ކޮވިޑް-19: އައިޖީއެމްއެޗުގައި ޓެސްޓު ކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭގޮތަށް

ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރުމުގެ އިންތިޒާމް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ހަމަޖައްސާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކަށް ފެތޭގޮތަށް ކަމަށް އެ ހޮސް...

02 Mar 2020 | 16:46

ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރުމުގެ އިންތިޒާމް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ހަމަޖައްސާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކަށް ފެތޭގޮތަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުގައި ކޮރޮނާ ވައިރަސްއަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސީ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއި އެކު މިދިޔަ މަހު ފަހުކޮޅު އެވެ. އެ ޖަމާއަތުން ވަނީ1000 މީހުން ޓެސްޓު ކުރެވޭނެ ވަރަށް10 ޓެސްޓު ކިޓު ރާއްޖެއަށް ހަދިޔާކޮށްފައި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ލެބޯޓަރީއަށް ތަހުލީލު ކުރަން ގެންނަ ކޮންމެ ވައްތަރެއްގެ ސާމްޕަލަކީ އިންސާނުންނަށް ގެއްލުން ލިބޭނެ އެއްޗެއްގެ ގޮތުގައި ބަލާ ކަމަށެވެ. އެއީ، ނުރައްކާތެރި އަދި ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލަކަށް ވިޔަސް، އެތަކެތި އުފުލުމާއި ތަހުލީލު ކުރުމުގައި ވެސް ރައްކާތެރިވުމުގެ ގޮތުން ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ ކޮވިޑް-19ގެ ސާމްޕަލްތައް އުފުލުމާއި ތަހުލީލު ކުރުމުގައި ވެސް އެ ހޮސްޕިޓަލުން އަމަލު ކުރަމުން ދަނީ ޑަބްލިއުއެޗްއޯ އާއި ކަމާ ބެހޭ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ޕްރޮޓޮކޯލާ އެއްގޮތަށް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ފަރާތްތަކުގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.

މީގެ އިތުރުން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދޭކަމަށް ބުނެފައިވެ އެވެ.

އައިޖީއެމްއެޗުގައި މިހާތަނަށް ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރީ ނިއުމޯނިއާ ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ބައްޔަށް ނެގެޓިވް ވެފައިވާއިރު ކުރިޔަށް އޮތްތާ ނިއުމޯނިއާ އާއި ރޯގާ ޖެހި ހާލު ސީރިއަސްވާ މީހުންވެސް ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރަން ހެލްތް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް