އަންނަ ހަފްތާގައި ކުންފުނިތަކަށް ސްޓިމިއުލަސް ޕެކޭޖުތައް ދޫކުރަން ފަށަނީ

ކޯވިޑް-19 އާއި ގުޅިގެން ވިޔަފާރިތަކަށް ދޫކުރާ ސްޓިމިއުލަސް ޕްކޭޖުތަކުގެ ދަށުން އަންނަ ހަފްތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ. ސްޓިމިއުލަސް ޕެކޭޖ...

02 Apr 2020 | 02:22

ކޯވިޑް-19 އާއި ގުޅިގެން ވިޔަފާރިތަކަށް ދޫކުރާ ސްޓިމިއުލަސް ޕްކޭޖުތަކުގެ ދަށުން އަންނަ ހަފްތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ.

ސްޓިމިއުލަސް ޕެކޭޖުތަކުގެ ގޮތުގައި2.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. އެ ފައިސާ ދޫކުރަނީ ބީއެމްއެލްއާއި އެސްޑީއެފްސީ މެދުވެރިކޮށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މި ލޯނުތައް ދޫކުރުމުގައި މައިގަނޑު ޝަރުތަކީ ދިވެހި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރުމެވެ. އަދި މި ހާލަތާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގައި ދޫކުރަން ނިންމާފައިވާ ސްޓިމިއުލަސް ޕެކޭޖުތައް ހުރީ ގާތްގަނޑަކަށް މިގޮތަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލޯނު ދޫކުރާއިރު އެ ކުންފުންޏަކީ ސަރުކާރަށް ގަވައިދުން ޓެކްސް ދައްކާ ކުންފުންޏެއްތޯ ނުވަތަ ގާނޫނާއި ގަވައިދަށް ހުރިހާ ލިޔެކިޔުންތަކެއް ބަލަހައްޓާ ކުންފުންޏެއްތޯ ނުބަލާނެ ކަމަށެވެ. ސަރުކާރުގެ މައިގަނޑު މަގުސަދަކީ މިހާލަތުގައި މުވައްޒަފުންގެ ވަޒީފާ ނުގެއްލި އެމީހުންނަށް އެ ޕެކޭޖުތަކުން ދޫކުރާ ފައިސާއިން މުސާރަ ހަމަޖެއްސޭނެ ގޮތް ހެދުން ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ރިސޯޓުތަކާއި އެހެނިހެން ބޮޑެތި ވިޔަފާރިތަކަށް ދޫކުރާ މި ލޯނުތަކުގެ އިންޓްރެސްޓަކީ ހަ ޕަސެންޓެވެ. މި ލޯނު ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނު ދައްކަން ފަށަން ޖެހެނީ ހަ މަސް ފަހުންނެވެ.

މިނިސްޓަރު ވިދާޅުވީ މި ޕެކޭޖުތައް ދޫކުރާއިރު ޖޮބް ސެންޓަރުގައި ވަޒިފާއަށް ބަދަލު ގެނައި ކަމަށް ބުނާ ކުންފުނިތަކަށް ބަލާނެ ކަމަށެވެ. އެހެންވެ ގިނަ މީހުން އެ ސެންޓަރުގައި ވަޒީފާއަށް އައި ބަދަލުގެ ތަފްސީލް ހިއްސާ ކުރުމަށް މިނިސްޓަރުވެސް އެދިވަޑައިގެންނެވި އެވެ.

އަމީރު ވިދާޅުވީ ވަޒިފާ އާއި ބެހޭ ގާނޫނަށް ބަލައި މުވައްޒަފެއްގެ މުސާރަ10،000 ރުފިޔާއަށް ވުރެ ދަށްކޮށްފައި ވާ ނަމަ އެއީ ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. މުސާރަ އުނިކޮށްފައިވަނީ އެއަށް ވުރެ ދަށުން ކަމަށް ވާނަމަ ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ އެލަވަންސް އެ މުވައްޒަފުންނަށް ލިބޭނެ އެވެ.

އަދި ވަޒީފާއިން ކަނޑާލާފައިވާ މީހުންނާއި ނޯޕޭއަށް ފޮނުވާލާފައިވާ މީހުންނަށްވެސް ސަރުކާރުން އެލަވަންސް ދޫކުރުަމށް ހަމަޖެހިފައިވެ އެވެ. މި އެލަވަންސް ދެނީ ކުރިޔަށް އޮތް ތިން މަހަށެވެ.

މުވައްޒަފުންނަށް އިހާނެތިގޮތް ނަހަދާ ކުންފުނިތަކަށް ސަރުކާރުން ލޯން ދޫކުރުމަށް ހަމަޖައްސާއިރު ރާއްޖޭގެ ހުރިހާ އަމިއްލަ ކުންފުނިތަކުން ވަނީ މުވައްޒަފުންގެ މުސާރަ އުނިކޮށްފައި އެވެ. ހާއްސަކޮށް ރިސޯޓުތަކުގައި މި މައްސަލަ ބޮޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް