ސައުދީ އަރަބިއްޔާއިން ކޮރޯނާ ވައިރަސް ފެނިއްޖެ

ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ އެވެ. ސައުދީގެ ހެލްތް މިނިސްޓްރީއާއި ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީތަކުން ބުނެފައިވަނީ ކޮރޯނާ ވައިރަސްއަށް ...

02 Mar 2020 | 18:18

ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ އެވެ.

ސައުދީގެ ހެލްތް މިނިސްޓްރީއާއި ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީތަކުން ބުނެފައިވަނީ ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފައިވަނީ އެގައުމުގެ ފިރިހެނެއް ކަމަށެވެ. ސައުދީގެ ހެލްތް މިނިސްޓްރީން މިހާރު އޭނާ ހޮސްޕިޓަލެއްގައި ކަރަންޓީންކޮށް ފަރުވާ ދެމުންދާއިރު އެމީހާގެ ސިއްހީ ހާލަތާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

އެމީހާ ސައުދިއަށް ދިޔައީ ބަހްރެއިން މަގުން އިރާނުން ކަމަށްވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެމީހާ ސައުދީއަށް ދިޔައީ އީރާނުން ފުރައިގެންކަން ސައުދީގެ ކަމާ ބެހޭ ފަރާތްތަކުގައި ބުނެފައެއް ނުވެ އެވެ. އޭނާ ސައުދީއަށް އެތެރެވެފައިވަނީ އެއްގަމު މަގުން ކަމެއް ނުވަތަ ވައިގެ މަގުން ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ސައުދީން މިހާރު ދަނީ ބައްޔަށް ޕޮސިޓީވްވި މީހާއާ މުއާމަލާތްކޮށް އެކުގައި އުޅުނު އެންމެން ބައްޔަށް ޓެސްޓު ކުރަމުންނެވެ. އެ ޓެސްޓުތަކުގެ ނަތީޖާތައްވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށްވެ އެވެ.

ސައުދީން ވަނީ އެ ގައުމަށް ކޮރޯނާ ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އެވެ. އެގޮތުން އުމްރާއަށް މީހުން ދިއުން މަނާކޮށް، ވައިރަސް އެންމެ ބޮޑަށް ފެތުރޭ22 ގައުމެއްގެ މީހުން ސައުދީއަށް އެތެރެވުން ވަނީ މަނާކޮށްފައި އެވެ.

މީގެ އިތުރުން މަސްޖިދުލް ނަބަވީ އާއި މައްކާގެ ހަރަމްފުޅަށް ސައުދީ ރައްޔިތުން ނޫން ބަޔަކު ވަނުން ވަނީ މިހާރު މަނާކޮށްފައި އެވެ. މިގޮތަށް ނިންމީ މާތްވެގެންވާ މިސްކިތްތަކާއި ސައުދީ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތައްޓަކައި ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް