މާދަމާ މާލޭގައި އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ޗެއާމަން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ކޯވިޑް ވެކްސިން ދޭން ފަށާނެ ކަމަށެވެ. އަދި އިތުރަށް ވެކްސިން ދިނުން އަވަސް ކުރުމަށް މާލެ ސަރަހައްދުގައި އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ވެކްސިން ޖަހައިދޭނީ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކޯވިޑް ވެކްސިން ދޭ ކެޓަގަރީތަކަށް ފެތޭ ފަރާތްތަކަށް ވެކްސިން ދޭން ހަމަޖެހިފައިވާ ދުވަހުގެ އެއް ދުވަސް ކުރިން ގުޅައި އަންގާނެ ކަމަށެވެ.
އަދި ދާން ޖެހޭ ތަނާއި ގަޑިވެސް ވެކްސިން ޖަހާ މީހާއަށް އަންގާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ. ޑރ. ފައިސަލް ވިދާޅުވީ ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި ކިޔު ހަދައިގެން މީހުން ތަންތަނަށް ގެންގޮސްގެން ބޭތިއްބުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ރެޖިސްޓްރީ ކުރަން ނޭނގޭ މީހުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމުން ޕޯޓަލްގައި ރެޖިސްޓްރީ ކުރަން އެހީތެރިކަން ލިބޭނެ ކަމަށެވެ.
ކޯވިޑް ވެކްސިން އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ފައިސަލް ވިދާޅުވީ ކޯވިޑް ވެކްސިން ޖަހައިގެން ދިފާއީ ނިޒާމަށް އޭގެ އަސަރުކޮށް ބަލިން ދިފާއު ކޮށްދެނީ ދެ ޑޯޒު ޖަހާތާ ދެ ހަފްތާ ފަހުންނެވެ. ޑޮކްޓަރު ވިދާޅުވީ ފުރަތަމަ ޑޯޒު ޖެހިކަމުގައި ވިޔަސް ދެވަނަ ޑޯޒު ޖެހެންދެން އުޅެން ވާނީ ވަރަށް ބޮޑަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.
ބައެއް ފަރާތްތަކުން ކޮށްފައިވާ ސުވާލުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ކޯވިޑް ވެކްސިން ޖެހިޔަސް ލޭ ހަދިޔާ ކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ކޯވިޑް ވެކްސިން ދޭން ފެށީ ކުޅުދުއްފުށީ، މާލެ އަދި އައްޑޫ ސިޓީގައި އެވެ. ރާއްޖޭގައި ޖަހަމުންދަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް