އިނގިލީގެ ނިޝާން ނުޖަހާ ރީރެޖިސްޓްރޭޝަން ފޯމު ހުށަހެޅޭގޮތް ހަދަން ކޯޓަށް ދަނީ!

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ރީ ރެޖިސްޓްރޭޝަނާއި ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ވައްދަން ތައްޔާރު ވެއްޖެ އެވެ. ...

02 Mar 2021 | 15:08

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ރީ ރެޖިސްޓްރޭޝަނާއި ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ވައްދަން ތައްޔާރު ވެއްޖެ އެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅަނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފު މީޑިއާގައި ވިދާޅުވީ އެ ކޮމިޝަނުން ދުުސްތޫރީ މައްސަލައިގެ ގޮތުގަ ހުށަހަޅަން ނިންމާފައިވަނީ އިނގިލީގެ ނިޝާން ނުޖަހައި ރީރެޖިސްޓްރޭޝަން ފޯމު ހުށަހެޅޭގޮތް ހެދުމަށެވެ. ޝަރީފު ވިދާޅުވީ މި ހަފްތާ ތެރޭގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ މަސައްކަތް ކުުރަމުންދާ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވުމުގެ ފުުރުސަތު ކުޑަކުރުމަށް އީސީން ނިންމާފައި އޮތީ ރީރެޖިސްޓްރޭޝަންގެ މަރުހަލާ އޮންލައިންކޮށް ކުރިޔަށް ގެންދާ ގޮތަކަށެވެ. އެކަމަށް ހާއްސަކޮށް ސޮފްޓްވެއާއެއް ތައްޔާރު ކުރި ކަމަށް މީގެ ކުރިން އީސީން ބުނެފައިވެ އެވެ.

އެކަމަކު ސުޕްރީމް ކޯޓުގެ 2013 ވަނަ އަހަރުގެ 42 ވަނަ ނަމްބަރު ގަޒިއްޔާގައި ކަނޑައަޅާފައިވާ ގައިޑްލައިންގައި، ރީރަޖިސްޓްރޭޝަން ފޯމުގައި ރީރަޖިސްޓްރީވާން އެދޭ ފަރާތުގެ ފިންގާޕްރިންޓް އޮންނަންވާނެ ކަމަށް އޮތުމުން އެކަމަށް ވަނީ ހުރަސް އެޅިފަ އެވެ. އަދި ފިންގާޕްރިންޓް ވެރިފައި ކުރުމަށް ވަގުތު ހޭދަވާނެތީ އީސީން ވަނީ އިންތިހާބާއި ދެމެދު ކުރުމުއްދަތެއް އޮތުމުން ކަންބޮޑުުވުން ފާޅުކޮށްފައި އެވެ.

ސުޕްރީމް ކޯޓުގެ 2013 ވަނަ އަހަރުގެ ގައިޑްލައިންގެ އެ ބައި އެއީ އަމަލު ކުރަން ނުޖެހޭ އެއްޗެއްގެ ގޮތުގައި ކަނޑައަޅައިދޭން އެދި އީސީއިން މީގެ ކުރިން ސުޕްރީމް ކޯޓަށް ސިޓީ ފޮނުވާފައިވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ހުކުމެއްގެ އެއްބައި ބާތިލު ނުކުރެވޭނެ ކަމަށް އެ ކޯޓުން ބުނެފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާސަތކުގެ ކޮމިޓީއަށް މިއަދު އީސީގެ މެމްބަރުން ހާޒިރު ކޮށްފައިވާއިރު މި މައްސަލައިގަ މަޝްވަރާ ކުރެވުނެވެ. ބައެއް މެމްބަރުން ދެކެވަޑައިގެންނެވި ގޮތުގައި ސުޕްރީމް ކޯޓުގެ އެ ގައިޑްލައިނަށް މިހާރު އަމަލު ކުރާކަށް ނުޖެހޭނެ އެވެ. އަނެއް ބައި މެމްބަރުން ވިދާޅުވީ ކޯޓުގެ ހުކުމަކުން ނޫނީ އެގައިޑްލައިނަށް އަމަލު ކުރުން ހުއްޓާނުލެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް