ކޯވިޑް-19 އާއި ގުޅިގެން އާއިލާތަކަށް ދިމާވާން ފަށާފައިވާ ދަތިހާލަތުގެ އެންމެ ބޮޑު ހައްލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅަން ފަށާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް ދޫކުރުން ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ހުއްޓުމަކާއި ގާތްވެފައިވާއިރު މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ ގިނަ އާއިލާތަކެއް މިކަމާ ގުޅިގެން ވަނީ ބިކަވާން ކައިރިވެފައި އެވެ. މާލޭގެ މަދު ގެދޮރުވެރިން ކުލިން ބައެއް ކަނޑައިދިން ނަމަވެސް އެކަމުން މާ ބޮޑު ލުޔެއް އާއިލާތަކަށް ނުލިބޭނެ ކަމަށް ވެއެވެ.
ޑރ. މުއިޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާލޭގައި ބޯހިޔާވަހިކަމަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރަށް މިވަގުތު ކުރެވެން އޮތް އެންމެ ބޮޑު ކަމަކީ ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބިފައިވާ ހައްގުވެރިންނާއި އެކު އެގްރިމެންޓު ހެދުން ކަމަށެވެ. އަދި އެ ފްލެޓުތައް އަވަހަށް ނިންމާ ހަވާލު ކުރުން ކަމަށް މުއިޒު ވިދާޅުވި އެވެ.
https://twitter.com/MMuizzu/status/1245411534337122305
ސަރުކާރުން ކުރިން ބުނެފައިވަނީ މިއަހަރު ނިމުމުގެ ކުރިން ހިޔާ މަޝްރޫއުގެ ފްލެޓުތައް ހައްގުވެރިންނާއި ހަވާލު ކުރާނެ ކަމަށެވެ. ޔާމީން ސަރުކާރުގައި އެ ފްލެޓުތައް ދީފައިވަނީ ނުހައްގުން ކަމަށް މި ސަރުކާރުން ބުނަމުން ދިޔުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރު ރިޔާސި ބަޔާން އިއްވަވަމުން ވިދާޅުވީ އެ ފްލެޓުތައް ދޭނީ ކުރީ ސަރުކާރުން ލިބޭނެ ކަމަށް އަންގާފައިވާ ފަރާތްތަކަށް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އެ މަޝްރޫއުގެ 12 ކެޓަގަރީ އަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި ގިނަ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ވެސް ދޫކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް