ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މަދުވެގެން އުޅެނީ ސަރާރުން ފޮނުވަން ޖެހޭ ބިލުތައް ނުފޮނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮންމެ ދައުރެއް ފަށާއިރު އެ ދައުރަކަށް ސަރުކާރުން ފޮނުވާނެ ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ލިބޭ ކަމަށެވެ. މި ދައުރުގައި ވެސް ލިސްޓު ލިބިފައިވާ ކަމަށާއި އެކަމަކު ލިސްޓާ ގުޅޭ ބިލެއް އަދި ލިބިފައި ނުވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ތަޅުމަށް ހުށަހާޅާނެ ބިލްތައް ލިބުން ލަސްވި ނަމަވެސް މަޖިލީހަށް ހުށަހެޅީފައިވާ ބިލްތައް ދިރާސާކޮށް ނިންމުމުގެ މަސައްކަތް ބާރަށް ކުރިޔަށް ދާ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރިޔަށް ދަނީ ސުންގަޑިތަކެއް ކަނޑައެޅިގެން ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ބިލްތައް ޑްރާފްޓް ކުރުމަށްޓަކައި މަޖިލީހުން ކުރެވެން ހުރި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މަޖިލީހުގެ އެކިއެކި މެމްބަރުންނާއި ކޮމިޓީތަކުން، ބިލްތަކުގެ ތަސައްވުރުތައް އެކުލަވާލާފައިވާ ކަމަށާއި ސިޔާސީ ޕާޓީތަކުން ވެސް އެ މަސައްކަތްތައް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުން ފޮނުވުން ލަސްވެފައިވާ ބިލްތަކާއި ގުޅޭގޮތުން ނަޝީދު އިތުރަށް ވިދާޅުވީ އޭގެ ތެރެއިން ގިނަ ބިލުތަކަކީ ފައިސާ އާއި ގުޅޭ ބިލުތަކެއް ކަމަށެވެ. ބަންޑާރަނައިބު އިބްރާހިމް ރިފްއަތާ ބައްދަލުކުރައްވައި، މަޖިލީހަށް އަވަހަށް ފޮނުއްވެން ހުރީ ކޮންކޮން ބިލެއްކަން އޮޅުންފިލުއްވާނެ ކަަމަށް ވެސް މަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ އިދާރާ އަށް މިކަމުގައި ކުރެވޭނެ ވަކި ހާއްސަ މަސައްކަތެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަަވެސް ރައްޔިތުން ވަރަށް ބޮޑެތި މުސާރަ އާއި އުއްމީދުކޮށްފައި އޮންނަ މަޖިލީހެއްގައި ބޭނުންވާ ވަރަށް މަސައްކަތް ކުރިއަށް ނުދެވުމަކީ އާންމުންގެ ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ސަރުކާރުން ބުނީ މިއަހަރުގެ ފުރަތަމަ ދައުރަށް 33 ބިލު މަޖިލީހަށް ފޮނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް