ރާއްޖޭގައި ތިބެގެން ޔޫރަޕް ވިސާ މިހާރު ލިބޭނެ!

މާލޭގައި މިއަދު ޤާއިމްކުރި ވީއެފްއެސް ވިސާ ސެންޓަރާއެކު ރާއްޖޭގައި ތިބެގެން ޔޫރަޕަށް ދާން ބޭނުންވާ ޝެންގެން ވިސާ ލިބޭނެ އިންތިޒާމް ހަމަޖެހިއްޖެއެވެ. މާލޭގައި ހުޅުވި ވިސާ ސެންޓަރުން ޖަރުމަންވިލާތާއި ޗެ...

02 Mar 2020 | 06:26

މާލޭގައި މިއަދު ޤާއިމްކުރި ވީއެފްއެސް ވިސާ ސެންޓަރާއެކު ރާއްޖޭގައި ތިބެގެން ޔޫރަޕަށް ދާން ބޭނުންވާ ޝެންގެން ވިސާ ލިބޭނެ އިންތިޒާމް ހަމަޖެހިއްޖެއެވެ.

މާލޭގައި ހުޅުވި ވިސާ ސެންޓަރުން ޖަރުމަންވިލާތާއި ޗެކް ރިޕަބްލިކަށް ދާން ބޭނުންވާ ވިސާ ހަމަޖެހިގެންދާނެއެވެ. އަދި އެގައުމުތަކަށް ދާން ބޭނުންވާ ޝެންގެން ވިސާގައި ޔޫރަޕްގެ އެހެން ޤައުމުތަކަށްވެސް ދަތުރުކުރުމަށް ފުރުސަތު ފަހިވެގެންދާނެއެވެ.

ރާއްޖޭގައި އަލަށް މިފަށާ ޚިދުމަތާއިއެކު، ޝެންގެން ވިސާ ހޯދުމަށް އަވަށްޓެރި ސްރީލަންކާއަށް ނުވަތަ އިންޑިއާއަށް ކުރަން ޖެހޭ ދަތުރުތަކަށް ނިމުމެއް އައިސް، ވިސާ ހޯދާ ފަރާތްތަކަށް ވަރަށް ބޮޑުތަކުން ޚަރަދު ކުޑަވެ، ޚިދުމަތް ހޯދަން ފަސޭހަވެގެންދާނެއެވެ.

ޖަރުމަންވިލާތުން ރާއްޖޭގައި ވިސާ ސެންޓަރެއް ޤާއިމްކުރާނެކަން މިނިސްޓަރ އަބްދުﷲ ޝާހިދު އިއުލާންކުރެއްވީ މިދިޔަ ޑިސެމްބަރު މަހުއެވެ. އަދި ކުރިއަށް އޮތްތަނުގައި ޔޫރަޕްގެ އިތުރު ޤައުމުތަކުންވެސް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސަމުންދާނެކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ. ޖަރުމަންވިލާތާއި ޗެކް ރިޕަބްލިކްގެ ވިސާ މިހާރު ރާއްޖޭގައި ތިބެގެން ނެގޭނެ އިންތިޒާމް ހަމަޖެހުނުއިރު، ކުރިއަށް އޮތްތަނުގައި ޔޫރަޕްގެ އިތުރު ޤައުމުތަކުންވެސް ރާއްޖޭގައި ތިބެގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސަމުންދާނެއެވެ.

ވިސާ ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ އުއްމީދަކީ ވަރަށް އަވަހަށް ޖަރުމަންވިލާތަށާއި ޔޫރަޕްގެ އެހެން ޤައުމުތަކަށްވެސް އޮން-އެރައިވަލް ވިސާގައި ދިވެހިންނަށް ދަތުރުކުރެވުންކަމަށެވެ. އަދި އެކަން ވާނެކަމުގެ އުއްމީދު އެބައޮތްކަމަށް ޖަރުމަންވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުވެސް މިރަސްމިއްޔާތުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޖަރުމަންވިލާތުގެ ސަފީރާއި ޗެކް ރިޕަބްލިކްގެ ސަފީރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި، އެމްއެމްޕީއާރްސީއާއި ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، މަޖިލިސް ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގެން، ފޮރިން މިނިސްޓަރ ކަމުގެ މަޤާމަށް އަބްދުﷲ ޝާހިދު އައްޔަންކުރެއްވުމަށްފަހު ދިވެހިންނަށް ފަސޭހައިން ބޭރު ޤައުމުތަކުގެ ވިސާ ލިބޭނެ އިންތިޒާމް ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ތައިލެންޑް، މޮރޮކޯ އަދި ރަޝިޔާއަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް މިހާރު ދަތުރުކުރެވޭއިރު، ދިވެހިންނަށް ސައޫދީ ޢަރަބިއްޔާއިން އޮން އެރައިވަލް ވިސާ ލިބޭނެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާއިން ދިވެހިންނަށް ވިސާގެ ގިނަ ލުއިފަސޭހަތަކެއް މިހާރު ވަނީ ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް