N/A
ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ
މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމަށް ހާއްސާ ހަފްލާއެއް ބާސެލޯ ނަސަންދުރައުގައި
ބާއްވައިފިއެވެ.
މިރަސްމިއްޔާތުގައި ބޭންކަށް 15، 20، 30 އަދި 40 އަހަރު
ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕަރސަން
އަޙްމަދު ޢަލީ ޙަބީބްއާއި ބޯޑު މެންބަރުންނެވެ.
މި ހަފްލާގައި 43 މުވައްޒަފުންނަށް އެވޯޑު ދީފައި ވެއެވެ.
40 އަހަރުގެ ދިގު މުއްދަތެއްގައި ބޭންކަށް ޚިދުމަތްކޮށްފައިވާތީ ޗީފް ޕްރޮޕަޓީސް އެންޑް
އެޑްމިނިސްޓްރޭޝަން އޮފިސަރ ހަސަން ޝާމަށް ވަނީ ޚާއްސަ އެވޯޑެއް ދީފައެވެ. އަދި ބޭންކަށް
25 އަހަރު ޚިދުމަތްކޮށްދީފައިވާތީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު
ޝަރީފަށްވެސް ވަނީ އެވޯޑެއް ދީފައެވެ.

އެވޯޑު ލިބުނު މުވައްޒަފުންނާ މުޚާތަބުކުރައްވާ ޝަރީފް
ވިދާޅުވީ، މުއައްސަސާއެއް ކާމިޔާބުވެފައި ވަރުގަދަވަނީ އެ މުއައްސަސާއެއްގައި މަސައްކަތްކުރާ
މުވައްޒަފުންގެ ކިބާގައި ހުންނަ ރަގަޅު ސިފަތަކާއެކު، އެ މުއައްސަސާއަށް ހޭދަކުރެވޭ
ވަގުތުތަކާއި، އެ މުއައްޒަފުންގެ ހުނަރާ އަދި ޚާއްސަކޮށް އެ މުއައްސަސާއެއްގެ "މިޝަން"
ކާމިޔާބުކުރުމަށްޓަކައި މުވައްޒަފުންގެ ހުންނަ ޕެޝަންގެ ސަބަބުން ކަމަށެވެ.

"އެހެންކަމުން މި ބޭންކު މިއަދު ކާމިޔާބުކަމާއި
އެކު މިހިސާބަށް ވާސިލުވުމުގެ އަސްލަކީ ތިޔަބޭފުޅުން. އެހެންކަމުން ތިޔަކޮށްދެއްވި
އަގުހުރި ޚިދުމަތްތަކަށް ބޭންކުގެ ބޯޑާއި މެނޭޖްމެންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި
ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން" ޝަރީފް ވިދާޅުވިއެވެ.

99% އަށް ވުރެ ގިނަ
ދިވެހި މުވައްޒަފުންނާއެކު ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ
ގިނަ ވަޒީފާގެ ފުރުސަތުދޭ މުއައްސަސާއެވެ. މުވައްޒަފުންގެ ގާބިލުކަމާއި ހުނަރު ކުރިއެރުވުމަށާއި
ވަޒީފާގެ މައިދާނުގައި ކުރިއެރުން ހޯދައި ދިނުމަށް ބޭންކުން އަބަދުވެސް އެކިއެކި ޕްރޮފެޝަނަލް
ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގައެވެ. އަދި މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން
ކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ބާއްވައެވެ.

މުވައްޒަފުންގެ ކުރިއެރުމަށާއި މުވައްޒަފުންނާ ގުޅޭ
ގޮތުން ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ސަބަބުން " އޭޝިއަރސް ބެސްޓް
އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ޖެހިޖެހިގެން ގިނަ އަހަރުތަކައްގައި ބޭންކަށް ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް