ލާދީނީ ވޯކްޝޮޕްތަކުގެ މައްސަލައިގަ ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާއެއް ނުކުރި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނާ ހިލާފު ވޯކްޝޮޕްތަކެއް ބާއްވަމުންދާ ކަމަށް ބުނެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ނުކުރަން މަޖިލީހުގެ ރައީސް...

02 Mar 2020 | 09:10

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނާ ހިލާފު ވޯކްޝޮޕްތަކެއް ބާއްވަމުންދާ ކަމަށް ބުނެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ނުކުރަން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ. އެ މައްސަލައިގަ އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ލާދީނިއްޔަތު ފަތުރާ ޖަމާއަތެއްގެ ހަރަކާތްތައް ކުރިއަށް ގެންދާތީ އެކަން މަޖިލިހުގެ ސަމާލުކަމަށް ގެނެސް އެކަން ހުއްޓުވަން ކުރަން ޖެހޭ ކަންކަން ކުރުމަށެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހަށް އޭނާ ހށަަހެޅި ކުއްލި މައްސަލަ އަކީ ކޮބައިކަން އޮޅުންފިލާގޮތްވީވެސް ވަރަށް ފަހުންނެވެ. އެ މައްސަލަ އެޖެންޑާ ކުރުމަށް ފަހު ރައީސް ނަޝީދު މައްސަލަ ހުށަހެޅުމުގެ ފުރުސަތު މޮސްޓާއަށް ދެއްވީންސުރެ އެމްޑީޕީގެ މެންބަރުން ގެންދެވީ ނިޒާމީ ނުކުތާ ނަންގަވަމުންނެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ނިޒާމީ ނުކުތާ ނަންގަވައި ވިދާޅުވީ އެ މައްސަލައަކީ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށެވެ. މަޖިލިހަށް ކުއްލި މައްސަލައިގެ ގޮތުގައި މެމްބަރަކަށް ހުށަހެޅުއްވޭނީ ރާއްޖޭގައި ކުއްލި ގޮތަކަށް ހިނގާ ކަންކަން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އެހެންވެ މައްސަލަ ހުށަހެޅުއްވޭގޮތެއް މޮސްޓާއަކަށް ނުވި އެވެ.

އެ މައްސަލަ ސާފުވާގޮތްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ނިޒާމީ ނުކުތާ ނަންގަވާ އެއީ ބަލައިގެންނަން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވުމުންނެވެ. ޝިޔާމް ވިދާޅުވީ ހުށަހެޅިފައިވާ މައްސަލައަކީ މަޖިލިހުން ބަލައިގަނެ މެންބަރުން ބަހުސް ކުރައްވަން ޖެހޭ ކުއްލި މައްސަލައެއް ކަމަށެވެ.

އެކަމަކު ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތުމަތު ފިލްޒާ ލަފާދެއްވީ މައްސަލަ އެޖެންޑާ ނުކުރަން ކަމަށެވެ.

އިނގިރޭސިވިލާތުގެ ކުލިއަމް ޖަމިއްޔާއިން ވޯކްޝޮޕްތަކެއް ބޭއްވީ އައްޑޫ ސިޓީ ހިތަދޫ އާއި ހދ. ހަނިމާދޫގައި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ވޯކްޝޮޕްތަކުގަިއ ޝިރުކު ކުރުމާއި، އިސްލާމްދީނާއި ދެކޮޅު ވާހަކަތަކާއި މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ހަރުކަށި ފިކުރެއްކަމަސް ވިސްނައިދޭން މަސައްކަތް ކުރި ކަމަށްވެ އެވެ.

މި ވޯކްޝޮޕްތަކުުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް