މާދަމާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ކޯވިޑް-19 ވެކްސިން ދޭން ފަށަން ނިންމައިފި އެވެ.
ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފެށީ އިއްޔެ އެވެ. މި ޕްރޮގްރާމް ފަށިއިރު ވެކްސިން ދެމުން ދަނީ އައްޑޫ ސިޓީ، މާލޭ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގެ އަށް ހޮސްޕިޓަލެއްގައި އެވެ.
އެޗްއީއޯސީން "ދުވަސް" އަށް މައުލޫމާތު ދެމުން ބުނީ މާދަމާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ދޭން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަނެއް ދުވަހު ސިއްހީ މަރުކަޒުތަކުގައި ކޯވިޑް ވެކްސިން ދޭން ފަށަން ތައްޔާރުވަމުން ދާ ކަމަށެވެ.
އެޗްއީއޯސީގެ އަމާޒަކީ ކުރިޔަށް އޮތް 10 ދުވަސް ތެރޭގައި ރާއްޖޭގައި ތިބި ހެލްތް އަދި ސޯޝަލް ވޯކަރުންނަށް ކޯވިޑް-19 ވެކްސިން ދިނުމެވެ. އޭގެ ފަހުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފްރޮންޓްލައިންގައި ހަރަކާތްތެރިވާ އެހެނިހެން ދާއިރާތަކުގެ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
ރާއްޖޭގައި 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންނަށް ކޯވިޑް ވެކްސިން ނުދޭނެ އެވެ.
މިވަގުތު ދެމުން ދަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯޑު އެކްސްޓްރަޒެނިކާގެ ކޮވިޝީލްޑް ވެކްސިނެވެ. މީގެ ވެކްސިން ފުޅިއަކުން10 ޑޯޒު ދެވެ އެވެ. މިހާޜު ރާއްޖެއަށް އިންޑިއާއިން ހަދިޔާ ކޮށްފައިވާ 100،000 ޑޯޒު ކޮވިޝީލްޑުން ވެކްސިން ދެވޭނީ ގާތްގަނޑަކަށް50،000 މީހުންނަށް ކަމަށް ލަފާ ކޮށްފައިވެ އެވެ.
އެޗްއީއޯސީން ކުރިން ބުނީ ކުރިޔަށް އޮތް ދެ މަސް ތެރޭގައި ރާއްޖޭގައި ވެކްސިން ދޭން ޖެހޭ އާބާދީއަށް ބޭނުންވާ ވަރަށް ކޯވިޑް ވެކްސިން ލިބޭނެ ކަމަށެވެ. އެގޮތުން ކޮވިފެސިލިޓީގެ ދަށުން ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ދޭ ވެކްސިން މި މަހުގެ ތެރޭގައި ލިބޭއިރު، ރާއްޖެ އިން ގަންނަ 70،000 ޑޯޒު އެޕްރީލް މަހުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް