައި18 ބިދޭސީއަކު ހުއްޓުވާ ނަސޭހަތް ދީފައިވާނެ ކަމަށެވެ. އަދި އެ ވަގުތު ބޭރުގައި އުޅުނު82 ދިވެއްސަކަށް ނަސޭހަތް ދީފައިވާނެ ކަމަށެވެ.
އެއީ ހަމައެކަނި މާލޭގެ މަގުމަތިން ނަސޭހަތް ދިން މީހުންނެވެ.
ފުލުހުން ރޭ ބުނެފައިވަނީ ކާފިއު ހިންގާ ގަޑީގައި ބޭރުގައި އުޅޭ މީހުންނަށް ފުރަތަމަ ދޭނީ ނަސޭހަތް ކަމަށެވެ. އަދި ދެވަނަ ފަހަރު ތަކުރާރުކޮށްފި ނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
ކާފިއު ހިންގަން ނިންމީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެވެ. މީގެ އިތުރުން ކާފިއު ހިންގާ ވަގުތުތައް ނޫން ވަގުތުގައި މަގުމަތީގައި ތިން މީހުންނަށްވެސް އިތުރަށް އެއްކޮށް ނޫޅޭނެ އެވެ.
ފުލުހުން ބުނީ އެކަންވެސް ފުލުހުން މޮނިޓާ ކުރަމުންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް