ސްޓިމިއުލަސް ޕެކޭޖްގެ ދަށުން އަންނަ ހަފްތާގައި ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ދޫކުރަންފަށަނީ

ސަރުކާރުން އިއުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް އަންނަ ހަފުތާގައި ލޯނު ދޫކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާ...

02 Apr 2020 | 05:16

ސަރުކާރުން އިއުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް އަންނަ ހަފުތާގައި ލޯނު ދޫކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ސަރުކާރުން ދޫކުރާ ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން ވޯކިން ކެޕިޓަލަށް ބޭނުންވާ ފައިސާ ދޫކުރާ އިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ވަޒީފާއިން މުވައްޒަފުން ވަކި ނުކުރާ ކުންފުނިތަކަށް ކަމަށެވެ. ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ.

މީގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް  އިން ދޫކުރުމަށް ހަމަޖެހިފައިވާ ލޯންތަކާ ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ  ބޭންކް އޮފް މޯލްޑިވްސް އިން މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ފިނޭންސް މިނިސްޓްރީން  ކަނޑައަޅުއްވާ ޝަރުތުތައް ފުރިހަމަވާ ރިސޯޓްތަކާއި 10 މިލިއަނަށްވުރެ މަތީ އާމްދަނީއެއް ލިބޭ ވިޔަފާރިތަކަށް ކަމަށެވެ.

މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު %6 އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިންގ އެއް." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 3 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށާއި އަދި ހަ މަހުގެ ގްރޭސް ޕީރިއަޑް އެއްވެސް ލިބޭނެ ކަމުގައި ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓެއްވެސް ނުނަގާނެ ކަމަށާއި އެހެންކަމުން އެ މުއްދަތުގައި އެއްވެސް ޕޭމަންޓެއް ދައްކަން ނުޖެހޭނެ ކަމުގައިވެސް ސައީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް