ރާއްޖޭގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ، ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކަށް ޢަމަލުކުރުމުގައި އިތުރު ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިލައްވައިފިއެވެ.
އެގޮތުން ރައީސް އޮފީހުން ބުނެފައިވާގޮތުގައި ރާއްޖޭގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ، ކޮވިޑް-19 ޖެހިފައިވާ މީހުން ތިބިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކުރައްވާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ދިނުމުގައްޔާއި، މުވައްޒަފުން މަސައްކަތަށް ނެރުމުގައި،ޙަވާލާދީފައިވާ ދެންނެވުމުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ޢަމަލުކުރެއްވުމުގައި ސަރުކާރުގެ އިދާރާތަކުން އިތުރު ސަމާލުކަމެއް ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް
- މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖެއްސުން.
- މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހައިވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުން.
- މުވައްޒަފުން ޓީމުތަކަކަށް ބަހައިލައިގެން މަސައްކަތު ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެގޮތަށް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުން.
- އިދާރާއިން ދޭ ޚިދުމަތްތަކުގެ ބާވަތަށާއި، ދޭ ޚިދުމަތްތަކުގެ މިންވަރަށާއި، ޚިދުމަތް ދިނުމަށް ލިބިފައިވާ ވަސީލަތްތަކަށާއި، މުވައްޒަފުންގެ އަދަދަށް ބަލައި، އިދާރާއިން ދޭ ޚިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހައިލައިގެން، އެކި ދުވަސްތަކުގައި އެކި ޚިދުމަތް ދޭ ގޮތަށް ހަމަޖެއްސުން.
މީގެ އިތުރުން، ތިރީގައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުގެ ހުރިހައި އިދާރާތަކުން ޢަމަލުކުރެއްވުމަށް ދަންނަވަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށްވެސްބުނެފައިވެއެވެ.
- ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުން.
- ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުން.
- ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ޚިދުމަތްތައް އެ ގޮތުގެ މަތިން ދެމުން ގެންދިޔުން. އަދި، އޮންލައިންކޮށް ދެވެންހުރި އިތުރު ޚިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިޔުން.
- ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުން.
- ސަރުކާރުގެ އިދާރާތައް ހިންގުމުގައްޔާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ޞިއްޙީ ރައްކައުތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާޙައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާޢީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޛު ކުރުން.
- އޮފީހުން ކުރާ ކަރުދާހުގެ ޚަރަދާއި، ޕްރިންޓްކުރުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތްކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޛުކުރުން. މިގޮތުން، ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން "ޕޭޕަރލެސް" މަސައްކަތުގެ މާޙައުލެއް އޮފީހުގައި ޤާއިމުކުރުމަށް މަސައްކަތްކުރުން.
- ކޮވިޑް 19 އާ ގުޅިގެން، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، ޚަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުން.
އިތުރަށް ބުނެފައިވަނީ މި އުސޫލު ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުން ކަމަށްވާތީ، މުވައްޒަފުން ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް