މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފައިނަލުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޖާގަ ހޯދައިފިއެވެ.
އެމްއޭސީއެލް އާއި އެމްޕީއެލުން ފައިނަލުގެ ޖާގަތައް ހޯދީ އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ޓީމް އިވެންޓުގެ ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.
އެމްއޭސީއެލުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ބަލިކޮށްގެންނެވެ. އެ މެޗުން އެމްއޭސީއެލް މޮޅުވީ 2-1 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު 1-5 ފްރޭމުން ކަސްޓަމްސް އިން ގެންދިޔަ ނަމަވެސް، ދެވަނަ ގޭމު 5-3 ފްރޭމުން ގެންދިޔައީ އެމްއޭސީއެލްއެވެ. އަދި ތިންވަނަ ގޭމު އެމްއޭސީއެލުން ގެންދިޔައީ ސީދާ ފަސް ފްރޭމުންނެވެ.
އެމްޕީއެލުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ދެވަނަ މެޗުގައި އެމްއެންޑީއެފް ބަލިކޮށްގެންނެވެ. އެ މެޗުން އެމްޕީއެލް މޮޅުވީ 1-2 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު 4-5 ފްރޭމުން އެމްޕީއެލް ގެންދިޔަ އިރު، ދެވަނަ ގޭމު 5-3 ފްރޭމުން ގެންދިޔައީ އެމްއެންޑީއެފްއެވެ. އަދި ތިންވަނަ ގޭމު އެމްޕީއެލުން ގެންދިޔައީ 3-5 ފްރޭމުންނެވެ.
އެ މުބާރާތުގެ ޓީމް އިވެންޓުގެ ފައިނަލުގައި އެމްއޭސީއެލް އާއި އެމްޕީއެލް ބައްދަލުކުރާނީ މިރޭ 8:30 ގައެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގެ ފައިނަލުން އެމްއޭސީއެލްގެ އިސްމާއިލް ސުވައިދާއި އެމްޕީއެލްގެ މުހައްމަދު ދުންޔާޒް ޖާގަ ހޯދި އިރު، އަންހެން ޑިވިޝަނުގެ ފައިނަލުން ކަސްޓަމްސްގެ އާމިނަތު ހަލީމް (ދިލް) އާއި އެމްއެންޑީއެފްގެ އާއިޝަތު ޒީނާ ވަނީ ޖާގަ ހޯދައިފައެވެ.
ފިރިހެން ޑިވިޝަނުގެ ފައިނަލުން ސުވައިދު ޖާގަ ހޯދީ ސެމީގައި 2-5 ފްރޭމުން އެމްއެންޑީއެފްގެ ފަތުހުﷲ ޖަމީލް ބަލިކޮށްގެންނެވެ. އަދި ފައިނަލުން ދުންޔާޒް ޖާގަ ހޯދީ ސެމީގައި ސީދާ ފަސް ފްރޭމުން ކަސްޓަމްސްގެ ޔޫސުފް ޒުބައިރު ބަލިކޮށްގެންނެވެ.
އަންހެން ޑިވިޝަނުގެ ފައިނަލުން ދިލް ޖާގަ ހޯދީ ސެމީގައި ސީދާ ފަސް ފްރޭމުން އެމްޑަބްލިޔުއެސްސީގެ ރައުފާ މުހައްމަދު ބަލިކޮށްގެންނެވެ. އަދި ފައިނަލުން ޒީނާ ޖާގަ ހޯދީ ސެމީގައި 2-5 ފްރޭމުން ދިރާގުގެ އާމިނަތު ލީނާ ބަލިކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް