މުޙައްމަދު އަފްޟަލްގެ ލިޔުއްވުމެއް.
އެޑިޓް ކުރީ: މުޙައްމަދު ޝާހީން (ޝާންޓޭ)
މުޅި އިންސާނިއްޔަތު ހުއްޓުމަކަށް ގެނުވާވަރުގެ ބިރުވެރިކަމެއް ފެތުރި ޢާއްމުވަމުން މިހިރަ ދަނީއެވެ. ކޮވިޑް-19 އޭ ކިޔުނު ވައިރަހެއްގެ ސަބަބުން އެތައް އިންސާނުންނެއް މަރުވެއްޖެއެވެ. ބާކީ ދެން ތިބި މީހުންގެ ހިތްތަކުގައި ނާމާން އިހުސާސެއް ކުރުވަމުންދަނީއެވެ. އިންސާނުންގެ ލޮލަށް ވެސް ނުފެންނަ މި ކުޑަކުޑަ ވައިރަސްގެ ވާހަކަ ތިބާ އަހައިފީމު ނޫންހެއްޔެވެ؟ ބިރު ވެސް އެބަގަނޭ ނޫންހެއްޔެވެ؟ އެކަމަކު ބުނެބަލާށެވެ! ތިބާގެ ހިތުގައި އޮތީ ކޮރޯނާގެ ބިރު ތޯއެވެ؟
ދުނިޔެ އާއި ދުނިޔޭގައި ވާހާ ތަކެއްޗެއް އުފައްދަވާ، މުޅި ކާއިނާތު ހިންގަވާ މަތިވެރި ޚާލިގު އުފެއްދެވި ކުޑަކުޑަ މަޚްލޫޤެއްކަމުގައި ނޫނީ އެ ކޮރޯނާ ނުވެއެވެ. ޚާލިޤުވަންތަ ﷲ އީ ކާއިނަތުގައިވާ ގުރަހަތަކާއި، އަހުރުމެން އިންސާނުންނާއި، ފަނިފަކުސާތަކުގެ އިތުރުން ލޮލަށް ނުފެންނަ ޖަރާސީމުތައްވެސް ވުޖޫދު ކުރެއްވި އިލާހެވެ.
ހުމާއި ރޯގާއެއް ޖެހިއްޖެނަމަ އަހަރެމެން އެކަކު ވެސް ހާސްވެގެން އުޅޭތީއެއް ނުފެނެއެވެ. ޕެނެޑޯލްފަދަ އަތްމަތީ ބޭހެއް ބޭނުންކޮށްލުމުން ދެތިން ދުވަސްތެރޭ އެ ފިލާ ހިނގައިދާނެތީއެވެ. އެއަށްވުރެ ގިނަ ދުވަހަށް ބަލި ދެމި ހުރެއްޖެނަމަ ޞިއްޙީ މާހިރެއްގެ ލަފަޔާއެކު އެންޓިބަޔޮޓިކް ބޭނުންކުރުމުން، އެ ރޯގާއަށް ތިބާގެ ހަށިގަނޑުގައި ދެމި ނުހެރެވޭނެކަން ތިބާއަށް ޔަގީން ކުރެވޭތީއެވެ. ކޮރޯނާއަކީ ވެސް ވައިރަހެކެވެ. ނަމަވެސް އެ ވައިރަހަށް ދޭނެ ދިފާއީ ބޭހެއް މި ވަގުތަށް އަދި ނެތް ވައިރަހެކެވެ. ބަލިވީކަން ވެސް ނޭނގި ދުވަސްތަކެއް ހޭދަވާ ވަބާއެކެވެ. ނޭވާލާ ނިޒާމުގެ ވަޒީފާއަށް ހުރަސްއަޅާ، ތިބާ މި ދުނިޔެއާ ވަކިކޮށްލާނީ ކޮން ވަގުތަކުކަން އަންދާޒާ ކޮށްލަން ވެސް ނޭނގޭ ބިރުވެރި ވައިރަހެކެވެ. އާނއެކެވެ. ކޮރޯނާއަކީ މަރުގެ ބިރު ބޮޑު ބައްޔެކެވެ.
﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَهُوَ الْعَزِيزُ الْغَفُورُ﴾ (الملك: 2). މާނައީ:- "އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ."
އެއްވެސް ބައްޔެއްވެ ރަނގަޅުވެއްޖެނަމަ އެއީ ދިރިހުރުމެކެވެ. ނަމަވެސް ބައްޔެއްގެ ސަބަބުން ރަނގަޅުވުމުގެ އުއްމީދު ނެތްނަމަ ދެން ތިބާއަށް ކުރިމަތިލާން ޖެހޭނީ މަރާއެވެ.
﴿ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ... ﴾ (آل عمران: 185). މާނައީ:- "ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. ..." ބިރުގަނެ ވިސްނާ ފިކުރުކުރަންވީ މަރުވާނެތީއެއް ނޫނެވެ. ގަދައަޅާ މަސައްކަތް ކުރަންވީ ތިބާއާއި މަރު ބައްދަލު ކުރާހިނދު އީމާންތެރިކަމުގެ ގޮތުން ރަނގަޅު ޙާލަތެއްގައި ތިބާއަށް ހުރެވޭތޯއެވެ.
ޔާ ﷲ! އަޅަމެންނަށް މަރުގެ ސަކަރާތް ލުއިކޮށްދެއްވާނދޭވެ! އަދި އަޅަމެންގެ ނިމުން ރިވެތިކޮށްދެއްވާނދޭވެ! ހިތްތަކުގައިވާ ކޮވިޑްގެ ބިރަށްވުރެ، މަރާއި، ނަރަކައިގެ ބިރު ހިތްތަކުގައި ބޮޑު ކުރައްވާ، މަރަށް ތައްޔާރުވާ ބަޔަކު ކަމުގައިމެ އަޅަމެން ލައްވާނދޭވެ! އަދި ކޮވިޑް-19 ގެ ވަބާއިން އަޅަމެން ސަލާމަތް ކޮށްދެއްވާނދޭވެ!
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް