ޓްރީ ޓޮޕް ހޮސްޕިޓަލުގެ ލޮލުގެ ބަލިތަކާއި ބެހޭ ޑިޕާޓްމަންޓުގެ ފުރަތަމަ ޓަރިޖީއަމް އޮޕަރޭޝަން ކާމިޔާބު ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ޓަރިޖީއަމްއަކީ ލޮލުގެ ކޯނިއާ މަތީގައިވާ ކޮންޖަންކްޓިވާ ނުވަތަ މިއުކަސް މެމްބްރޭން ފަށަލަ އާދަޔާ ހިލާފަށް ބޮޑުވުމުން ދިމާވާ ހާލަތެކެވެ. މި ހާލަތުގައި ލޮލުގެ ކޮއި (ޕިއުޕިލް)ގެ މައްޗަށް ޓަރިޖީއަމް އަރައި، ފެނުމަށް ދަތިވުމުން އޮޕަރޭޝަން ކުރަން ޖެހެ އެވެ.
ޓްރީޓޮޕްއިން އެ އޮޕަރޭޝަން ކޮށްފައިވަނީ އުމުރުން 78 އަހަރުގެ މީހެކެވެ. އެ އޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
އޮޕްތަލްމޮލޮޖީ ކޮންސަލްޓަންޓް ޑރ. އަދިތުޔަ ރޭގޭ އިސްކޮށް ހުންނަވާ، ޓްރީޓޮޕްގެ ފުރަތަމަ ޓަރިޖީއަމް އޮޕަރޭޝަން ކޮށްފައިވަނީ ހުނަރުވެރި އެނެސްތީސިއޮލޮޖިސްޓުންނާއި އޮޕަރޭޝަން ތިއޭޓާ ނަރުހުންގެ ޓީމަކުންނެވެ.
"މިއީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް. މި ޕްރޮސީޖާގެ ސަބަބުން އެމީހާގެ ލޮލުގެ ފެނުން ފުސްވަމުންދިޔަ ދިއުން ހުއްޓި، ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެންދާނެ." ޑރ. ރޭގޭ ވިދާޅުވި އެވެ.
އެ ޑިޕާޓްމަންޓުން ކުރާ ހުރިހާ އެގްޒަމިނޭޝަންތަކާއި ޑައިގްނޯސިސް އަދި ދޭ ފަރުވާތަކުގައި ވެސް ބޭނުން ކުރަނީ އެންމެ ފަހުގެ ގޮތްތަކާއި ޓެކްނޮލޮޖީތަކެވެ. މި ޑިޕާޓްމަންޓުން ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންނަށް ދިމާވާ ލޮލުގެ ގިނަ މައްސަލަތަކަށް ފަރުވާ ފޯރުކޮށްދޭ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް