ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރީ ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް މީހުން ރަޖިސްޓްރީކޮށްފައި ނުވާ ރިސޯޓުތަކަށް ވޯޓުލާން ބޭނުންވި މީހުންނަށް އެހެން ތަނަކަށް ބަދަލު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓި ރިސޯޓުތަކުގެ އަދަދަށް ބަލައި 53 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާށެވެ. ރިސޯޓުތަކުގައި ވޯޓު ފޮށި ބަަހައްޓަނީ50 މީހުން ރަޖިސްޓްރީވެއްޖެ ނަމަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ކައުންސިލް އިންތިހާބަށް ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި އަދަދު ހަމަވާ ވަރަށް މީހުން ރަޖިސްޓްރީވެފައި ވަނީ22 ރިސޯޓެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ އެހެން އިންތިހާބުތަކާއި އަޅާ ބަލާއިރު މި އިންތިހާބުގައި ވޯޓުލާން ރިސޯޓުތަކުން ލިބުނު ތަރުހީބު ކުޑަކަމަށެވެ.
އީސީން ނިންމާފައިވަނީ ވޯޓު ފޮށީ ނުބަހައްޓަން ނިންމި31 ރިސޯޓަށް ރަޖިސްޓްރީ ކުރި މީހުންނަށް ވޯޓުލާ ތަން ބަދަލު ކުރުމަށް އިތުރު ފުރުސަތު ދޭށެވެ. އެގޮތުން މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހަށް އެ ރިސޯޓުތަކަށް ރަޖިސްޓްރީކުރި މީހުންނަށް އެހެން ތަނަކަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި އޮންނާނެ އެވެ.
ކައުންސިލް އިންތިހާބުގެ ރީރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވި އިރު ރަށްވެހިފައިވާ ތަންތަން ނޫންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ22،000 މީހުންނެވެ.
މިފަހަރުގެ އިންތިހާބުގައި ރީރަޖިސްޓްރީން ވާން ޖެހުނީ މަޖިލީސް އިންތިހާބުގައި ވޯޓުލީ ތަން ބަދަލު ކުރަން ބޭނުންވާ މީހުން އެކަންޏެވެ. އެކަމަކު ޖަލުތަކަށާއި ސިނާއީ ރަށްތަކުގެ އިތުރުން ރިސޯޓުތަކުގައި އެ އިންތިހާބުގައި ވޯޓުލީ މީހުން އަލުން ރަޖިސްޓްރީވާން ޖެހުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް