ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ބްރޯޑްކޮމްއަށް ފަޒީން އައްޔަން ކުރަން ފާސް ކުރީ 55 މެމްބަރުންގެ ވޯޓުންނެވެ.
ފަޒީން ވަނީ މީގެ ކުރިންވެސް އެ މަގާމަށް ކުރިމަތިލާފައެވެ. އެފަހަރު މަޖިލީހުން ރުހުން ދިނީ ވީޓީވީގެ ކުރީގެ ނޫސްވެރިޔާ އާމިނަތު އަމީނާއަށެވެ.
މިފަހަރު ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލީ 11 ބޭފުޅުންނެވެ.
އޭގެ ތެރެއިން މިނިވަން މުއައްސަސާތަކުން ރުހުން ދީފައިވަނީ ފަޒީންގެ އިތުރުން ވީޓީވީގެ ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އަށެވެ. ތަޅުމަށް ދެ ނަން ފޮނުވި ނަމަވެސް ފަޒީންގެ ނަމަށް ވޯޓަށް އެހުމުން އެނަން ފާސްވުމުން ޝިފްޒާއަށް ވޯޓަށް އަހާފައެއް ނުވެ އެވެ.
ބްރޯޑްކޮމްއަށް މެމްބަރު ހޮވާފައި މިވަނީ އެ ކޮމިޝަނުގެ ކުރީގެ މެމްބަރު ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުންނެވެ. ޒީނާ އިސްތިއުފާދެއްވީ އޭނާ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ބަލަން ފެށުމުންނެވެ.
ބްރޯޑްކޮމް ގައި ތިއްބަވަނީ ޖުމްލަ ހަތް މެމްބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް