ކޯވިޑް-19 ގެ ކޭސްތަކުގެ އަދަދު މިއަހަރު ފެށުނީން ސުރެ ހުންނަނީ 50 އިން މަތީގައި އެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ކޮންމެ ދުވަހަކު ކޯވިޑް-19 އަށް ޕޮސިޓިވްވާ އަދަދު 50 އަށްވުރެ އިތުރުވުމަކީ ރާއްޖޭގައި ބަލީގެ ހާލަތު ކޮންޓްރޯލުން ނައްޓައިގެން ގޮސްފައިވާ ކަމުގެ ހެއްކެވެ. ޕޮސިޓިވްވާ އަދަދު މަތިވަމުން ގޮސް އިއްޔެ ވަނީ އެއް ދުވަހާއި 215 މީހުން ކޯވިޑަށް ޕޮސިޓިވް ވެ ތިން ވަނަ ރާއްޅު ރާއްޖެއަށް އައިސްފައި އެވެ.
ކޯވިޑްގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ދަނިކޮށް މިއަދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މާނަ ފުން ޓުވީޓެއް ކުރައްވާފައި އެވެ. އެ ޓުވީޓުގައި ސީދާ ވިދާޅުވާން އުޅެނީ ކޮން ވާހަކައެއް ކަމެއް އެނގޭކަން ނެތެވެ. އެކަމަކު ނުސީދާކޮށް ވާހަަތަކެއް ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ ޓުވީޓުގައި ވިދާޅުވީ އަނެއްކާވެސް ސްކޫލްތައް ބަންދުކޮށް، ބޯޑަރު ބަންދު ކުރަމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށެވެ. ނަޝީދު ވިދާޅުވީ ބޭނުންތެރި ގޮތަކީ އަވަހަށް ވެކްސިން ޖަހައި ކޯވިޑް ކޮންޓްރޯލް ކުރުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ އެޗްޕީއޭ އާއި ހެލްތް މިނިސްޓްރީން އިތުރު އިޖުރާތުތައް އުފައްދަންވީ ވަގުތު ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބުއްދި ބެހެއްޓުމަށް ނަޝީދު ވަނީ އެޗްޕީއޭ އަށާއި ހެލްތް މިނިސްޓްރީއަށް ގޮވާލައްވާފައިވެ އެވެ.
https://twitter.com/MohamedNasheed/status/1356451669098123264
އާންމުކޮށް ނަޝީދު މިގޮތަށް ކުރައްވާ ޓުވީޓުތަކަކީ ސަރުކާރުގެ ތެރޭގައި މަޝްވަރާ ކުރަމުންދާ ކަމަކާއި މެދު އެމަނިކުފާނު ދެކެވަޑައިގެންނަވާ ގޮތް ހާމަ ކުރެއްވުމުގެ ގޮތުން ކުރައްވާ ކަމެކެވެ. މި ޓުވީޓުން ދޭހަވަނީ ކޮން ކަމެއް ހެއްޔެވެ.
ބެލެވޭ ގޮތުގައި ރައީސް ނަޝީދު އެ ވިދާޅުވީ އެޗްޕީއޭއިން މަޝްވަރާ ކުރަމުން ދަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް އަނެއްކާވެސް ރާއްޖެ ލޮކްޑައުނަކަށް ދިއުމުގެ ވާހަކަ އެވެ. ނަޝީދު އެވަނީ ރާއްޖެ ލޮކްޑައުންކުރުމާއި ދެކޮޅު ހައްދަވާފައި އެވެ.
އެމަނިކުފާނު މިދިޔަ އަހަރު ތިން މަހަށް ރާއްޖެ ލޮކްޑައުން ކުރުމާއިވެސް ދެކޮޅު ހެއްދެވި އެވެ. އޭރުވެސް ވިދާޅުވީ ބޯޑަރު ބަންދުކޮށް ރަށްތައް ބަންދު ކުރުމަކީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް ހައްލެއް ނޫން ކަމަށެވެ. އެމަނިކުފާނު އޭރު ވިދާޅުވީ ޕެނަޑޯލް ގުޅައެއް ދީގެން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ކޯވިޑަށް ފަރުވާ ދެވޭނެ ކަމަށެވެ.
އެކަމަކު ވާހަކަތައް ބަދަލު ކުރައްވައި ބަލީގެ ސީރިއަސްކަން އެނގިވަޑައިގެންނެވީ އެ ދުވަސްވަރު މަޖިލީހުގެ އިދާރާއަށް އެޗްޕީއޭގެ ޓީމަކުން ގޮސް ހިންގި ޕްރޮގްރާމެއްގައި ޑިރެލްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ދެއްވި މައުލޫމާތަކުން ކަމަށް ފަހުން ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ ޓުވީޓުތަކުގެ ވާހަކަ ދައްކާއިރު ކޯވިޑް ވެކްސިން ޖަހަން ފެށުމުގެ ތިން ދުވަސް ކުރިން އެމަކުފާނު ކުރެއްވި ޓުވީޓެއްގައި ވަނީ މިހާރު ލިބިފައި ހުރި ކޯވިޑް ވެކްސިން ވީހާވެސް އަވަހަކަށް ޖަހަން ބޭނުން ކަމަށް ވިދާޅުވެފައި އެވެ. އަދި އެމަނިކުފާނގުގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރެން ބޭނުން ނުވާކަމަށް ވިދާޅުވެފައިވެ އެވެ.
ކޯވިޑް-19 ވެކްސިން ޕްރޮގްރާމް އިއްޔެ ފަށާކަން އިއުލާނު ކުރީ އޭގެ ދެ ދުވަސް ފަހުން މިދިޔަ ހޮނިހިރު ދުވަހު އެވެ.
އެމަނިކުފާނު ވަނީ އިއްޔެ ޕްރޮގްރާމް ފެށުމާއި އެކު ވެކްސިން ޖައްސަވައި ރައްޔިތުންނަށް ކޯވިޑް ވެކްސިން ޖެހުމަށް ހިތްވަރު ދެއްވާފައި އެވެ.
ކޯވިޑްގެ ތިން ވަނަ ރާޅު ރާއްޖެއަށް އަރާފައި ވާއިރު ވައިރަސް އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނަައުމާއި ގުޅޭގޮތުން އެޗްޕީއޭއިން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
މިހާރު ރާއްޖޭގައި ކޯވިޑް ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 1،807 އަށް އަރާފައި އެވެ. އަދި މިހާރުވެސް ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން 184 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް