''މަންމާ.............'' ޒާރާގެ އަޑުގައިވަނީ ވޭނާ ކެކުޅުމުގެ އަސަރުތަކެވެ. ސަރީފާ މީގެ ކުރިން އެގޮތަށް ޒާރާ ރޯތަން ދެކެފައެއް ނުވެއެވެ. އަދި އެފަދަ ހިތްދަތި ކަމެއް އެ ރީތި މޫނުން މީގެން ދުވަހަކުވެސް ފެނިފައި ނުވެއެވެ.
''ތިވަރަށް ރޯކަށް ނުވާނެ........... މަންމަ ހާދަ ދެރަވެޔޭ ތިގޮތަށް ދަރިފުޅު ރޯތަން ފެނުނީމަ...........'' ކުރިން އިށީދެ އިންތަނުގައި ސަރީފާ އިށީދެލިއެވެ. ސަރީފާގެ ކޮނޑުގައި ޒާރާ ބޯއަޅާލިއެވެ. އަދި ގިސްލާ ރޯންފެށިއެވެ. ތުރުތުރު އަޅަމުންދިޔަ ޒާރާ ހަމައަކަށް އެޅުވޭތޯ ސަރީފާ މަސައްކަތް ކުރަމުންދިޔައެވެ.
''މާބޮޑަށް އެކަނިވީދޯ.......... ތެދުވެ، މޫނުދޮވެލައިގެން ހިނގާބަލަ ސިޓިން ރޫމަށް............ ތި ހުރިހާ އުދާސްކަމެއް ފިލައިގެން ހިނގައިދާނެ..........އަދި ދަރިފުޅު ނުވެސް ކަމެއްނު........ ހިނގާ ........... މަންމަވެސް ކާނަން ދަރިފުޅާއެކު............'' ސަރީފާ ނިކަން ލޯބިން ޒާރާގެ ބޮލުގައި ފިރުމާލިއެވެ. ޒާރާ ނުކާކަން ސަރީފާއަށް އެނގުނީ ކާމޭޒުމަތީގައި ކާއެއްޗިހި މަތިޖެހިގޮތަށް ހުރީމައެވެ.
ޒާރާއަށް އިންކާރު ކުރާކަށް ނުކެރުނެވެ. ދައްކާނެ ބަހަނާއެއްވެސް ނެތެވެ. އެހެން ނޫނަސް ޒާރާވެސް މިވަގުތު ބޭނުމީ ކޮޓަރިން ނިކުންނާށެވެ. އެކަނި ހުރުމުގެ ބަދަލުގައި މައިދައިތައާއެކު ހުންނަން މިވަގުތު އޭނާ ބޭނުންވާތީއެވެ. ޒާރާ އެކަނިވާއިރަށް އާދިލްގެ އުނދަގޫ ފޯރާނެކަން އެނގޭތީއެވެ.
ބޭރުގައި ހުރި އާދިލް ވަގުތުގެ ބޭނުންހިފައި، ބެލްކަނިން ނިކުމެވެންހުރި ދޮރުން ޓެރަސްއަށް ނިކުތެވެ. ނަސީބު ރަނގަޅުކަމުން ޓެރަސްއިން ސިޓިންރޫމަށް ވަދެވެންހުރި ދޮރު ހުރީ ތަޅު ނުލައެވެ. އެހެންކަމުން އަވަސްއަވަހާ ނިކުމެގެން ދިޔައީ އަދިވެސް އެނބުރި އައުމަށް އަމިއްލަ ނަފުސަށް ވަޢުދުވަމުންނެވެ. ޒާރާގެ ލޯބި ލިބެންދެން އާދިލް ހިތްވަރު ކުރަން އަޒުމް ކަނޑައެޅިއެވެ. އާދިލް ގަބޫލުކުރާގޮތުގައި ޒާރާ ލިބެންޖެހޭނީ އާދިލަށެވެ. އެއީ އޭނާގެ އަލަތު ލޯތްބެވެ. އެ ލޯބި ހިތުން ފިލުވާލުމަކީ އާދިލްއަށް ކުރެވޭނެ ކަމެއް ނޫނެވެ.
***************
ޒާރާ މޫނުދޮވެލުމަށްފަހު ތުވާލިން ފެންހިއްކާލިއެވެ. ކުރިމަތީގައިހުރި ލޯގަނޑުން ޒާރާއަށް އޭނާގެ އަމިއްލަ މޫނަށް ބަލާލެވުނެވެ. އެއްވެސް އުފާވެރިކަމެއް ނެތް ނޫމެކެވެ. ރުއިމުގެ ސަބަބުން ލެދޯ ވަނީ ރަތްވެފައެވެ. އެ ރީތި ތުންފަތް ވަނީ ކުރަކިވެފައެވެ.
''މި ލޯބި ލޯބި ދެލޮލުން އެންމެ ކަރުނަތިއްކެއް ވެއްޓޭތަން ދެކެންވެސް މި ހިތަކަށް ކެތެއް ނުވާނެ............. ޒާރާގެ ތި ރީތި ދެލޮލުން ފެންނަންވާނީ އުފާވެރިކަން............ ދެން ނުރޯތި............... ޒާރާ ރޯން ޖެހޭވަރު އެއްވެސް ކަމެއް އަހަރެން ނުކުރާނަން............. ހަގޯގީލޯބިވާ އެއްވެސްމީހަކު އެމީގެ ބައިވެރިޔާ ނުރޮއްވާނެ.............'' އިމްރާން ބުނެފައިވާ ޖުމްލަ ޒާރާގެ ކަންފަތުގައި ގުގުމާލިއެވެ. އެއީ ޒާރާ ކޮންމެވެސް ކަމަކާ ރުއި ދުވަހަކު އިމްރާން ޒާރާގެ ލޮލުން ފައިބަމުންދާ ކަރުނަ ފޮހެދެމުން ބުނެލި ބަސްތަކެއް ނަމަވެސް އެ ބަސްތައް ޒާރާގެ ކަންފަތުން ވަކިނުވެ ހުރެއެވެ. ހިތް ދަތިވެ ރޮވޭ ކޮންމެ ފަހަރަކު އެވާހަކަތައް ހަނދާން އާވެއެވެ.
ތެދެކެވެ. ލޯބިވާ މީހަކު އެމީހާގެ ބައިވެރިޔާގެ ލޮލުން ކަރުނަ ހިލުނަކަ ނުދޭނެއެވެ. ލޯބި ހާސިލްކުރުމަށް ބާރުގެ ބޭނުމެއްވެސް ނުކުރާނެއެވެ. އަދި ލޯތްބެއް ވެވި، އެ ލޯބި ހާސިލްވާން ނެތް ހާލަތުގައިވެސް ވެވުނު ލޯތްބަށް ޤަދަރު ކުރާނެއެވެ. ގަދަކަމުން ލޯބި ހާސިލް ކުރަން އުޅުމުން އެ ލޯބީގައި ނަފުރަތުގެ ކުލަޖެހި ވެވުނު ލޯބި ފޫއްސަށް ބަދަލުވެގެންދަނީ މަދުފަހަރަކު ނޫނެވެ.
މޫނުގައި ކްރީމް އުނގުޅާލުމުން ކުޑަކޮއް ތާޒާކަމަށް ދައްކައެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން މައިދައިތައާއެކު ޒާރާ ނިކުތީ ސިޓިރޫމަށެވެ. އެވަގުތު އަނދިރިކޮއް އޮތް ސިޓިންރޫމް ބޮކި ދިއްލާލުމާއެކު ޒާރާއަސް ލިބުނީ ހައިރާން ކަމެކެވެ. ސޯފާމޭޒުމަތީގައި ބަހައްޓާފައިވާ ރީތި ކޭކާ، ކޭކުކައިރީގައި ބާއްވާލާފައި އޮތީ ރީތި މާބޮނޑިއެކެވެ.
''މަންމަ ބުނީމެއްނު................ މީ ދަރިފުޅުގެ އުފަންދުވަހުގެ ހަދިޔާ........... އިމްރާން މަންމަގާތު މާކުރީއްސުރެ ބުނެފައި އޮތީ މިރެއަށްޓަކައި ހާއްސަ ކޭކަކާ މާބޮނޑިއެއް ތައްޔާރުކުރަން............. '' ސަރީފާ ހިނިތުންވެލިއެވެ.
ޒާރާގެ ހިތުން ހުރިހާ އުދާސްކަމެއް ފިލައިގެން ދިޔަކަހަލަ އެވެ. ހިތަށް ބަޔާން ނުކުރެވޭ އުފާވެރިކަމެއް އިހްސާސްކުރެވުނެވެ.
''އާދޭ ކޭކުފަޅަން............ މަންމަ ފޮޓޯ ނަގާދޭނަން...............'' ރިބަންކޮޅު އައްސާލާފައިވާ ވަޅި ޒާރާއަށް ދިއްކޮއްލަމުން ސަރީފާ ބަލާލީ ޒާރާގެ މޫނަށެވެ.
ކޭކުފަޅާ ނިމިއްޖެއެވެ. ސަރީފާނެގި ފޮޓޯތައް ވަގުތުން އިމްރާނަށް ފޮނުވިއެވެ. އަދި މައިދައިތަގެ ފޯނުން އިމްރާނާ ޒާރާ ވާހަކަދެއްކިއެވެ. އާދައިގެ ގޮތަކަށް ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް ޒާރާއަށް އައިސްފައިވާ ބަދަލު އިމްރާނަށް ފާހަގަ ކުރެވުނެވެ. އެ އަޑުގައި ތަފާތުކަމެއް ވާކަން އިމްރާން ދެނެގަތީ ނުހަނު ހުޝިޔާރު ކަމާއެކުގައެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން އެކަމާ ބެހޭއެއްވެސް ސުވާލެއް ނުކުރުމަށް އިމްރާން ނިންމިއެވެ.
މީގެ ކުޑަހިނދުކޮޅެއް ކުރިން ޒާރާގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުން ފިލައިގެން ދިޔައީ ހުރިހާކަމެއްނިމި ކޮޓަރިއަށް ވަންނަން ވުމުންނެވެ. އަލުން އެނބުރި ކޮޓަރިއަށް ވަންނަން ޒާރާ ޖެހިލުންވިއެވެ.
''އާދޭ ދަރިފުޅާ.............. ދަރިފުޅު ނިދަންދެން މަންމަ އޮންނާނަން ސޯފާގަ.................'' ޒާރާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ބެލްކަނީ ދޮރުން ބޭރުގައި އާދިލް ހުރިތޯ ބަލާލަން ޒާރާ ބޭނުންވިނަމަވެސް މައިދައިތަ އަށް ޝައްކުވެދާނެތީ ޒާރާ ނިންމީ އަޅާނުލާށެވެ. އެހެންނަމަވެސް ދެވަނަ ފުރުސަތެއް އާދިލްއަށް ނުދޭން ޒާރާ އަޒުމް ކަނޑައެޅިއެވެ. އަދި މާދަމާ އިމްރާނަށް ހުރިހާ ވާހަކައެއް ކިޔައިދޭން ޒާރާ ނިންމިއެވެ. އެނޫން އެއްވެސް ހައްލެއް މިކަމުގައި ނެތްކަމަށް އޭނާއަށް ގަބޫލު ކުރެވޭތީއެވެ.
********
ދެދުވަސް ފަހެވެ. އިޝާ ނަމާދުކޮއްލުމަށްފަހު އާދައިގެ މަތިން ސަރީފާ އިށީނީ ޚަބަރު ބަލާށެވެ. ޓީވީ ހުޅުވާލިތަނާ ބެލްޖަހާލިއަޑު އިވުނެވެ. ބަސިދެތެރޭގައި ކެއްކުމުގެ މަސައްކަތުގައިހުރި ޖީނާ ވަގުތުން ހިނގައިގަތީ ދޮރާ ދިމާއަށެވެ. އެއީ ޖީނާގެ ރަނގަޅުކަމެވެ. މަސައްކަތުގައި ހުއްޓަސް ސަރީފާއަށް ކަމެއް ނުޖައްސާވޭތޯ އޭނާ އަބަދުވެސް ބަލައެވެ. ސަރީފާގެ އިތުރުން ގޭ އެންމެނަށް ނުހަނު އިހްތިރާމް ކުރެއެވެ. ސާފުތާހިރުކަމަށް ލޯބިކުރެއެވެ. ކެއްކުމުގެ ހުނަރު ރަނގަޅަށް ދަނެއެވެ. ސަރީފާވެސް ޖީނާއާ މެދު ކަންތައް ކުރަނީ ނުހަނު ރަނގަޅަށެވެ. މަހުންމަހަށް މުސާރަދެއެވެ. މުސާރައިގެ އިތުރުން އަންނައުނާ ރީތިވާ ސާމާނު ކޮންމެ މަހަކުވެސް ގަނެދެއެވެ. އެހެންކަމުން ޖީނާ އެގޭގައި މަސައްކަތް ކުރަނީ އަމިއްލަ ގެ ކަމުގައި ދެކެގެންނެވެ.
ދޮރުމަތީގައި ހުރި ފަހުދު ފެނުމުން ޖީނާ ހައިރާންވިއެވެ. ވަށައިގެން ހޯދާލެވުނީ އިމްރާނާ އަލިބެ ފެންނަން ހުރިތޯއެވެ. ޖީނާ އެއްޗެއް ބުނަން އަނގަހުޅުވާލިވަގުތު ފަހުދު އަތުގެ އިޝާރާތުން ހަނު ހުރުމަށް އެދުނެވެ. ފަހުދު ބޭނުންވަނީ އޭނާގެ ބޮޑުދައިތަ ސިއްސުވާލާށެވެ. ބޭރުގައި ފޮށި ބެހެއްޓުމަށްފަހު މަޑުމަޑުން އެތެރެއަށް ވަނެވެ. ޓީވީއަށް ގެއްލިފައި އިން ސަރީފާގެ ފުރަގަހުންގޮސް ސަރީފާގެ ބޮލުގެ ދެފަރާތުން ފަހުދު ހިފަހައްޓާލިއެވެ. ސަރީފާއަށް ލިބުނީ ސިހުމެކެވެ. ފަހަތުގައިހުރީ ކާކުތޯ ބަލާލަން ސަރީފާ ކިތަންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އެހެންނަމަވެސް ކުރިމަތީގައި ހެވިފައި ހުރި ޖީނާ ފެނުމުން ސަރީފާގެ ހާސްކަން ފިލައިގެންދިޔައެވެ
''އިމްރާން ތަ.................. ހަމަ އެ ސެންޓްގެ މީރުވަސް............. '' ސަރީފާ ފަހުދުގެ އަތުގެ އިނގިލިތަކުގައި އަތް ކާއްތާލަމުން ބުނެލިއެވެ.
''ބޯއްތާ.......... އިމްރާން ނޫން މީހަކު މި ސެންޓެއް ނުޖަހާނެޔޭ ދޯ ތިބުނީ............. '' ސަރީފާގެ ބޮލުން އަތް ދޫކޮއްލަމުން ފަހުދު ސޯފާގެ ތެރެއަށް ވެއްޓިގަތެވެ. ސަރީފާގެ އުނގުގައި ބޯއަޅާލައިގެން އޮށޯވެލިއެވެ. ކުރިން ލިބުނު ހައިރާން ކަމަށްވުރެ ބޮޑު ހައިރާންކަމެއް މިފަހަރު ސަރީފާއަށް ލިބުނެވެ. ސަބަބަކީ މިއަދުވެސް ބެންކޮކުން ފަހުދާ ސަރީފާ ވާހަކަދެއްކިއެވެ. އެކަމަކު އަންނަންއުޅޭ ކަމުގެ އެއްވެސް ވާހަކައެއް އިމްރާންވެސް ބުނެފައި ނުވާތީއެވެ.
''ދެން ތި އަނގަ ލައްޕަބަލަ.............. އިއްމަ އެއް ނާދޭ............. އަދި ވީކެއްވަރު ވާނެ އެމީހުން............... ހޮސްޕިޓަލުން ގުޅާވަރުން އަހަރެން މިއައީ................. ބޯއްތައަށް ސަޕްރައިޒެއް ދޭންވެގެން ނުބުނެ މިއައީ..........'' ފަހުދު ސޯފާގައި ހަމަޖެހިލަމުން ލޯމަރާލިއެވެ. ޒާރާގެ ރީތި ސޫރާ އޭނާގެ ލޯ ކުރިމަތީގައި އެނބުރިގަތެވެ. ކެތްތެރިކަން ކޮޅުންލާފައިވަނީ ޒާރާ ދެކިލުމަށެވެ.
''ފަހުދުގެ ކަންތައް ހުންނާނީ ތިހެން.............. ބޮޑެއް ނުވޭ ވިއްޔަ................'' ސަރީފާ ނުހަނު ލޯބިން ފަހުދުގެ ބޮލުގައި ފިރުމާލިއެވެ. އަމިއްލަ ދަރިއަކު ދެކެވާ ލޯބި އޭނާ ފަހުދު ދެކެ ވެއެވެ. އެންމެ ތުއްތު އިރުއްސުރެ ފަހުދު ބޮޑުވީ ސަރީފާގެ ލޯމަތީގައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ ހަތަރެއް ފެބްރުއަރީ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް