ކޯވިޑް-19: ޔޫރޯ 2020 ގެ ޕްލޭ-އޮފް މެޗުތައް ވެސް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

މި އަހަރުގެ ޖޫން މަހުގައި ފެށުމަށް ތާވަލު ކޮށްފައި އޮތުމަށްފަހު، ކޯވިޑް-19 ގެ ސަބަބުން 2021 އަށް ފަސްކޮށްފައިވާ ޔޫރޯ 2020 ގެ ޕްލޭ-އޮފް މެޗުތައް ވެސް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިއެވެ. މި ފެށުނު މާރ...

01 Apr 2020 | 20:12

މި އަހަރުގެ ޖޫން މަހުގައި ފެށުމަށް ތާވަލު ކޮށްފައި އޮތުމަށްފަހު، ކޯވިޑް-19 ގެ ސަބަބުން 2021 އަށް ފަސްކޮށްފައިވާ ޔޫރޯ 2020 ގެ ޕްލޭ-އޮފް މެޗުތައް ވެސް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިއެވެ.

މި ފެށުނު މާރިޗު މަހުގެ 26 ން 31 އަށް ކުޅުމަށް ހަމަޖެހިފައި އޮތް ޕްލޭ-އޮފް މެޗުތަކަކީ، ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖްގެ ފަހު ޖާގަތައް ކަށަވަރު ކުރަން ކުޅޭ މެޗުތަކެވެ. ޔޫރޯ 2020 ގެ ޕްލޭ-އޮފް މެޗުތައް މުއްދަތެއް ނެތި ފަސްކުރަން ޔުއެފާ އިން ނިންމިއިރު، ވުމެންސް ޔޫރޯ 2021 ގެ ޕްލޭ-އޮފް މެޗުތައް ވެސް ވަނީ ފަސްކޮށްފައެވެ.

ޔުއެފާގެ މި ނިންމުން މިއަދު މިގޮތަށް އައިއިރު، ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު ވެސް އޮތީ ހުއްޓާލާފައެވެ. މުބާރާތް އަލުން ފެށޭނެ ދުވަހެއް ނޭނގޭއިރު، ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ ފައިނަލް މެޗު ކުޅޭނެ ތާރީޚެއް މިއަދު ވެސް ޔުއެފާއިން ބުނެދީފައެއް ނުވެއެވެ. ފައިނަލް މެޗުތަކުގެ ތާރީޚް ވެސް ފަސްކުރަން ޔުއެފާއިން ކުރިން އޮތީ ނިންމާފައެވެ.

މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރިކަމާއެކު، ދުނިޔޭގެ ފުޓްބޯޅައަށް ވަނީ މިއިން ޒަމާނަކު ވެސް ކުރިމަތިނުވާވަރުގެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައެވެ. މިގޮތުން، ޔޫރަޕްގެ މަޝްހޫރު 5 ލީގު ކަމަށްވާ، ސްޕެނިޝް ލީގު، އިނގިރޭސި ޕްރިމިއާ ލީގު، އިޓާލިއަން ލީގު، ފްރެންޗް ލީގު އަދި ޖަރުމަނު ލީގު ވެސް މި ވަގުތު ވަނީ ހުއްޓާލާފައެވެ. މި ލީގުތަކުގެ ކުޅުން އަލުން ފެށޭނެ ދުވަހެއް ނޭނގޭއިރު، ލީގުތައް ނުފެށި ދިގުލާނަމަ، މި އަހަރުގެ ސީޒަން އެއްކޮށް ކެންސަލްކޮށް ނުކުޅޭ ސީޒަނެއްގެ ގޮތުގައި ބައެއް ލީގުތަކުން ނިންމާފާނެކަމަށް ވެސް ބައެއް ޚަބަރުތައް ފެތުރިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް