ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިއާއިން ދުނިޔޭގެ އެކި ގައުމުތަކަށް ވަމުންދާ އެހީގެ ދަށުން، ފަލަސްތީނަށް ދެވަނަ ބުރަކަށް އިތުރު ވެކްސިން ވީހާވެސް އަވަހަކަށް ފޯރުކޮށްދޭނެކަމަށް އިންޑިއާއިން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިންޑިއާއިން އ.ދ. ގެ ސެކިއުރިޓީ ކައުންސިލްއަށް ކަނޑައަޅާފައިހުންނަ ޑެޕިއުޓީ ދާއިމީ މަންދޫބް އަދި އެމްބެސެޑަރު، ނަގްރާޖް ނައިޑޫ މިދިއަ ހޮނިހިރު ދުވަހުގައެވެ.
މި ބަލިމަޑުކަމުގެ އަސަރު ގާޒާއަށް ކޮށްފައިވާ އަސަރު ބޮޑުވެފައިވަނީ ފަލަސްތީނުގެ ސީއްޚީ ފަރުވާގެ ނިޒާމާއި ޤައުމުގެ އެތެރޭ ކަންތައްތައް ހަމަޖެހިފައިވާ ގޮތުން ކަމަށާއި އަދި ފަލަސްތީނު ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދޭނެކަމަށް ނައިޑޫ އ.ދ. ގައި ވިދާޅުވިއެވެ. މިގޮތުން ކޮވިޑް-19 އިން އަރައިގަތުމަށް ވެކްސިން ހަމަހަމަގޮތެއްގައި ހުރިހާ އެންމެނަށް ފޯރުކޮށްދިނުމުގެ މުޙިއްމުކަމާއިމެދުވެސް ނައިޑޫ އަލިއަޅުވާލިއެވެ. އިންޑިއާއިން ވަނީ ކުރިންވެސް އެހީގެ ގޮތުގައި ބޭހާއި އިތުރު ސިއްހީ ވަސީލަތްތައް ފަލަސްތީނަށް ފޯރުކޮށްދީފައެވެ.
ފަލަސްތީނު މިނިވަންވެ، އަމިއްލަ ސިޔާދަތު ދަމަހައްޓާ ގައުމެއްގެ ގޮތުގައި އޮތުމަށް އިންޑިއާގެ ސަޕޯޓުލިބޭނެ ކަމުގެ ޔަގީންކަންވެސް ދެމުން، އިޒްރޭލާ-ފަލަސްތީނާ ދެމެދު ވާހަކަ ދެކެވި، ޒަމާންވީ ދެބަސްވުން ނިމުމަކަށް ގެނެއުމުގެ މުހިއްމުކަންވެސް އެންގިއެވެ. މިގޮތުން ވަރަށް ފަހުން ދެ ގައުމު ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން މިއުނިކް ގްރޫޕާއި ކުއާޓަޓްއިން ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުންތަކުގެ މުހިއްމުކަމާ އުޖާލާ ކުރިމަގެއް ފެންނާނެކަމާދޭތެރޭ އަލިއަޅުވާލިއެވެ. ކުއާޓަޓްއަކީ 2002 ގައި ފަލަސްތީނާއި އިޒްރޭލާ ދެމެދު ޕީސް ވާހަކަތައް ކުރިޔަށް ގެންދިއުމަށް ޔުނައިޓެޑް ނޭޝަންސް، ޔޫރަޕިއަން ޔޫނިއަން އަދި ރަޝިޔާ ގުޅިގެން އުފައްދާފައިވާ ގްރޫޕެކެވެ. އަދި މިއުނިކް ގްރޫޕަކީ ފެބްރުއަރީ 2020 ގައި ހަމަ މިބޭނުމަށް މިސްރު، އުރުދުން، ފްރާންސް އަދި ޖަރުމަނުގެ ދާހިލީ ވަޒީރުން ހިމެނިގެން އުފައްދާފައިވާ ގްރޫޕެކެވެ.
ފަލަސްތީނުން ޑިމޮކްރެސީ ބިނާކުރުމުގެ ގޮތުން ކުރިއަށްއޮތް އިލެކްޝަންތަކަށް ވަމުންދާ ތައްޔާރީތަކާއި އަދި ފަލަސްތީނުގެ ސިޔާސީ ޕާޓީތަކުން މި އިލެކްޝަން ކުރިއަށްގެންދިއުމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންދިންކަމާމެދު ނައިޑޫ އުފާފާޅުކޮށް ޝުކުރު އަދާކުރައްވައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ސިޔާސީ ކުއްވެރިން މިނިވަންކުރުމުގެ މުހިއްމުކަމަށްވެސް އަލިއަޅުވާލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް