ކޮރޯނާ ވައިރަސްއާއި ގުޅިގެން ސައުދީ އަރަބިއްޔާއިން އުމްރާ ދިއުން މަނާ ކޮށް، އުމްރާއަށް ދާން ވިސާ ނެގި މީހުންނަށް ފައިސާ އަނބުރާ ދޭން ފަށައިފި އެވެ.
ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނީ އުމްރާއަށް ދާން ވިސާއަށް ފައިސާ ދެއްކި ފަރާތްތަކަށް އެ ގައުމަކުން އެމީހަކު ފައިސާ ދެއްކި އެޖެންސީއަކުން މިހާރު ވިސާއަށް ނެގި ފައިސާ ލިބޭނެ ކަމަށެވެ. އަދި އެ އެޖެންސީތަކަށް އޮންލައިންކޮށް ވިސާ ފީ އަނބުރާ އެ މިނިސްޓްރީން ދޫކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
މިގޮތަށް ހަމަޖެއްސީ ވަކި މުއްދަތެއް ނެތް ގޮތަށް އުމްރާއަށް ދިއުން ސައުދީ ސަރުކާރުން ހުއްޓާލަން ނިންމުމަށް ފަހު އެވެ. އެ މިނިސްޓްރީން ބުނީ އުމްރާއަށް މީހުން ދިއުމުގެ ހުއްދަ ދޭނެ ވަކި ދުވަހެއް އަދި ކަނޑަނާޅާ ކަމަށެވެ.
ވިސާ ފީގެ އިތުރުން އުމްރާގެ ކަންކަމަށް ސައުދީ ސަރުކާރަށް ދައްކަން ޖެހޭ ފީގެ ގޮތުގައި އެޖެންސީތަކުން ނަގާފައިވާ ފީތައްވެސް ދަނީ އަނބުރާ ދެމުންނެވެ.
ސައުދީން ވަނީ އުމްރާއަށް ދިއުން މަނާ ކުރުމުގެ އިތުރުން މަސްޖިދުލް ނަބަވީ އާއި ހަރަމް ފުޅަށް އެހެން ގައުމުތަކުގެ މީހުން ވަނުން މަނާކޮށްފައި އެވެ. އަދި ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމުތަކުގެ މީހުންނަށް ޓޫރިސްޓުންގެ ގޮތުގައިވެސް އެތެރެވުން ވަނީ މަނާކޮށްފައި އެވެ.
މިގޮތަށް ނިންމީ އެ ގައުމުގެ ރައްޔިތުންނާއި މާތްވެގެންވާ މިސްކިތްތަކުގެ ރައްކާތެރިކަމަށް ޓަކައި ކަމަށް ސައުދީން ވަނީ ބުނެފަ އެވެ.
ސައުދީގެ ނިންމުމާއި އެއްގޮތަށް އުމްރާއަށް ދާން ދެއްކި ފައިސާ ދޫކުރާކަން ރާއްޖޭން މީހުން އުމްރާއަށް ގެންދަން ފައިސާ ނެގި ޖަމާއަތްތަކުގެ ތެރެއިން އަލް ހަރަމް ޖަމާއަތުން ވަނީ އިއުލާނުކޮށްފަ އެވެ. އަދި އެހެން ޖަމާއަތްތަކުން ބުނެފައިވަނީ އުމްރާގެ ކަންކަމުގައި ނިންމަމުންދާ ގޮތް ފައިސާ ދެއްކި މީހުންނަށް އަންގަމުން ދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް