ރެޔަކާއި ދުވާލު ސުންނަތުގެ ބާރަ ރަކުޢަތް ކުރުން
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.
”مَنْ ثَابَرَ عَلَى اثْنَتَيْ عَشْرَةَ رَكْعَةً فِي الْيَوْمِ وَاللَّيْلَةِ دَخَلَ الْجَنَّةَ : أَرْبَعًا قَبْلَ الظُّهْرِ، وَرَكْعَتَيْنِ بَعْدَهَا، وَرَكْعَتَيْنِ بَعْدَ الْمَغْرِبِ، وَرَكْعَتَيْنِ بَعْدَ الْعِشَاءِ، وَرَكْعَتَيْنِ قَبْلَ الْفَجْرِ“ ރިވާކުރެއްވީ އައްނަސާއީ
މާނައީ: “ ރެއަކާއި ދުވާލު ބާރަ ރަކުޢަތް ކުރުން މަތީ ދެމިހުރެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ. (އެއީ) މެންދުރު ނަމާދުގެ ކުރީގައި ހަތަރު ރަކުޢަތާއި، އަދި މެންދުރު ނަމާދުގެ ފަހުގައި ދެ ރަކުޢަތާއި، މަޣްރިބު ނަމާދުގެ ފަހުގައި ދެ ރަކުޢަތާއި، ޢިޝާ ނަމާދުގެ ފަހުގައި ދެ ރަކުޢަތާއި، ފަތިސް ނަމާދުގެ ކުރީގައި ދެ ރަކުޢަތެވެ.“
ﷲ ގެ 99 އިސްމުފުޅު ހިތުން ދަސްކުރުން
ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ.
“ إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا، مِائَةً إِلَّا وَاحِدًا، مَنْ أَحْصَاهَا دَخَلَ الْجَنَّةَ “ ރިވާކުރެއްވީ ބުޚާރީ
މާނައީ: “ ހަމަކަށަވަރުން ﷲ އަށް ނުވަދިހަ ނުވަ އިސްމުފުޅު ލިބިގެންވެއެވެ. ސަތޭކަ އިސްމުފުޅެވެ. އެއް އިސްމުފުޅު ފިޔަވައެވެ. އެ އިސްމުފުތައް ހިތުދަސްކޮށްފި މީހާ ސުވަރުގެ ވަދެއްޖެއެވެ.“
ނަބިއްޔާ ﷺ އަށް ކިޔަމަންތެރިވުން
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.
“ كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلَّا مَنْ أَبَى ”. قَالُوا : يَا رَسُولَ اللَّهِ، وَمَنْ يَأْبَى ؟ قَالَ : “ مَنْ أَطَاعَنِي دَخَلَ الْجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى “ ރިވާކުރެއްވީ ބުޚާރީ
މާނައީ: ”ތިމަން ކަލޭގެފާނުގެ އުންމަތުގެ ކޮންމެ މީހަކުވެސް ސުވަރުގެ ވަންނާނެއެވެ. އިންކާރުކޮށްފި މީހަކު މެނުވީއެވެ. އަޞްޙާބު ބޭކަލުން ދެންނެވިއެވެ. ”އޭ ﷲ ގެ ރަސޫލާއެވެ. (ސުވަރުގެ ވަނުމަށް) އިންކާރު ކުރާނީ ކާކުތޯއެވެ.“ ޙަދީޘް ކުރެއްވިއެވެ. ”ތިމަން ކަލޭގެފާނަށް ކިޔަމަންތެރިވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި ތިމަންކަލޭގަފާނަށް ނުކިޔަމަންތެރިވެއްޖެ މީހާ އިންކާރުކޮށްފިއެވެ.“
ﷲ އެއްކައުވަންތަކޮށް ނަމާދު ޤާއިމްކޮށް ޒަކާތްދީ ރަޙިމުގެ ގުޅުން ދެމެހެއްޓުން
އެއްދުވަހަކު ނަބިއްޔާ ﷺ ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. “ އެ ޢަމަލެއްގެ ސަބަބުން އަޅުގަނޑު ނަރަކައިން ދުރުކޮށްދޭނެ އަދި ސުވަރުގެއަށް ވަދެވޭނެ ޢަމަލެއް ވިދާޅުވެދެއްވާށެވެ.“
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ تَعْبُدُ اللَّهَ لَا تُشْرِكُ بِهِ شَيْئًا، وَتُقِيمُ الصَّلَاةَ، وَتُؤْتِي الزَّكَاةَ، وَتَصِلُ ذَا رَحِمِكَ “
މާނައީ: ”އެއީ ތިބާ ﷲ އަށް އަޅުކަންކުރުމެވެ. އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. އަދި ނަމާދު ޤާއިމްކުރުމެވެ. އަދި ޒަކާތްދިނުމެވެ. އަދި ތިބާގެ ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ.“
ދެން އެމީހާ އެނބުރި ދިއުމުން ޙަދީޘްކުރެއްވިއެވެ. ”އޭނާ އަށް މި އަމުރުކުރި ކަންކަމުގައި އޭނާ ދެމިހުރެއްޖެނަމަ އޭނާ ސުވަރުގެ ވަދެއްޖެއެވެ.“ ރިވާކުރެއްވީ މުސްލިމް
ޚާއްޞަކޮށް ފަތިސް ނަމާދާއި ޢަޞުރު ނަމާދަށް ރައްކާތެރިވުން
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.
“ مَنْ صَلَّى الْبَرْدَيْنِ دَخَلَ الْجَنَّةَ “ ރިވާކުރެއްވީ ބުޚާރީ
މާނައީ: “ ފިނީގައިކުރާ ދެނަމާދު( އެބަހީ: ފަތިސްނަމާދާއި ޢަޞުރުނަމާދު) ކޮށްފިމީހާ ސުވަރުގެ ވަދެއްޖެއެވެ.“
(ނޯޓް: މީގެ މާނައަކީ ހަމައެކަނި މި ދެ ނަމާދު ކޮށް އެހެން ފަރުޟު ނަމާދުތައް ދޫކޮށްލުމެއް ނޫނެވެ. މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމެވެ. މި ޙަދީޘުން ދޭހަވަނީ މި ދެ ނަމާދުގެ މާތްކަމާއި މަތިވެރިކަމެވެ.)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް