ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސަރުކާރުން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ކޯވިޑް-19 އާއި ގުޅިގެން އިއުލާނު ކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ އެ އިންތިހާބު އޭޕްރިލް 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ. އޭގެ ފަހުން އީސީން ބުނެފައިވަނީ އެ އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް ކޮމިޝަންގެ މެމްބަރުން ނިންމާފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން އީސީން ސުޕްރީމް ކޯޓަށް މައްސަލައެއްވެސް ހުށަހެޅި އެވެ.
އެހެން ނަމަވެސް އިންތިހާބު ތައް ފަސްކުރުމަކީ ކޯޓަށް ކުރެވޭނެ ކަމެއް ނޫންކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އަދި އިންތިހާބު ފަސްކުރުމުގެ ކަންކަމަށް މަޖިލީހުން ހައްލެއް ހޯދާނެކަމަށް ބުނުމުން އީސީން ވަނީ ކޯޓަށް ހުށަހެޅި މައްސަލަވެސް އަނބުރާ ނަގާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާކަމަށެވެ.
އެހެންނަމަވެސް އެކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ދެއްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް