ސިލްސިލާ ވާހަކަ: ޒާރާ - ހަތްދިހަ ހަތްވަނަބައި

''ހަބަރުދާރު............. ގައިގަ އަތް ނުލާތި..............'' މިފަހަރު ފަހުދަށްވުރެ ކުޅަދާނަވީ ޒާރާއެވެ. ފަހުދުގެ މޫނުމައްޗަށް ޒާރާގެ އަތުގެ ހޫނު އެތިފަހަރެއް އެރީ އެފަދަ ކަމެއް ޒާރާ ކޮއްފާނެ ކަމަށް ފަ...

02 Mar 2021 | 02:15

''ހަބަރުދާރު............. ގައިގަ އަތް ނުލާތި..............'' މިފަހަރު ފަހުދަށްވުރެ ކުޅަދާނަވީ ޒާރާއެވެ. ފަހުދުގެ މޫނުމައްޗަށް ޒާރާގެ އަތުގެ ހޫނު އެތިފަހަރެއް އެރީ އެފަދަ ކަމެއް ޒާރާ ކޮއްފާނެ ކަމަށް ފަހުދު ހީވެސް ނުކޮއް ހުއްޓައެވެ.

މޫނުގައި އަތުން ފިރުމާލެވުނީ ވީ ތަދުންނެވެ.

''އޭތް ........... މަށަށްވުރެ ނުލަފާ ވާނަމޭހިތާ ނޫޅޭތި އިނގޭ..........އަހަރެން ބޭނުމިއްޔާ މުޅި ދުނިޔެއަށް ކަލޭ ފަޟީހަތް ކޮއްލެވިދާނެ މަދު ސިކުންތު ކޮޅެއްގެ ތެރޭގަ.......... އަދި ތިޔަބުނާ އިމްރާނަކަށްވެސް ކަލޭގެ މާތްކަން ކަށަވަރު ކޮއްދީފާނަން އަހަރެން......... ޒާރާ އަށް ދައްކަންތަ.............ބަލާބަލަ...............ބަލަން ކެރޭނެތަ...............'' ފަހުދު ފޯނު ހާވާލަމުން ޒާރާއަށް ފޯނުގެ ސްކްރީން ދައްކާލިއެވެ.

ފޯނުގެ ސްކްރީނަށް ބަލާލެވުމާއެކު ޒާރާ އަނބުރައި ނުގަތީ ކިރިޔާއެވެ. އޭނާ ހުރިތަނަށް ގަނޑުވިކަހަލައެވެ.

''ދެން ގުޅާބަލަ އިމްރާނަށް............ މީ ޒާރާ ހިތުން ރުހުމުން ކޮއްފަ ހުރި ކަންތައް........... އަދިވެސް އިތުރަށް ބަލަން ބޭނުންތަ..............'' ފަހުދު ޒާރާގެ މޫނާ އޭނާގެ މޫނު ކައިރިކޮއްލަމުން ބުންޏެވެ. އެވަގުތު ލިފްޓް ދޮރު ހުޅުވުނެވެ. އެހެންނަމަވެސް ލިފުޓުން ނިކުންނަން ހިނގައިގަތް ޒާރާގެ ކުރިމައްޗަށް ފަހުދު އެރިއެވެ. ޒާރާއަށް ޖެހުނީ ހުއްޓޭށެވެ.

ކުޑަ ހިނދުކޮޅަކަށްފަހު ދޮރު ލެއްޕުނެވެ. ޒާރާ ހާސްވާން ފެށިއެވެ. ހަދާނެ އެއްވެސް ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އޭނާގެ ސިނކުޑި މަސައްކަތް ކުރުން ހުއްޓާލާފައި ވާ ކަހަލައެވެ. އަތެއް ފައެއް ހަރަކާތެއް ނުކުރެއެވެ. ފަހުދުގެ މޫނަށް ބަލަން ހުރި އިރު އެ ރީތި ދެލޯ ފެންކަޅިވަމުން ދިޔައެވެ. އެ ރީތި މޫނުމަތީގައިވަނީ ބިރާއި ސިހުމެވެ. އެ ހިތްގައިމު ތުންފަތް މަޑުމަޑުން ތުރުތުރު އަޅަމުން ދިޔައެވެ.

އެންމެ ފަހުން ޒާރާގެ ލޯ ފުރިގެން ބަންޑުންވިއެވެ. ކޯތާފަތްމަތިން ކަރުނައިގެ ރޮނގެއް ތިރިއަށް ދެމިގެންފިއެވެ. ފަހަރަކު ތިއްކަކުން ވެއްޓެމުން ދިޔަ ކަރުނަތިކިތައް ޒާރާގެ މޭމަތިން ބުރުގާގެ ތެރެއަށް ވަދެ ހިނދެމުން ދިޔައެވެ.

''އަހަރެން ފަހަރިއަށް ދެރަގޮތެއް ނުހަދާނަން.......... ތި ހާސްވަނީ މި ފޯނުގަހުރި ފޮޓޯތައް ފެނިގެންނު............ އެވެސް މި ދެއްކީ ފަހަރި މާ ކަންތައް ބޮޑުކޮއްލީމަ............ އަހަރެންގެ ދިފާއު އަހަރެންވެސް ހޯދަން ޖެހޭނެދޯ.......... ފަހަރި ދެން ހުއްޓާލާ................. ސޮރީ ވަރަށް ބޮޑަށް.................'' ފަހުދު ޒާރާއާ ކައިރިވެލިއެވެ. ޖީބުން ރުމާ ނެގިއެވެ. އޭނާގެ އަތް ހަރަކާތްކުރީ ޒާރާގެ ލޮލުން ފައިބަމުންދާ ކަރުތައް ފޮހެދިނުމަށެވެ.

''ނޫން................ އަހަރެން.....ގައިގަ އަތް ..އަތް.....ނުލާ...ލާތި......''ޒާރާ ފަހަތަށް ޖެހިލަމުން ފަހުދުގެ ލޮލަށް ބަލާލިއެވެ.  އޭނާގެ އަޑު ބޭރުވީ ނިކަން އުނދަގުލުންނެވެ.

''އަދިވެސް ބޭނުމީ ފަހަރިކޮޅު މޮޅުކުރަންތަ........... އެންމެ ރަނގަޅު......... އަހަރެން މި ދަނީ....... އިތުރަށް އަހަރެން ހޯދަން ނޫޅޭތި......... ފޯނަކަށްވެސް ނުގުޅޭނެ.......... ހަނދާންކުރާތި.......... ދެން ކުރިމަތިވާ އެއްވެސް ކަމަކަށް އަހަރެން ޒިންމާއެއް ޒިންމާއެއް ނުވާނަން........ އަދި އެހީތެރިކަމެއްވެސް ނުދޭނަން............ ތީ ގޮތް ދޫކުރާ އަންހެނެއް......... ފަހަރި ގޮތުގަ ފަހަރި ހުރޭ........... '' ފަހުދު އެނބުރިލީ ލިފްޓްގެ ދޮރާ ދިމާއަށެވެ. ލިފްޓް ހުޅުވާ ފިތަށް ފިއްތާލަން ނެގި އަތަށް ހުއްޓުން އެރީ ޒާރާ އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.

އެވަގުތު ޒާރާއަށް ހުރެވުނީ ފަހުދުގެ މޫނު ފެންނަވަރަށްވުރެ ފަހަތުގައެވެ. އެހެން ނޫންނަމަ ފަހުދުގެ މޫނުމައްޗަށް ވެރިވި ވިހަ ހިނިތުންވުން ޒާރާއަށް ސިއްރެއް ނުވީހެވެ. ފަހުދު ހަމަ ހުރިގޮތަށް ހުރީއެވެ. އެނބުރި ޒާރާގެ މޫނަށްވެސް ބަލާނުލައެވެ. ބަދަލުގައި ފަހުދުގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލާފައިވާ ޒާރާގެ އަތް ނައްޓުވާލިއެވެ. ޒާރާ ފަހުދު ހުއްޓުވުން އެއީ އޭނާ އެންމެ އެދޭގޮތް ކަމުގައި ވިޔަސް މިވަގުތު ބޭނުންވަނީ ޒާރާދެކެ ހިތްހަމަ ނުޖެހިފައިވާ ކަން ދައްކާށެވެ. ޒާރާ ލައްވާ އާދޭސް ކުރުވާށެވެ. ފަހުދުގެ ފުރިހަމަ ކޮންޓްރޯލުގެ ދަށަށް ޒާރާ ގެނެވޭނީ އެގޮތަށް 'ގަދަ' ކޮއްގެންކަން ފަހުދަށް އެނގެއެވެ.

''އަހަރެން ދަނީ.......... މިތަނުގައި މި ޑްރާމާ ކުޅެގެން އަހަރެންގެ އަގު ވެއްޓޭކަށް އަހަރެން ބޭނުމެއް ނޫން.......... ފަހަރި ފަހަރީގެ ގޮތުގަ ހުރޭ...........'' ފަހުދު ދެވަނަ ފަހަރަށް ލިފްޓް ހުޅުވަން އަތް ހުޅުވާލިއެވެ. އޭރު އެތައް ފަހަރަކު ލިފްޓް ހުޅުވިފައި ލެއްޕިއްޖެއެވެ. އެ ލިފްޓްގެ ބޭނުން އެހެން ފްލޯތަކުގެ މީހުން ނުހިފާކަން އެއީ ނަސީބޭ ފަހުދު ހިތަށް އެރިއެވެ. ..... އެހެންނޫންނަމަ އެހާގިނަ ވަގުތު އެތަނުގައި އެމީހުނަށް ނުތިބެވުނީހެވެ. އެ ލިފްޓަކީ ހަމަ އެކަނި ފެމިލީގެ ބޭނުމަށް ހުންނަ ލިފްޓެކެވެ. ދެވަނަ ލިފްޓަކީ އެ އިމާރާތުގައި އުޅޭ އެހެންމީހުން ބޭނުން ކުރަން ހުންނަ އާއްމު ލިފްޓެކެވެ. އެ ލިފްޓް ބޭނުން ކުރަނީ އެކި ފްލޯ ތަކުގައި ހުންނަ އޮފީސްތަކުގައި އުޅޭ މުވައްޒަފުންނެވެ.

''ފަހުދު........... ތިހެން ނުހަދާ......... އަހަރެންގެ އެއްވެސް ކުށެއް ނެތި އަހަރެން ބަދުނާމުކުރަން ފަހުދު ތިއުޅެނީ ކީއްވެ........... ތިކަން ތިގޮތަށް ކުރުމަކީ ކިހާބޮޑު ނިކަމެތިކަމެއް މަށަށް ލިބޭނެ.............'' ޒާރާގެ ވާހަކަ އަޑު އެހުމަށް ފަހުދު މަޑެއް ނުކުރިއެވެ. ލިފްޓް ހުޅުވުމާއެކު ބޭރަށް ނިކުތެވެ. ޒާރާ ވެސް އޭނާގެ ފަހަތުން ނިކުތެވެ.

''ތިހެން ނުހަދާ...............'' ޒާރާ ގިސްލަމުން ފަހުދުގެ ކުރިމައްޗަށް ޖެހިގަތެވެ. އޭނާ ހީވަނީ މޮޔަވެފައި ހުރިހެނެވެ. ޒާރާގެ ލޮލުގައިވާ ކަރުނައިން ފަހުދަށް އެއްވެސް އަސަރެއް ކުރިހެނެއް ހިޔެއް ނުވެއެވެ. އަދި އެ އަޑުގައިވާ ހިތާމަ ފަހުދަށް އިހްސާސް ކުރެވުނުހެނެއްވެސް ހިޔެއް ނުވެއެވެ.

ދަނީ.............. ދެން އަހަރެން ފަހަތުން ނުދުވިއްޔާ ރަނގަޅީ................'' ފަހުދު ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. ތިރިއަށް ދިއުމަށެވެ.

''ފަހުދު............. ޕްލީސް................ އަޑުއަހާބަލަ.............'' ފަހުދު އަޅާ ކޮންމެ ފިޔަވަޅަކަށް ޒާރާވެސް ފިޔަވަޅެއް އަޅަމުން ފަހުދާ އެއްވަރަށް ކުރިއަށް ދިޔައެވެ. ޒާރާ ހުރީ ހަމަރަނގަޅަށްވެސް ހަމައިން ނައްޓާލާފައެވެ. އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް އޭނާއަށް އެނގޭހެނެއް ހިޔެއް ނުވެއެވެ.

''ޝަރުތެއްގެ މަތިން............ '' ފަހުދުގެ އަޑުގައި އެކުލެވިފައިވަނީ ހަރުކަށިކަމެވެ.

''ބުނޭ...........'' ޒާރާގެ ޖަވާބު ލިބުނުލެއް އަވަހެވެ. އެވެސް ފަހުދު އުންމީދުކުރިފަދަ ޖަވާބެކެވެ. ހިތާ ހިތުން ހިނިތުންވަމުން ދިޔަނަމަވެސް ފަހުދުގެ މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހިފައިވާ ކަމުގެ އަސަރުތަކެވެ. ލިބެމުންދާ ކާމިޔާބީގައި އޭނާގެ ހިތް އުފަލުން ނަށަމުންދަނީއެވެ. ފަހުދުގެ ސިނކުޑީގައި ރާވަމުން ދިޔައީ ކިހާ ނުބައި ރޭވުމެއް ކަމެއް ކުރިމަތީގައި ފެންކަޅިވެ، ގޮތްހުސްވެފައިވާ ޒާރާއަށް އެނގޭނީވެސް ކިހިނެތް ހެއްޔެވެ.

''މިރޭ މަށާ 'މީޓް' ކުރަން އެއްބަސްވޭ.......... މިރޭ ބާރަ ޖަހާއިރު އަހަރެން ދާނަން....... އެއްވެސް ދޮރެއް............'' ފަހުގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ޒާރާ ބޯހޫރާލަމުން ފަހުދުގެ އެ ޝަރުތު ގަބޫލު ކުރެވެން ނެތްކަން އެންގިއެވެ.

''ނިމުނީ............ ދެން އިތުރަށް އަހަރެން ފަހަތުން ނާންނާތި............ '' ފަހުދު ހަޅޭއްލަވައިގަތެވެ. ބާރަށެވެ. އެފަދައިން ފަހުދު އަޑުގަދަ ކޮއްފާނެކަމަށް ޒާރާ ހިޔެއް ނުކުރެއެވެ.

''ފަހުދު ............ ޕްލީސް .......... މީހަކަށް އިވިދާނެ........... އޭރުން ........'' ޒާރާއަށް ތެޅިގަނެވުނެވެ.

''ހެވޭ އިވުނަސް................ މިހާރު ބޭނުންވަނީ އިއްވާން........... ތީ ކިހާ މާތް އަންހެނެއްކަން އެންމެނަށް އަންގާލަން މިހާރު ބޭނުމީ............'' ފަހުދު އިތުރަށް ރުޅިގަދަވިއެވެ. އެހެންނަމަވެސް މިފަހަރު ވާހަކަދެއްކީ ކުރިއަށްވުރެ މަޑުންނެވެ.

''އެންމެ ރަނގަޅު.......... މިރޭ އެކަނި........ ތި ޝަރުތު އަހަރެން ގަބޫލުކޮއްފިން.............އޭރުން ދެން އަހަރެން ބޭޒާރެއް ނުކުރާނަންތަ..............'' ޒާރާ ނިކަމެތިކަމާއެކު ފަހުދުގެ ކުރިމަތީގައި ހުއްޓުނެވެ. ކޮންމެ ގޮތެއް ހަދައިގެންވެސް އޭނާގެ އަބުރަށް އަރަން އޮތް ބޮޑު ހުތުރުން އޭނާގެ އަބުރު ރައްކާތެރިކުރަން ޒާރާ ބޭނުމެވެ. އޭނާގެ ދިރިއުޅުން ވިއްސިވިހާލި ވާން ނޭދޭތީއެވެ. ޒާރާގެ ޅަ ސިނކުޑިއަށް ވިސްނުނު އެންމެ ރަނގަޅުގޮތަކީ އެއީއެވެ.

''މިރޭ ބާރަ ޖަހާއިރު ދާނަން............ ތިކަމާ ބެހޭގޮތުން އިތުރަށް ވާހަކަދައްކަން ފުރުސަތު ލިބޭނެ އޭރުން.......'' ފަހުދު ދިނީ ޒާރާކުރި ސުވާލުގެ ޖަވާބެއް ނޫނެވެ.

''އޭރުން ފޮތޯތައް...........ޑިލީޓް ކޮއްލާނަންތަ............'' ޒާރާގެ ބޭނުން ހާމަކުރިއެވެ. އެއީ އޭނާ އެންމެ ކަންބޮޑުވާ ކަންތަކެވެ. އެއިން އެއްވެސް ފޮޓޯއެއް އިތުރު މީހަކަށް ފެންނަ ދުވަސް ވާނީ ޒާރާގެ ހަޔާތުގެ ފަހު ދުވަހަށެވެ. އެފަދަ ދުވަހެއް އަތުވެއްޖެއްޔާ އެއްވެސް މީހަކާ ކުރިމަތި ލުމުގެ ހިތްވަރެއް ޒާރާގެ ކިބައިގައި ނުހުންނާނެކަން އެންމެ ރަނގަޅަށް އެނގެނީ ހަމަ ޒާރާއަށެވެ.

''ތިވާހަކަ ފަހުން........... މިހާރު ޒާރާގެ މައިދައިތަ ޒާރާ ހޯދާނެ............ ދެން ދޭ.................'' ޒާރާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފަހުދު ސިޑިން ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ.

-----------------------------------------------------------------

ނުނިމޭ.... ވާހަކައިގެ އާ ބައެއް، އިންޝާﷲ، ހަތަރެއް މާރިޗް ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ.....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް