އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީ އާއި ބޮލީވުޑްގެ ބަލަތާ އަނުޝްކާ ޝަރުމާގެ ދަރިފުޅަށް ކީ ނަން ހާމަކޮށްފި އެވެ.
އެ ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބުނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. އަނުޝްކާ ވިހޭ ދުވަހުން ފެށިގެން ޕްރައިވަސީ ބޭނުންވާ ކަމަށް ބުނެ ދަރިފުޅު މީހަކަށް ނުފެންނާނެ ހުރިހާ ގޮތެއް ދެމަފިރިން ދަނީ ހަދަމުންނެވެ.
އަނުޝްކާ ވިހޭތާ ދެ ދުވަސްތެރޭ އިންޑިއާ މީޑިއާގައި އެނޫން ވާހަކައެއް ނެތް ނަމަވެސް ވިރާޓް ކަންތައް ކުރިގޮތުން އެމީހުން ބޭނުންވި ޕްރައިވަސީ އާއިލާއަށް ވަނީ ލިބިފައި އެވެ. އޭގެ ފަހުން އަނުޝްކާއަށް ދަރިއަކު ލިބިގެން އުޅޭ ވާހަކަ އާއި އެ ކުއްޖާގެ ފޮޓޯއެއް ނުލިބިގެން އުޅޭ ވާހަކަ ހުއްްޓުނެވެ.
ވިރާތް ވަނީ އަނުޝްކާ ވިހައިގެން ހޮސްޕިޓަލުގައި އޮތް އިރު ޕަޕަރާޒީންގެ އުނދަގޫ ބޮޑުވެގެން ހޮސްޕިޓަލުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި އެވެ. އަދި އަނުޝްކާ އޮންނަ ކޮޓަރިއަކަށް ގޮވާލަންދާ މީހުން ވަނުންވެސް މަނާ ކުރި އެވެ. ގެންދާ ހަދިޔާވެސް ބަލައެއް ނުގަނެ އެވެ.
އެހެންވެ އަނުޝްކާ ވިހޭ ވާހަކައިގެ އަޑުމަޑުވެފައި ވަނިކޮށެ އިއްޔެ އޭނާ ރަސްމީ ޓުވިޓާ އެކައުންޓުގައި ވަނީ ދަރިފުޅަށް ކިޔާ ނަން ހާމަ ކޮށްފައި އެވެ. އެ ދެމަފިރިންގެ ދަރިފުޅަށް ކިޔަނީ ވަމިކާ ޝަރްމާ ކޮއްލީ އެވެ. އަނުޝްކާ ބުނީ ވަމިކާ ލިބުމާއި އެކު އޭނާ އާއި ވިރާޓްގެ ދިރިއުޅުން އެހެން ހަރުފަތަކަށް ގެންގޮސްދީފި ކަމަށެވެ.
ކުޑަކުޑަ ވަމިކާ ވަނީ އެމީހުންގެ ރުއިމާއި އުފަލާއި ހާސްކަމާއި ގުޅިފައިކަމަށް ބުނެފައިވެ އެވެ. އަދި ދެމަފިރިންގެ ހިތް ވަމިކާއި އެކު އުފަލުން ފުރިފައިވާ ކަމަށް އަނުޝްކާ ބުންޏެވެ.
އޭނާ ވަނީ ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓާއި ލޯތްބަށް ޝުުކުރު އަދާކޮށްފައި އެވެ.
އަނުޝްކާގެ ޕޯސްޓާއި އެކު އާންމުކޮށްފައިވާ ފޮޓީގައި އަނުޝްކާ ހުރީ ދަރިފުޅު އަތް މައްޗަށް ލައިގެންނެވެ. އެކަމަކު ފޮޓޯއިން ފެންނަނީ އެ ކުއްޖާގެ ބޮލެވެ. މޫނެއް ނުފެނެ އެވެ.
މި ދެމީހުން ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް އަހަރެއް ފަހުން 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިޓަލީގައި އެވެ.
ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމާއި އެކު އަނުޝްކާ ވަނީ ބޮލީވުޑްގެ މަސައްކަތްތަކުން ބްރޭކެއް ނަގާފައިއެވެ. އޭނާ ކުރިޔަށް ސޮއިކޮށްފައިވާ އެއްވެސް ފިލްމެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް