ކޯވިޑް-19 އާއި ގުޅިގެން ގައުމުގެ އިގްތިސޯދުގެ80 ޕަސެންޓު ހިއްސާ ކުރާ ޓޫރިޒަމް ދާއިރާ އިނދަޖެހި ހުއްޓުމަކަށް އައީއެވެ.
އެތައް ހާސްބައެއްގެ ވަޒީފާ ގެއްލި މަގުމަތިވާން ފަށައިފި އެވެ. ސަރުކާރުގެ އިންޒާރުތަކާއި އާދޭހަށް އަޑުއެހުމެއްނެތި ޓޫރިޒަމް ދާއިރާގެ ބޮޑެތި ކުންފުނިތަކުން ފެށިގެން އެންމެ ކުދި ކުންފުނިތައް މުވައްޒަފުން ކަނޑައި ފޮނުވާލަން ފަށައިފި އެވެ.
ވަޒީފާ ނެތް މީހުން އިތުރުވެ މަގުމަތިވެދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅު ސަރުކާރުން އެދެނީ ރައްޔިތުންގެ ކިބައިން ދަނޑުވެރިކަން ކުރަން ފަށާށެވެ. އެ ދާއިރާއިން ރައްޔިތުންނަށް ފައިދާ ހޯދޭނެ މަގު ފަހިކޮށްދޭނެ ކަމަށް ވަނީ ބުނެފައި އެވެ.
ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިވަގުތު ރާއްޖެއިން އަމާޒު ހިފަންވީ ދަނޑުވެރިކަން ކުރިއަރުވާ އެ ދާއިރާއިން ކުރިޔަށް ދިއުމަށް ކަމަށެވެ. އެކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ދަނޑުވެރިކަން އެދެވޭ ގޮތެއްގައި ނުކުރެވެނީ އެކަށީގެންވާ މާކެޓެއް ނެތުމުންނެވެ. ހައްދާ އެކި ބާވަތްތަކުގެ ތަރުކާރީ އާއި މޭވާ ކޮޅު ރަށު ފެންވަރުގައިވެސް ނުވިކި ބާކީވެގެން އުކަން ޖެހޭތީ އެވެ. ދަނޑުވެރިކަން ރަސްމީ ސިފައެއްގައި ރަޖިސްޓްރީ ކޮށްގެން ކުރަނީ މަދު ރަށެއްގައި އެވެ. އެއީ އެކަމުން މާބޮޑު މަންފާއެއް ލިބޭނެ ދޮރުތަކެއް ރާއްޖޭގައި ނެތުމުންނެވެ.
އެކަމަކު އަމީރު ވިދާޅުވީ އެ ދޮރު ސަރުކާރުން މިފަހަރު ރައްޔިތުންނަށް ހުޅުވައިދޭނެެ ކަމަށެވެ. އެ މަސައްކަތް ފެށުމަށް މިހާރުވެސް ބޭންކުތަކުން ލޯނު ލިބޭނެ ކަމަށާއި ލޯނު ނަގައިގެން މި ދާއިރާއިން ކުރިޔަށް ދިއުމަކީ ބޮޑު އާމްދަނީއެއް ލިބޭކަމަކަށް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރު ކުންފުނިތަކުން އަތޮޅު ތެރޭގައި ވަކި ރައްތަކެއްގައި ގާއިމްވެ ތިބެ ދަނޑުވެރިން ހައްދައިގެން ގެންދާ ދިވެހި އުފެއްދުންތައް ގަންނާނެ ކަމަށެވެ. އެއީ ދިވެހިންނަށް އާ ކަމަކަށް ނުވާނެ ކަމަށާއި، ރާއްޖޭގެ މަސްވެރިކަން މިހާރު މިއޮތް އުސްމިނުގައި ހަމަޖެހިލައިގެން އޮތީ ސަރުކާރުން ވަކި ކުންފުންޏެއް ހަދައި މަސްވެރިން ބާނާ މަސް ގަންނަމުންދާތީ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ދިވެހި މަސްވެރިން ލޯނު ނަގައިގެން ބޮޑެތި އޮޑިފަހަރު ބަނެ އެ ދާއިރާގައި ހަރަކާތްތެރިވާން ފަށަން ޖެހިލުން ނުވާނެ ކަމަށެވެ. ކިތަންމެ މަސްވެރިކަން ދަށް ނަމަވެސް މަސްވެރިން ބާނާ މަސް ސަރުކާރުގެ ކުންފުންޏަކުން ގަންނަ އިރު ލޯނު ނަގައިގެން ދަނޑުވެރިކަން ނުފަށަންވީ ސަބަބެއް ނެތް ކަމަށެވެ. އެއީ އާމްދަނީގެ ގޮތުގައި ލިބޭނެ ފައިސާ ޔަގީންވާނެތީ ކަމަށް ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާއަކީ ފައިދާވާނެ އިންޑަސްޓްރީއަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އިކޮނޮމިކް ކައުންސިލްގައިވެސް މިކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ނިންމާފައިވަނީ މިފަދަ ގޮތަކަށް މަސައްކަތް ކުރަން ފެށުމުން ރާއްޖެއިން ބޭރުން އެތެރެ ކުރާ ތަރުކާރީ އާއި މޭވާއިން ނަގާ ޑިއުޓީ އާއި އެނޫންވެސް ޓެސްސްތައް ބޮޑު ކުރުމަށް ކަމަށެވެ. އޭރުން ދިވެހި އުފެއްދުންތަކަށް ހަމަ އަގު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި މަސްވެރިން ބާނާ މަސް އަމިއްލަ ކުންފުނިތަކުންނާއި ސަރުކާރު މަސް ކުންފުނި މިފްކޯއިން ގަނެ އެވެ. އުތުރުގެ އަތޮޅުތަކުގައި ބާނާ މަސް ފެލިވަރަށް ކިރުވޭއިރު، ދެކުނުގެ އަތޮޅުތަކަށް ބާނާ މަސް ކޫއްޑޫއަށް ކިރުވޭނެ އިންތިޒާމް މިފްކޯއިން ހަމަޖައްސާފައި އޮވެ އެވެ. އަމިއްލަ ކުންފުނިތަކުންވެސް ގިނަ އަދަދަކަށް މަސް ކިރުވޭނެ ގޮތް ހަމަޖައްސައިދީފަ ވެއެވެ.
އެ ކުންފުނިތަކުން ދަޅު މަހާއި ރޯމަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކޮށް މާކެޓް ކޮށްގެން ވިއްކަ އެވެ. މިދުވަސް ވަރު ކޯވިޑް-19 އާއި ގުޅިގެން ދިވެހި މަހުގެ އެންމެ ބޮޑު މާކެޓް ޔޫރަޕް ބަންދުވެފައި އޮތުމުން ސަރުކާރުން ވަނީ ކުންފުނިތަކަށް ލޯނު ދީގެން މަސްވެރިން ބާނާ މަސް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައި އެވެ. އަދި ގަންނަ މަސް ރައްކާކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އައިސް ސްޓޯރޭޖް ތަކެއް ހޯދައި ދިނުމަށް ވަނީ ނިންމާފަ އެވެ.
އެކަމަކު ދިމާވާ މައްސަލަ އަކީ މަސް ކިރުވައިގެން ލިބެން ޖެހޭ ފައިސާ މަސްވެރިންނަށް ލިބުން ބައެއް ފަހަރު ލަސްވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް