ވީޑިއޯ ކޯލް މެދުވެރިކޮށް ގައިދީންނަށް އާއިލާއާ ބައްދަލު ކުރެވޭނެ ގޮތް ހަދައިފި

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނާއި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ މީހުންނަށް އާއިލާއާ ވީޑިއޯ ކޯލް މެދުވެރިކޮށް ބައްދަލު ކުރެވޭނެ އިންތިޒާމް މިއަދު ހަމަޖައްސައިފި...

02 Apr 2020 | 10:34

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނާއި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ މީހުންނަށް އާއިލާއާ ވީޑިއޯ ކޯލް މެދުވެރިކޮށް ބައްދަލު ކުރެވޭނެ އިންތިޒާމް މިއަދު ހަމަޖައްސައިފި އެވެ.

ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގެ ދަށުން ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އާއިލީ ބައްދަލުވުންތައް އޮތީ މެދުކަނޑާލާފައި އެވެ. ނަމަވެސް އާއިލާއާ ގުޅުމަށް ފޯން ކޯލްގެ ފުރުސަތު ކުރިއަށް ވުރެ ގިނައިން ކަރެކްޝަންސް އިން ދިޔައީ ދެމުންނެވެ.

ކަރެކްޝަންސް އިން ބުނީ ސްކައިޕް މެދުވެރިކޮށް އާއިލާއާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖެއްސީ އެއްވެސް ސަބަބަކާ ހެދި އާއިލީ ބައްދަލުވުންތައް މެދުކަނޑާލިޔަސް، އާއިލާ މެމްބަރުންނާ ބައްދަލު ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އަދި ވަކީލު ބައްދަލުވުންތައް މެދުކަނޑާލާ ހާލަތްތަކުގައި ވެސް، ވީޑިއޯ ކޯލް ހަމަޖައްސައިދެވޭނެ ކަމަށް ކަރެކްޝަންސް ބުނެ އެވެ.

ކަރެކްޝަންސް އިން މިއަދު އާންމުކޮށް، އަމަލުކުރަން ފެށި އުސޫލުގައިވާ ގޮތުން އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވާ ހާލަތްތަކުގެ އިތުރުން އާއިލާގެ މީހަކަށް ޖަލަށް ނާދެވޭ ހާލަތްތަކާއި އާއިލާ މީހަކު ބަލިވެގެން ނުވަތަ މަރުވެގެން ނުވަތަ އޭނާގެ އަނބިމީހާ ވިހެއުމުން އެތަނަށް ގައިދީން ނުގެންދެވޭ ހާލަތްތަކުގައި ވީޑިއޯ ކޯލްގެ ފުރުސަތު ދޭނެ އެވެ. އަދި އެ ފުރުސަތު ދޭނީ އެކަމަށް ޚާއްސަ ފޯމެއް ފުރިހަމަ ކުރުމަށް ފަހު އާއިލާ އިން ހުށަހެޅުމުން ކަމަށް ކަރެކްޝަންސްގެ އެ އުސޫލުގައިވެ އެވެ.

އެ އުސޫލު ބުނާ ގޮތުން އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވާ ހާލަތްތަކުގައި 15 މިނެޓްގެ ވީޑިއޯ ކޯލް ކުރުމުގެ ފުރުސަތު މަހަކު ދެ ފަހަރު ލިބޭނެ އެވެ. އަދި އާއިލީ ބައްދަލުވުންތައް މެދުކަނޑާ ނުލިޔަސް، އާންމު އުސޫލުން އޮންނަ އާއިލީ ބައްދަލުވުމުގެ ބަދަލުގައި ވީޑިއޯ ކޯލްގެ ފުރުސަތު ދެވިދާނެ އެކަމަކު އެ ހާލަތުގައި އާއިލީ ބައްދަލުވުން އެ މަހަކު ދެން ނުދޭނެ އެވެ.

ކަރެކްޝަންސްގެ އުސޫލުގައިވާ ގޮތުން، ވީޑިއޯ ކޯލްތަކުގައި ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭއިރު، އެކަންކަން ބެލުމަށް ކަރެކްޝަންގެ އޮފިސަރަކު ހުންނާނެ އެވެ. އެގޮތުން ވީޑިއޯ ކޯލަށް އެދޭ ފަރާތް ނޫން އެހެން ފަރާތްތަކުން އެ ކޯލްގައި ބައިވެރިވުމާއި އެ ކޯލް ރެކޯޑްކޮށް ނުވަތަ ސްކްރީން ޝޮޓް ނެގުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

އަދި އުސޫލާ ޚިލާފްވެއްޖެ ނަމަ، އެ މީހަކަށް އެއް މަސް ދުވަހަށް އެ ފުރުސަތެއް ނުދޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް