މާލޭ ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލާ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

މާލޭގެ ކުލި ކުޑަކުރުމަށް ގޮވާލާ 800 އަށްވުރެ ގިނަ މީހުންގެ ސޮޔާއި އެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ. މި ޕެޓިޝަން ހުށަހެޅީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ)ގެ ފަރާތުންނެވެ. މި...

02 Mar 2020 | 05:52

މާލޭގެ ކުލި ކުޑަކުރުމަށް ގޮވާލާ 800 އަށްވުރެ ގިނަ މީހުންގެ ސޮޔާއި އެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި ޕެޓިޝަން ހުށަހެޅީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ)ގެ ފަރާތުންނެވެ. މި ޕެޓިޝަންގައި މަޖިލީހުގެ މެންބަރުންގެ ތެރެއިން ސޮއި ކުރައްވާފައިވަނީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ.

އެ ޖަމިއްޔާއިން މީޑިއާގައި ބުނީ މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ އަލީ ހުސައިންގެ ފަރާތުން ކަމަށެވެ. އަދި އަލީ ހުސައިން ވަނީ އެ ޕެޓިޝަން ސްޕޮންސާ ކޮށްދެއްވާފަ އެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހަށް ބިލެއް ނުވަތަ ގަރާރެއް ނުވަތަ ޕެޓިޝަނެއް ވެސް ހުށަހެޅޭނީ މަޖިލީހުގެ މެންބަރަކު މެދުވެރިކޮށެވެ. މިގޮތުން ސަރުކާރުންނާއި ޖަމިއްޔާ ޖަމާއަތްތަކުން އަދި ވަކިވަކި ފަރުދުން ވެސް މަޖިލީހަށް ޕެޓިޝަން ހުށަހަޅާނަމަ މެންބަރަކު އެ ޕެޓިޝަނެއް ސްޕޮންސާ ކުރަން ޖެހެ އެވެ.

އެމްޓީޔޫ އިން ބުނީ އެ ޖަމިއްޔާގެ މަގުސަދަކީ އެތައް ޒަމާނެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުންގެ ވޭނާއި ތުރާތައް ހައްލު ކޮށްދިނުމަށް ރަސްމީ ސިފައެއް ގެނެސްދިނުން ކަމަށެވެ. އެމްޓީޔޫ އިން ބުނީ މާލޭގައި ކުއްޔަށް ދިރިއުޅޭ ކޮންމެ މީހަކަށްވެސް އެ ޖަމިއްޔާގައި ބައިވެރިވެ އެމީހުންގެ ވާހަކަތައް ހިއްސާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މާލޭގެ ކުލި ކޮންޓްރޯލް ކުރުމަށް އަބަދުވެސް ކުއްޔަށް މާލޭގައި ދިރިއުޅޭ މީހުން ގޮވާލަމުންދެ އެވެ. އެކަމަކު މިހާތަނަށް އެއްވެސް ސަރުކާރަކުން މިކަމަށް އިޖާބީގެން މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް