ޖެނީވާ، ސުވިޒަލެންޑް: އުއިގުރު މުސްލިމުންނާއި ދެކޮޅަށް ޗައިނާ ސަރުކާރުން ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ހޮންކޮންގްގެ ރައްޔިތުނާއި ދެކޮޅަށް ހެދިފައިވާ "ގައުމީ ސަލާމަތާ ބެހޭ ޤާނޫނު"ގެ ދަށުން ގައުމީ ސަލާމަތަށާއި އަދި ކޮރޯނާ ވައިރަސް ހުއްޓުވުމުގެ ނަމުގައި ޗައިނާ ސަރުކާރުންވަނީ ރައްޔިތުންގު ޒާތީ އަދި ސިޔާސީ މިނިވަންކަމަށް އަރައިގެންފައި ކަމަށް އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާ، މިޝެލް ބަކެލެޓް ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު އ.ދ.ގެ 46 ވަނަ ހިއުމަން ރައިޓްސް ކައުންސިލްގައި ތަޤުރީރުކުރައްވަމުން ބަކެލެޓް ވިދާޅުވީ ސިޔާސީ އެކްޓިވިސްޓުންނާއި ގާނޫނީ ވަކީލުންނާއި އިންސާނީ ހައްގުތައް ރައްކާތެރިކުރަން ހަރާކަތްތެރިވާ ފަރާތްތަކުގެ އިތުރުން ފަރަންޖީ ރައްވެހިންވަނީ ކުށަކާނުލާ ހައްޔަރުކުރެވި އަދި ހަމަތަކާއި ހިލާފަށް ކޯޓުގައި ދައުވާއުފުލާފައި ކަމަށެވެ.
ޗައިނާއިން ވަނީ 2020 ގައި ކޯވިޑް-19 އާއި ގުޅިގެން ފިޔަވަޅުތައް ހަރުކަށިކޮށް އަދި ވަރަށް ބޮޑަށް ވައިރަސް ފެތުރުން ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅުވައިގެން ގައުމީ ސަލާމަތައް ނުރައްކާހުރިކަމަށް އަންގައި އިންސާނީ ހައްގުތަކާއި ސިޔާސީ މިނިވަންކަމުން ރައްޔިތުން މަހުރޫމުކުރަމުން ގެންދާކަމަށްވެސް ބަކެލެޓް ވިދާޅުވިއެވެ. މީގެ އިތުރުން، "ގައުމީ ސަލާމަތާ ބެހޭ ޤާނޫނު"ގެ ދަށުން ހޮންގކޮންގގައި ވަނީ 600 އަށްވުރެ ގިނަ ރައްޔިތުން މުޒާހަރާތަކުން ހައްޔަރުކުރެވިފައި ކަމަށްވެސް ވިދާޅުވިއެވެ.
އުއިގުރު އެކުލެބޭ ޝިންޖިއަންގ ޕްރޮވިންސްގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ދަނެގަތުމަށް މިނިވަން ދިރާސާއެއް ކުރުމުގެ މުހިއްމުކަމާމެދު ވާހަކަދެކެވުނެވެ. އަދި ޗައިނާއަށް ބެކަލެޓް ކުރުމަށް ރޭވިފައިވާ ދަތުރުގައި ޗައިނާ ސަރުކާރާ ވާހަކަދެކެވި އަވަސް ހައްލެއް ގެނެވޭތޯ ބަލާނެކަމަށާ އަދި އ.ދ. ހިއުމަން ރައިޓްސް ކަންތައްތައް ބަލަހައްޓާ މަރުކަޒުން ޗައިނާއިން ކުރަމުންގެންދާ ލާއިންސާނީ އަމަލުތަށް ވީހާވެސް ކައިރިން ބަލަމުންގެންދާ ކަމަށް ބެކަލެޓްގެ ތަޤުރީރުގައި ފާހަނގަ ކުރެއްވިއެވެ.
ނެދަލެންޑްގެ ޕާލަމެންޓުންވެސް ވަނީ އުއިގުރު މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުގެ އަމަލަކީ ވަކި ބަޔެއް ނައްތާލުމުގެ ބޭނުމުގައި ކުރާކަމެއްކަމަށް ނިންމާފައެވެ. ކެނެޑާގެ ހައުސް އޮފް ކޮމަންސްއިންވެސް ވަނީ ޗައިނާގެ އަމަލުތަކާ ދެކޮޅަށް ވޯޓުނަގައި 266-0 ވޯޓުން ކުށްވެރިކޮށްފައެވެ.
އެމެރިކާގެ މިދިޔަ ސަރުކާރުންވެސް ވަނީ ޗައިނާގެ މިއަމަލުތައް ހަރުކަށި އިބާރާތުން ކުއްވެރިކޮށް، މިކަމުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ޖަވާބުދާރީވާންޖެހޭކަމަށް ނިންމާފައެވެ.
މުޅި ދުނިޔެއަށް ފާޅުގައި ޗައިނާއިން ވަނީ އުއިގުރު މުސްލިމުން ޑިޓެންޝަން ކޭމްޕްތަކަށާއި ދީނީ މިނިވަންކަމުން އެއްކިބާކޮށް އެހެނިހެން އިންސާނީ މައިގަނޑު ހައްގުތަކައް އަރައިގެންފައެވެ. ނަމަވެސް، ޗައިނާ ސަރުކާރުންދަނީ މިފަދަ ތުހުމަތުތަކާއި ދެކޮޅު ހަދަމުންނެވެ. އަދި ހޮންގކޮންގގައި ޖުލައި 1ގެ ފަހުން އަމަލުކުރަން ފެއްޓިފައިވާ "ގައުމީ ސަލާމަތާބެހޭ ޤާނޫނު"ގެ ދަށުން ޑިމޮކްރަސީއާއި އެއްކޮޅަށް މުޒާހަރާކުރަމުންގެންދާ މީހުން ހައްޔަރުކުރަމުންގެންދަނީ ބޭރު ޤައުމެއްގެ މިލިޓަރީއާއި ދެކޮޅަށް ނިކުތުން ކުއްވެރިކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް