ނުގެނެވި ހުރި 6.2 ޓަނުގެ ބޭސް އިންޑިއާއިން ގެނެސްދީފި

އިންޑިއާ ލޮކްޑައުންކުރުމުގެ ސަބަބުން ރާއްޖެއަށް ނުގެނެވިފައި ހުރި 6.2 ޓަނުގެ ޒަރޫރީ ބޭހާއި ސިއްހީ ދާއިރާއަށް މުހިންމު އެހެނިހެން އާލާތްތަކުގެ ޝިޕްމެންޓެއް އެ ގައުމުން ރާއްޖެއަށް ގެނެސްދީފި އެވެ. ރާއްޖ...

02 Apr 2020 | 11:58

އިންޑިއާ ލޮކްޑައުންކުރުމުގެ ސަބަބުން ރާއްޖެއަށް ނުގެނެވިފައި ހުރި 6.2 ޓަނުގެ ޒަރޫރީ ބޭހާއި ސިއްހީ ދާއިރާއަށް މުހިންމު އެހެނިހެން އާލާތްތަކުގެ ޝިޕްމެންޓެއް އެ ގައުމުން ރާއްޖެއަށް ގެނެސްދީފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ މި ޝިޕްމެންޓަކީ އިންޑިއާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިއުލާނު ކޮށްފައިވާ 21 ދުވަހުގެ ލޮކްޑައުންގެ ސަބަބުން ރާއްޖެއަށް ނުގެނެވި ތާށި ވެފައިވާ އެސްޓޯއޯއިން އިންޑިއާގެ ހަތް ސަޕްލަޔަރުނަށް ދީފައިވާ އޯޑަރުތަކުގެ ޝިޕްމެންޓެކެއް ކަމަށެވެ.

މި ޝިޕްމެންޓް ގެނައީ އިންޑިއަން އެއާ ފޯސް އެއާކްރާފްޓެއްގަ އެވެ.

މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ބޭސްތަކާ ހަވާލުވެލެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާ ވެފައި އޮތް ގައުމަކަށް މިއީ ވަރަށް ދަތި ދުވަސްވަރެއް ކަމަށާއި، މި ދަނޑިވަޅުގައި އެންމެ މުހިންމު އެއްޗަކީ ބޭސްކަމެވެ.

ރާއްޖެއަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އިންޑިއާއިން އެހީވެދޭކަން ފާހަގަކޮށް މިނިސްޓަރު ވަނީ އިންޑިއާ އަށް ޝުކުރު ދަންނަވާފަ އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ އިންޑިއާއިން އަބަދުވެސް އޮންނާނީ ރާއްޖެއާއެކު ކަމަށެވެ.

އިންޑިއާއިން ދާދި ފަހުން ވަނީ ރާއްޖެއަށް ބޭނުންވާ ބޭސްތަކުގެ ތެރެއިން ތިން މަހަށް ބޭނުންވާ ޒަރޫރީ ބޭސްތައްވެސް ހަދިޔާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް