ކޯވިޑް-19: ބައްޔަށް ފައްސިވި މީހުންގެ އަދަދު 9 ލައްކައަށް އަރައިފި

ދުނިޔެ މިހާރު ދެކެމުންދާ ބަލިމަޑުކަމުގެ ބޮޑު މުސީބާތްކަމުގައިވާ ކޯވިޑް-19 އަށް މުޅި ދުނިޔެއިން ފައްސިވި (ޕޮސިޓިވް) މީހުންގެ އަދަދު 9 ލައްކައަށް އަރައިފިއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއ...

01 Apr 2020 | 20:58

ދުނިޔެ މިހާރު ދެކެމުންދާ ބަލިމަޑުކަމުގެ ބޮޑު މުސީބާތްކަމުގައިވާ ކޯވިޑް-19 އަށް މުޅި ދުނިޔެއިން ފައްސިވި (ޕޮސިޓިވް) މީހުންގެ އަދަދު 9 ލައްކައަށް އަރައިފިއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު ކޯވިޑް-19 މިހާރު ވަނީ ދުނިޔޭގެ ގިނަ ގައުމުތަކަކަށް ފެތުރިފައެވެ.

ކޯވިޑް-19 އަށް ފައްސިވަމުންދާ އަދި މަރުވަމުންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، މި ބަލީގެ ނުރައްކާ މި ވަގުތު އެންމެ ބޮޑުކޮށް އުޅެނީ އެމެރިކާ އާއި ވިލާތުގެ ބައެއް ގައުމުތަކުގައެވެ.

އެމެރިކާއިން ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު 2 ލައްކައަށްވުރެ އިތުރު ވެފައިވާއިރު، މިއީ ބަލި ފުރަތަމަ ފެނުނު ގައުމުކަމަށްވާ ޗައިނާއިން ފައްސިވި މީހުންނަށްވުރެ 2 ގުނައަށްވުރެ ވެސް އިތުރު މިންވަރެކެވެ. އެމެރިކާއިން މަރުވި މީހުންގެ އަދަދު ވަނީ 4 ހާހުން މައްޗަށް އަރާފައެވެ.

ކޯވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވާ އިޓަލީއިން ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު އުޅެނީ 1 ލައްކައިން މަތީގައެވެ. އަދި މި ބަލީގައި އިޓަލީން ވަނީ 13 ހާހަށްވުރެ ގިނަ މީހުން މަރުވެފައެވެ.

އެހެން ބައެއް ގައުމުތަކަށް ބަލާއިރު، ސްޕެއިން މިއަދު ވަނީ އިތުރު 864 މީހުން މަރުވި ކަމަށް ރިޕޯޓް ކޮށްފައެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގައި އެ ގައުމުން ކޯވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިނގިރޭސި ވިލާތުންގެ އިތުރު 563 މީހުން މަރުވެފައިވާއިރު، އެ ގައުމުން މަރުވި މީހުންގެ ޖުމްލަ ވަނީ 2352 އަށް އަރާފައެވެ. މީގެ އިތުރުން އިރާނުން މަރުވި މީހުންގެ އަދަދު ވެސް މިއަދު 3 ހާހުން މައްޗަށް ގޮސްފައިވާއިރު، ޔުނައިޓެޑް ނޭޝަންސް (އދ) ގެ ޗީފް ވަނީ، މިއީ ދެ ވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެ ދެކޭ އެންމެ ބޮޑު މުސީބާތުގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް