ރާއްޖޭގައި އެންމެ ގިނަ ސަފާރީ އޮޕަރޭޓްކުރާ ކުންފުނި، އެކޯ ޑައިވާރސްގެ ސަފާރީތަކުގެ މުވައްޒަފުން ވޮލަންޓިއަރ ނޯޕޭ ލީވެއް ނެގުމަށް އަންގައިފިއެވެ.
އެ ކުންފުނިން އަންނަނީ ޖުމްލަ ހަ ސަފާރީއެއް އޮޕަރޭޓް ކުރަމުންނެއެވެ. އެއީ 26 ގެސްޓުންގެ ޖާގައިގެ އެމްވީ އެމްވީ އެމްޕެރާރ، 26 ގެސްޓުންގެ ޖާގައިގެ އެމްވީ އެމްޕެރަރ ސެރެނިޓީ، 24 ގެސްޓުންގެ ޖާގައިގެ އެމްވީ އެމްޕެރަރ ލިއޯ، 20 ގެސްޓުންގެ ޖާގައިގެ އެމްވީ އެމްޕެރަރ ވޮޔޭޖަސް، 18 ގެސްޓުންގެ ޖާގައިގެ އެމްވީ އެމްޕެރަރ ވާގޯ އަދި 12 ގެސްޓުންގެ ޖާގައިގެ އެމްވީ އެމްޕެރަރ އެޓޯލް އެވެ.
ދުވަހަށް މައުލޫމާތުދެމުން އޭގެން ސަފާރީއެއްގެ މުވައްޒަފަކު ވިދާޅުވީ މިއަދު ހަތަރެއްގެ ކުރިން ހުރިހާ މުވައްޒަފުން ނޯ ޕޭ ލީވް ނަގަން އަންގާފައިވާކަމަށާއި އެކަމަށް ހާއްސަ ފޯމު މިހާރު މުވައްޒަފުންނާ ހަވާލުކޮށްފައިވާއިރު ހަތަރެއްގެ ކުރިން އެ ފޯމު ފުރުމަށް އަންގާފައިވާކަމަށެވެ.
"ބުނީ އައިސޮލޭޝަންގަ ތިބޭ މުއްދަތާ މާރިޗް މަހުގެ މުސާރަ ދޭނަމޯ، އެއަށްފަހު ނޯޕޭ ނުނަގަންޏާ ފަހުން ވަޒީފާ ނުލިބޭނެ ކަމަށް އަނގަބަހުން ބުނި، އެންގުމާ އެއްގޮތަށް ނޯ ޕޭ ނަގައިފިނަމަ މިކަން ނިމުމަކަށް އައިސް އޮޕަރޭޝަންސް ފެށުމުން ވަޒީފާ ދޭނެ ކަމަށްވެސް ބުނި" ދުވަހަށް މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.
ދުވަހަށް މައުލޫމާތު ހިއްސާކުރި މުވައްޒަފު ބުނީ ކުންފުންޏަށް ދެރަގޮތެއް ވާން ނޭދޭ ކަމަށާއި އެހެންނަމަވެސް ވޮލަންޓިއަރ ނޯޕޭއެއް ނެގުމަށް އަންގާފައިވާއިރު އޭޕްރީލް މަހުގެ މުސާރަ އަދި ރޯދަ އިނާޔަތް ދޭނަމަވެސް ވޮލަންޓިއަރ ނޯޕޭއެއް ނެގުމުގައި މައްސަލައެއް ނެތް ކަމަށެވެ.
ނަމަވެސް އެ ކުންފުނިން ދުވަހަށް ދިން މައުލޫމާތު ތަފާތެވެ. އެ ކުންފުނިން ބުނީ އަންގަމުން މިދަނީ ވޮލަންޓިއަރ ނޯ ޕޭއެއް ނެގުމަށް ކަމަށާއި ނޯޕޭއެއް ނުނަގައިފިނަމަ ވަކި ގޮތަކަށް އެ މުވައްޒަފަކާމެދު އަމަލުކުރާނެ ކަމަށް އަންގާފައި ނުވާނެ ކަމަށެވެ. އަދި މުވައްޒަފުންގެ ހާލަތަށް މި ބަދަލު ގެންނަކަން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށްވެސް އަންގާފައިވާނެ ކަމަށާއި މިހާލަތުން އަރައިގަތުމަށް ސަރުކާރުން ދޫކުރާ ސްޓިމުލަސް ޕެކޭޖްގެ އެހީތެރިކަން ހޯދުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ނިންމުން އެކޯ ޑައިވާސް އިން ނިންމާފައިވާއިރު މި ހާލަތުގައި މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ބާރުއެޅުއްވުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ބޯޓު އޮޕަރޭޓަރުން އެބޭފުޅުންގެ މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް ބަދަލު ގެންނެވުމުގެ ކުރިން އެކަން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް އެންގުވުމަށްވެސް އެ އެސޯސިއޭޝަނުން އިލްތިމާސް ކޮށްފައިވެއެވެ.
އެ ކުންފުނިން މުވައްޒަފުންނާއެކު ހަދާފައިވާ އެއްބަސްވުމުގައިވާގޮތުން ނަމަ ވަޒީފާއިން ވަކި ކުރަނީނަމަ ތިން މަސް ދުވަހުގެ މުސާރަ ދޭން ޖެހޭ ކަމަށްވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
ކޯވިޑް-19ގެ މި ހާލަތުގައި މުވައްޒަފުން ވަޒީފާ އިން ވަކި ނުކުރުމަށް ސަރުކާރުން އަންނަނީ ބާރު އަޅަމުންނެވެ. އަދި މި ހާލަތުގައި މާލީ ދަތިކަން ދިމާވާ ކުންފުނިތަކަށް ހާއްސަ އިގްތިސާދީ ޕެކޭޖެއްވެސް ވަނީ ތައާރަފް ކޮށްފައެވެ. މީގެ އިތުރުން މި ހާލަތާއި ގުޅިގެން ވަޒީފާއިން ވަކި ކުރާ މުވައްޒަފުންނަށް ތން މަހުގެ ހާއްސަ ބޯނަސް އެއް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
އެގޮތުން މި ހާލަތުގައި ވަޒީފާ ގެއްލޭ ފަރާތްތަކުން ޖޮބްސެންޓަރ އެމްވީ (https://jobcenter.mv) ގައި އެކަން ރިޕޯޓް ކުރުމަށް ސަރުކާރުން އެދިލައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް