އިސްލާހު ހުށަހަޅާހާ އަވަހަކަށް ސިފައިންނަށް ވޯޓު ނުލެވޭގޮތަށް ފާސް ކުރާނަން: ޕީޕިއެމް

އިންތިހާބުތަކުގައި ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ސިފައިންގެ ގާނޫނަށް އިސްލާހު ހުށަހަޅާހާ އަވަހަށް އެ އިސްލާހު ފާސް ކުރާނެ ކަމަށް ޕީޕިއެމް އިން ބުނެފި އެވެ. ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވި...

02 Mar 2017 | 09:50

އިންތިހާބުތަކުގައި ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ސިފައިންގެ ގާނޫނަށް އިސްލާހު ހުށަހަޅާހާ އަވަހަށް އެ އިސްލާހު ފާސް ކުރާނެ ކަމަށް ޕީޕިއެމް އިން ބުނެފި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މިއަހަރު ތެރޭގައި ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް މަޖިލީހަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އަދި ދެކެވަޑައިގެންނަވާގޮތުގައި ސިފައިންނަކީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ޖެހޭ ބައެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓިގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ސިފައިންނަށް އިންތިހާބުތަކުގައި ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ގާނޫނު އިސްލާހު ކުރުމަށް ތާއީދު ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމްއިން ބޭނުންވަނީ ސިފައިންގެ ފަރާތުން ނާޖައިޒު ފައިދާ ހޯދަން ނޫން ކަމަށެވެ.

އަދުރޭ ވިދާޅުވީ ސިފައިންނަށް ވޯޓު ލެވޭ ގޮތަށް އޮތުމުން އެކަމުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ޕީޕީއެމް އަށް ކަމަށެވެ. އެއީ ސިފައިންގެ ތެރޭގައި ގިނައީ ސަރުކާރަށް ތާއީދު ކުރާ މީހުން ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން އެއްކިބާވެފައި އޮތް ބަޔަކަށް ހެދިއްޖެނަމަ، ގައުމަށް ފައިދާ އެބައޮތް. ގައުމުގެ އަމާންކަމާއި އޮމާންކަން ދެމެހެއްޓުމަށް އިތުރަށް މަގުފަހި ވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރާއްޖެ އުފެދިފައި އޮތް ގޮތާއި އާބާދީގެ ގޮތުން ބެލި ނަމަވެސް، އެއީ ގެންނަން ޖެހޭ ބަދަލެއް ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން ވެރިންގެ ގޮތުގައި ތިބޭ މީހުން ސިފައިންގެ ފަރާތުން ނާޖާއިޒް ފައިދާ ނުނެގޭނެކަން ދައްކަން ދުނިޔޭގެ ފެންވަރުގެ ނަމޫނާއަކަށް ވުމަށް މަޖިލީހަށް ހުށަހެޅުމުން ބަލައިގަނެ ވީހާ ވެސް އަވަހަކަށް ނިންމާނޭ ކަމަށެވެ.

ނިހާން ވިދާޅުވީ އެއިރެއްގައި އޮންނަ ސަރުކާރުން ސިފައިންނާއި ފުލުހުންނަށް ވޯޓުލެވެން ބޭނުންވާނެ ކަމަށެވެ.

އެކަމަކު ސަރުކާރުން މަސައްކަކުރަނީ ފުލުހުންނާއި ސިފައިން އެންމެ ބޭނުންވާ ކަންކަން ފުއްދައި ދިނުމަށް ކަމަށް ނިހާން ވިދާޅުވި އެވެ. އެގޮތުން ބޯހިޔާވަހި ކަމާއި މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް