ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އާސަންދައާ އެންސްޕާ ހަމަޖައްސައިދީފި

ރާއްޖެއިން ބޭރުގައި މިވަގުތު ތިބި ދިވެހިންނަށް އާސަންދައިގެ ހިދުމަތާއި އެންސްޕާގެ ހިދުމަތް ހަމަޖައްސައިދީފައިވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖ...

02 Apr 2020 | 06:44

ރާއްޖެއިން ބޭރުގައި މިވަގުތު ތިބި ދިވެހިންނަށް އާސަންދައިގެ ހިދުމަތާއި އެންސްޕާގެ ހިދުމަތް ހަމަޖައްސައިދީފައިވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަވަށްޓެރި ގައުމުތަކާއި އެނޫން ބައެއް ގައުމުތަކުގައި ދިރިއުޅެމުންދާ މީހުންނާއި އެކި ބޭނުންތަކުގައި އެ ގައުމުތަކަށް ގޮސްތިބި ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ.

އެގޮތުން އާސަންދަ ހަމަޖައްސައިގެން ރާއްޖެއިން ބޭރުގައި ބޭސްފަރުވާއަށް ގޮސް ނާދެވިގެން ތާށިވެފައި ތިބި މީހުންގެ އިތުރު ބޭސްފަރުވާ އާއި ހުރުމުގެ އިންތިޒާމްގެެ އިތުރުން އެމީހަކާއި އެކު ދިޔަ އެހީތެރިއެއްގެ ޑޮކްޓަރަށް ދެއްކުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ. އެހެން ފަރާތްތަކަށް ސިއްހީ ފަރުވާގެ އިންތިޒާމް ހަމަޖައްސާފައިވާނީ އެންސްޕާ މެދުވެރިކޮށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މި ހިދުމަތްތައް ލިބޭނީ ރާއްޖޭން ބޭރުގައި މިވަގުތު ތިބި ދިވެހިންގެ ތެރެއިން އެބަޔަކު ރަޖިސްޓްރީވާން އަންގާފައިވާ އެމްބަސީ ނުވަތަ ކޮންސިއުލޭޓުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ފޮރިން މިނިސްޓްރީން ބުނީ މިހާތަނަށް ރަޖިސްޓްރީވެފައިވަނީ ގާތްގަނޑަކަށް8،000 އެއްހާ މީހުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ ހިދުމަތް ބޭނުންވާ ފަރާތްތަކުން އެމްބަސީތަކުން ގުޅަން ދީފައި އޮންނަ ނަމްބަރުތަކަށް ގުޅުމުން އެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަސޭހަވާނީ ރަޖިސްޓްރީވުމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތައް ހުއްޓާލައި ގައުމުތައް ބަންދު ކުރުމާއި ގުޅިގެން ގިނަ ގައުމުތަކެއްގައި ރާއްޖެ ނާދެވިފައި ތިބި ދިވެހިން އެބަތިއްބެވެ. ސަރުކާރުން ބުނީ މިފަދަ ދަނޑިވަޅެއްގައި ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެންނާނީ އެ ގައުމެއްގައި ތިބެގެން އިންސާނިއްޔަތަށް ނުރައްކާވެ އަސާސީ ބޭނުންތައް ނުފުއްދޭނަމަ އެވެ.

އެއީ ފެތުރެމުންދާ ބަލިމަޑުކަމުގެ ސަބަބުން މަގުމައްޗަށް ނުކުމެ ނުވަތަ އެއާޕޯޓުތަކަށް ފުރަން ދިއުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް